ޑިމޮކްރެޓްސްގެ "ފަރުދީ ތަނަވަސްކަން، އަބުރުވެރި ހަޔާތެއް" މެނިފެސްޓޯ ލޯންޗުކުރުމުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު (މ)، ކެންޑިޑޭޓް އިލްޔާސް އަދި ރަނިން މޭޓް އަމްރު --- ދައުރު ފޮޓޯ/ ހުސެއިން ސުނޭން

ދަ ޑިމޮކްރެޓްސް

ސަރުކާރުން ހަރަދު ކުޑަ ކުރާ ތަނެއް ނުފެނޭ، ފިޔަވަޅުތައް އަވަސް ކުރޭ: ޑިމޮކްރެޓްސް

އަޅަން ގޮވާލި ފިވަަޅުތަކުގެ ތެރޭގައި މިނިސްޓްރީތައް މަދުކޮށް އެމްބަސީތަކާއި އެތަނުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ގޮވާލި

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ބޭރުން ގައުމުތަކުން ފައިސާ ލިބޭނެ ކަމަށް ބަލައިގެން ތިބުމުގެ ބަދަލުގައި ހަރަދު ކުޑަ ކުރަން އެޅެން ހުރި ފިޔަވަޅުތައް ވީހާވެސް އަވަހަކަށް އެޅުމަށް ޑިމޮކްރެޓްސްއިން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - ޑިމޮކްރެޓްސްއިން މި ގޮތަށް ގޮވާލީ، ރާއްޖޭގެ އިގްތިސާދީ ހާލަތު މިއަދު ވެއްޓިފައިވާ ހާލަތާ ގުޅޭ ގޮތުން އެ ޕާޓީގެ އޮފީސް، ހ. މައިޒާންދޮށުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ތަފްސީލު - ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވެރިކަމަށް ވާދަ ކުރެއްވި، ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް އާއި މިދިޔަ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހުސައިން އަމްރު އެވެ.

ދެ ބޭފުޅުންގެ ވާހަކައިގައި ވެސް އިގްތިސާދީ ހާލަތު މި ދަރަޖައަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންދާތަން ނުފެންނަ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ. 

މިއަދު މިހާލަތަށް އައި ސަބަބުތަކާ އެކު، ދަރަންޏާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، މި އަހަރު ފެށުނު އިރު ދައުލަތުގެ ޖުމްލަ ދަރަނި އޮތީ 120 ބިލިއަން ރުފިޔާއަށް އަރާފައި ކަމަަށެވެ. އެގޮތުން:

  • ރައީސް މައުމޫންގެ ވެރިކަމުގައި: 4.9 ބިލިއަން ރުފިޔާ އަރާފައިވޭ

  • ރައީސް ނަޝީދުގެ ވެރިކަމުގައި: 7.75 ބިލިއަން ރުފިޔާ އިތުރުވި

  • ރައީސް ވަހީދުގެ ވެރިކަމުގައި: 2.79 ބިލިއަން ރުފިޔާ އިތުރުވި

  • ރައީސް ޔާމީންގެ ވެރިކަމުގައި: 40.7 ބިލިއަން ރުފިޔާ އިތުރުވި

  • ރައީސް ސޯލިހުގެ ވެރިކަމުގައި: 63 ބިލިއަން ރުފިޔާ އިތުރުވި

"2018ގައި އެމްޑީޕީގެ ވެރިކަން ފެށުނުއިރު ޖުމްލަ ދަރަންޏަކީ 56.3 ބިލިއަން ރުފިޔާ. އެ ސަބަބާ ހެދި އަޅުގަނޑުމެން 2018ގައި ރިޔާސީ އިންތިހާބުގައި އެމްޑީޕީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތަކުރާރުކޮށް ވި އެންމެ މުހިންމު ވައުދަކީ، ދަރަނި ރީސްޓްރަކްޗާ ކުރުމޭ،" ޑިމޮކްރެޓްސް އުފެއްދުމާ ހަމައަށް، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިލްޔާސް ވިދާޅުވި އެވެ.

19 ވަނަ މަޖިލީހުގެ ބައްދަލުވުމެއްގައި އިލްޔާސް ވާހަކަ ދައްކަވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

