ބީއެމްއެލްއިން މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ ކާޑު ނިންމުން މަޝްވަރާއާ ހިލާފު؛ ބަދަލުކުރީ އެމްއެމްއޭގެ އެހީ ދޭ ގޮތަށް: ސަރުކާރު
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި އާ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް މިއަދު ހެދީ ސަރުކާރާ އެކު ކުރި މަޝްވަރާތަކާ ހިލާފަށް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ފާހަގަކޮށްލެވޭ - އެ ނިންމުން ބޭންކުން މިއަދު ހަވީރު ބަދަލުކުރީ މަރުކަޒީ ބޭންކް، އެމްއެމްއޭން ބީއެމްއެލްއަށް ބޭރު ފައިސާ ހޯދުމުގައި އެހީތެރިކަން ދޭ ގޮތަށް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ވީ ކިހިނެއް؟ - ހަތަރު ވަޒީރަކު އެކުގައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ އިކޮނޮމިކް ކައުންސިލާއި ބީއެމްއެލްއާ ދެމެދު މަޝްވަރާކޮށް ނިންމާފައި އޮތީ ޑޮލަރު ލިބުން މިވަގުތު ދަތި ނަމަވެސް ކާޑު ލިމިޓްތަކަށް ބަދަލު ނުގެންނަން ކަމަށެވެ. ނަމަވެސް ބޭންކުގެ ތެރޭގައި އެ ރޫހު ފަހުން ބަދަލުވެ ނިންމުމަކާ ހަމައަށް ބީއެމްއެލްއިން ކުއްލިއަކަށް އައީ ކަމަށް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި:
-
ރައީސް ބޭނުންފުޅުވީ ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ޑޮލަރު ލިބޭނޭ ގޮތަށް ދަތިނުވާނޭ ގޮތަށް ބީއެމްއެލްއިން ކަންކަން ކުރަން
-
ކުދި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ނުލިބި ވިޔަފާރި ހުއްޓޭނޭ ގޮތަކަށް އަމަލު ނުކުރަން ރައީސް އެދިވަޑައިގެން އެގޮތަށް ބޭންކުން އެއްބަސްވި
-
އެކަމަކު ބީއެމްއެލްއިން އެންމެ ފަހުން މަޝްވަރާކޮށް އެއްބަސްވި ގޮތާ ހިލާފަށް ނިންމުން ނިމިގެން އައީ
"ކާޑުގެ ލިމިޓޭޝަން ގެނައިރު އެންމެ އެކަށީގެންވާ ގޮތަކަށް ނޫން އެކަން ކުރީ. ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ކުދިން އެބަތިބި. ކުދި ވިޔަފާރިތައް އެބަތިބި އެއަކަށް ބެލިގެނެއް ނުދިޔަ. އެ ހިސާބުން ކޯޕަރޭޓް ގަވަނަންސް އުސޫލުން ސަރުކާރުން އިންޓަވީން ކުރީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުގެ ހައިސިއްޔަތުން،" ސައީދު ވިދާޅުވި އެވެ.
"ރައީސް ހަމަ އެކަން ނުކުރަން ސީދާ އަންގަވާފައި އޮއްވާ އެކަން ބޭކުން އެ ކުރީ."
އޭނާ ވިދާޅުވީ ބޭންކަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރަން އެމްއެމްއޭން އިތުރަށް އެ ބޭންކަށް ޑޮލަރު ދެވޭނެ ގޮތްތަކެއް ކުރިއަށް އޮތްތާ ރާވާނާ ކަމުގެ ޔަގީންކަން މިހާރު ދީފައިވާ ކަމަށެވެ. އަދި ބޭންކުގައި ދައުރުވާ ބޭރު ފައިސާ އިތުރުކުރަން ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު ވެސް ބޭންކުން އެ ބުނާ ކަންކަން ކޮށްދެވެން އޮތީ. ނުކޮށްދެވޭ ވަރު ކަންކަމެއް ނޫން އެއީ. އެ އެޝުއަރެންސް އަޅުގަނޑުމެން ބޭންކަށް ދިނީ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބީއެމްއެލްއިން ގެނައި ބަދަލު ބާތިލްކުރީ އެ ބޭންކުގެ އަމިއްލަ ހިއްސާދާރުން ކަމަށްވާ ޗަމްޕާ ހުސެއިން އަފީފާއި މުހައްމަދު މޫސާ (އުއްޗު) ފަދަ ބޭފުޅުން ވެސް އެގޮތަށް އެއްބަސްވެގެން ކަމަށެވެ. އަދި އެބޭފުޅުން ވެސް ދިވެހި ރައްޔިތުންނަށް ޓަކައި އެ ބަދަލު ގެންނަން ބޭނުންފުޅުވި ކަމަށް ވިދާޅުވި އެވެ.
މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮންމެ އަހަރަކު ވެސް ސެޕްޓެމްބަރަކީ ޑޮލަރު ލިބުން ދަށްވާ ދުވަސްކޮޅެއް ކަމަށެވެ. އެއީ އަލަށް ރާއްޖޭގައި ވާކަމެއް ނޫންކަން ފާހަގަ ކުރައްވާ ޝަފީގު ވިދާޅުވީ ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީ ހިސާބުގައި ޑޮލަރު ރާއްޖެއަށް ލިބޭވަރު އިތުރުވާނެ ކަމަށެވެ.
"މިއީ ސަޕްރައިޒެއް ނޫން. ސީޒަނާ އެކު މި މައްސަލަ ރަނގަޅުވެގެން އަންނާނެ،" ޝަފީގު ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވީ ބީއެމްއެލްގެ ނިންމުން އައީ މަޝްވަރާ ކުރެވުނު ގޮތަކަށް ނޫން ކަމަށެވެ. އަދި ސަރުކާރާ އެކަމާ އެކަށީގެންވާ ވަރަކަށް މަޝްވަރާ ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.