ބިދޭސީން ގަވައިދުގެ ތެރެއަށް ވެއްދުމަށްޓަކައި ކުރީ ސަރުކާރުން ހިންގި ހަރަކާތުގައި ބައިވެރިވުމަށް ބިދޭސީން ގަލޮޅުދަނޑުގައި (ފައިލް ފޮޓޯ)
އެއް ގައުމަކުން ގިނަވެގެން ގެނެވޭނެ ބިދޭސީންގެ އަދަދު އުވާލަން މަޖިލީހުން ފާސްކޮށްފި
އެއް ގައުމަކުން ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ 100،000 މީހުންގެ އަދަދު އުވާލުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު މިދިޔަ މަހުގެ ފަހުކޮޅު މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މަސައްކަތް ނިންމައި ބިލު ދިރާސާ ކުރި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ވޯޓަށް އަހާފަ އެވެ.
ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން ބިލު ފާސްވެފައި ވަނީ 65 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ.
ތަފްސީލު - އެއް ގައުމަކުން ބިދޭސީން ގެނެވޭނެ އަދަދު މިހާރު އޮންނަނީ ސީދާ ގާނޫނުގައި ކަނޑައަޅާފަ އެވެ. އެއީ ގިނަވެގެން 100،000 މީހުންނެވެ. ނަމަވެސް، އިސްލާހު ހުށަހަޅާފައި ވަނީ، އެ އަދަދު ގާނޫނުގައި ކަނޑައެޅުމުގެ ބަދަލުގައި ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން އެ އަދަދު ކަނޑައެޅުމަށެވެ. އެގޮތުން، އިސްލާހުގައި ބުނަނީ:
-
އެ ގަވައިދުގައި، އަހަރެއްގެ ތެރޭގައި ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅިދާނެ
-
އެގޮތަށް ކަނޑައެޅުމުގައި، އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަރަށް ބިނާކޮށް، ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތަކެއް ކަނޑައެޅިދާނެ
ބިލު ހުށަހެޅި އިރު، ބިދޭސީން ގެނެވޭނެ އަދަދުތައް ގަވައިދުގައި ކަނޑައެޅުމަށް އިހްތިޔާރީ ކަމަށް ދޫކޮށްފައިވީ ނަމަވެސް، ކޮމިޓީ މަރުހަލާގައި ބިލުގެ އެ މާއްދާތަކުގައި ވަނީ އެއީ ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ހިމަނާފަ އެވެ. އަދި އެގޮތަށް އަދަދުތައް ކަނޑައެޅުމަށް ފަހު، ކޮންމެ އަހަރަކު ދެ ފަހަރު އާންމު ކުރަން ވާނެ ކަމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ.
ބިދޭސީންގެ އަދަދުތައް ގަވައިދުގެ ދަށުން އަލުން ކަނޑައަޅާއިރު، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ސަބަބުން ވަޒީފާގެ ބާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި އެސެސްޓަމްންޓެއް ހަދަން ވާނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ. އަދި މި ކަންކަން ކުރަން ޖެހެނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
ކޮމެންޓް (1)
ސިކުނޑި