މިދިޔަ ފަސް އަހަރު ތެރޭގައި އެމްޑީޕީ ތެރޭގައި ވެސް ހުންނަވާ އެ ވައުދު ފުުއްދުމަށް އެތައް ވަކާލާތެއް ކުރެއްވިކަމަށް އިލްޔާސް ވިދާޅުވި އެވެ. އަދި މިދިޔަ އަހަރު ނޮވެމްބަރުގައި ވެރިކަން ބަދަލުވެގެން ދިޔައިރު ވެސް އޮތީ އެ ވައުދު ނުފުއްދި ކަމަށާއި އޭގެ ބަދަލުގައި އެ ސަރުކާރުގައި 63 ބިލިއަން އިތުރުވިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ސަރުކާރުގައި ވެސް މިކަން [ދަރަނީގެ މައްސަލަ] ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާތަން އަޅުގަނޑުމެންނަށް ނުފެނޭ. އޭގެ ބަދަލުގައި މިދިޔަ ސަރުކާރުން ކުރި ގޮތަށް ހަރަދުގެ މައްޗަށް ހަރަދު ބޮޑުވަމުން، ވަމުން، ވަމުންދާތަން ފެންނަނީ،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ:

  • މި އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ، 34 ބިލިއަން ރުފިޔާ އަދި ހަރަދު ވާނެ ކަމަށް 49 ބިލިއަން ރުފިޔާ އެބަ އޮތް؛ މިއަހަރު އެކަނި އެބަ ޑެފިސިޓްވޭ 15 ބިލިއަން ރުފިޔާ

  • ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިފަހުން މަޖިލީހުގައި ވިދާޅުވެފައި ވަނީ މިހާރު ދާ ގޮތުން ހަރަދުވާނެ ކަމަށް ބެލެވެނީ 57 ބިލިއަން ރުފިޔާ ކަމަށް

  • އޭގެ ނަތީޖާއަކީ، މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 140 ބިލިއަން ރުފިޔާއަށް އަރާނެ 

  • ސިޔާސީ މަގާމުތައް އަދިވެސް ދަނީ އިތުރުވަމުން؛ އެއަށްވުރެ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގިނަ

"ކިހިނެއްތޯ އަޅުގަނޑުމެން ހިފަހައްޓާނީ؟ މި ދައުލަތް ނުހިފެހެއްޓޭނެ. އަޅުގަނޑުމެންނަށް މި ފެންނަނީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ނުކުރެވި، ހަރަދު ކުޑަ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ނުކުރެވޭތަން. އަދި ދަރަނިތައް ހައްލު ކުރުމަށް ރީސްޓްރަކްޗާ ކޮށްގެން ވެސް ނޫނީ ރީފައިނޭންސްކޮށްގެން ވެސް [އަދި] އެހެން ގޮތަކުން ވެސް ކުރާތަން ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

އެ ކަންކަން ނުކޮށް ސަރުކާރުގެ ފަރާތުން ފެންނަނީ، މާލީ ކަންކަމާ ގުޅޭ މައުލޫމާތުތައް ހިފަހައްޓައި ސިއްރު ކުރަމުންދާތަން ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ. 

"ސަރުކާރުން ލޯމަރާލާފައި ހަރަދު ކުޑަ ކުރަން އަޅަން ޖެހޭ ފިޔަވަޅު މިއަދު އަޅަން ޖެހޭނެ.. އަޅުގަނޑުމެން ބޭރު ގައުމުތަކުން ސަލާން ޖަހައިގެން، އިންޑިއާއިންނާއި ޗައިނާއިންނާއި ސައުދީ، މިޑިލް އީސްޓް ގައުމުތަކުން ލާރި ލިބޭނެ ކަމަށް ކިތްންމެ ވަރަކަށް ފްލައިޓްތަކަށް އަރައިގެން ދުއްވިޔަސް ނެތް ލިބޭކަށް. [އެެއީ] ދަރަނި މިއޮތީ 120 ބިލިއަނަށް އަރާފައި، ލިބެނީ 30 ބިލިއަން. ކާކުތޯ އެއްޗެއް ދޭނީ،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް މި ފެންނަނީ، މިނިވަން މުސްތަގިއްލު ބޭންކަކަށް ރައިސުލްޖުމްހޫރިއްޔާ ސަރުކާރުގެ ޑިޕާޓްމަންޓެންހެން، އަމުރުކުރައްވައިގެން ބެންކް ހިންގަވާތަން

އިލްޔާސް ލަބީބު

ނޫސްވެރިންގެ ބައްދަލުވުމުގައި އަމުރު ވަނީ  މިވަގުތަށް ސަރުކާރުން އަޅަން ޖެހޭ ބައެއް ފިޔަވަޅުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • އަމިއްލަ ފަރާތްތަކަށް ޑޮލަރު ވިޔަފާރިއަށް ހުއްދަ ދިނުމުގެ ބަދަލުގައި، ސީދާ ބޭންކަށް މާރު ކުރާ ގޮތަށް ބަދަލުކުރަން ޖެހޭ

  • ރެއަކާ ދުވާލަށް 500 ޑޮލަރަށް އެނދު ވިއްކާ ބައެއް ރިސޯޓުތައް އެބަހުރި، އެކަމަކު ވިއްކާ ކަމަށް ފެންނަން އޮންނަނީ 80 ޑޮލަރަށް؛ އޭގެން ޓެކްސް ދައްކަން ޖެހޭއިރު ދައުލަތަށް ވަންނަން ޖެހޭ ހަގީގީ ފައިސާ ނުވަދޭ. އެކަން އިތުރަށް ރެގިއުލޭޓް ކުރަން ޖެހޭ

  • ކެބިނެޓު ވެސް ކުޑަ ކުރަން ޖެހޭ؛ '22 މިނިސްޓްރީ ހަދާކަށް ނުޖެހޭ، 10 މިނިސްޓްރީން ރާއްޖެ ހިންގޭނެ

  • ބޭރުގެ އެމްބަސީތަކާއި އެތަނުގައި ތިބޭ މުވައްޒަފުންގެ އަދަދު ވެސް މަދުކުރަން ޖެހޭ

  • އަމިއްލަ ފަރާތްތަކަށް ދީފައިވާ ޑޮލަރު ވިޔަފާރީގެ ލައިސެންސް ބާތިލުކޮށް، ސީދާ ބޭންކަތަކަށް މާރު ކުރާ ގޮތަކަށް ހަދަން ޖެހޭ

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ޒިންމާ އަދާ ނުކުރާތީ އެކަމާވެސް އަމްރު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭނާ އެދިވަޑައިގެންނެވީ، މަޖިލީހުން ސަރުކާރު ޒިންމާދާކުރުވުމަށް މަސައްކަތްކޮށްދެއްވައި ސަރުކާރު ތެރެއިން މާލީ ހާލަތާ ގުޅޭ މައުލޫމާތު ހޯދައިގެން އެކަންކަން ހާމަކޮށްދެއްވުމަށެވެ.

"ރައްޔިތުންގެ މަޖިލިސް އޮންނަން ޖެހޭނީ، ރައީސް އޮފީހުގެ ގުވަނެއްގެ ގޮތުގައެއް ނޫން. ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، މިކަމުން އަރައިގަންނަން މަސައްކަތް ކުރަން ޖެހޭ އެބަ،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމްރު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ގުޅުން ހުރި - އިއްޔެ ގައުމީ ބޭންކް، ބީއެމްއެލްއިން ޑޮލަރު ލިބުމުގެ ތާށިތަކެއް ހުރެގެން ބައެއް ފިޔަވަޅުތަކެއް އެޅި އެވެ. އޭގެ ތެރޭގައި ރުފިޔާ ކާޑުން ޑޮލަރު ނުކެޑޭ ގޮތަށް ހެދި އެވެ. ނަމަވެސް އެ ނިންމުމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތަކާ އެކު ސަރުކާރާއި އެމްއެމްއޭއާ މަޝްވަރާކުރުމަށް ފަހު އެ ފިޔަވަޅު އަނބުރާ ގެންދަން ބީއެމްއެލްއިން ނިންމި އެވެ.

އެ ފިޔަވަޅު އަބުރާ ގެންދިޔުމުން އެކަމުގެ ކަންބޮޑުވުން ވެސް ޑިމޮކްރެޓްސްއިން ފާޅު ކުރި އެވެ. އަދި ސަރުކާރުން ބީއެމްއެލްގެ ހިންގުމަށް ވަންނަނީ ކަމަށް ވިދާޅުވެ، އެކަމާވެސް ހިތްހަމަ ނުޖެހުން ފާޅު ކުރި އެވެ.

"މިއީ، ވަރަށް ހިތާމަ ހުރި ކަމެއް. ސަރުކާރުގެ ހިއްސާ އެބަ އޮތް. [ނަމަވެސް] އަޅުގަނޑުމެންނަށް މި ފެންނަނީ،  މިނިވަން މުސްތަގިއްލު ބޭންކަކަށް ރައިސުލްޖުމްހޫރިއްޔާ ސަރުކާރުގެ ޑިޕާޓްމަންޓެންހެން، އަމުރުކުރައްވައިގެން ބޭންކް ހިންގަވާތަން،" މިއީ، ކަސްޓަމަރުންގެ އިތުބާރު ގެއްލެން ދިމާވާނޭ ސަބަބެއްގެ ގޮތުގައި ސިފަ ކުރައްވާ އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް ބެންކިންގެ ގާނޫނާއި ކުންފުނިތަކުގެ ގާނޫނު އަދި ކޯޕަރޭޓް ގަވަނަންސް ކޯޑް އެކީ ފުނޑާލިތަން އިއްޔެ ލައިވް ޓިވީގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. ރާއްޖޭގެ ފައިނޭންޝަލް ސެކްޓާއަށް އޮތް އިތުބާރު ގެއްލިގެން ދިޔައީ، ވެއްޓިގެން ދިޔައީ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް