ރާއްޖެ އައި ބިދޭސީއަކަށް އިމިގްރޭޟަނުން ހިދުމަތް ދެނީ (ފައިލް ފޮޓޯ/ އިމިގްރޭޝަން)
ބިދޭސީންގެ ފީތައް ކޮންމެ ދޮޅު އަހަރަކުން ބޮޑުކުރެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި
ބިދޭސީ މަސައްކަތްތެރިން ކޮންމެ މަހަކު ދައްކަން ޖެހޭ ވޯކް ޕާމިޓް ފީ އަދި ކޮންމެ އަހަރު ދައްކަން ޖެހޭ ކޯޓާ ފީ، ކޮންމެ ދޮޅު އަހަރަކުން އެއް ފަހަރު ބޮޑު ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު މިދިޔަ މަހު ފަހުކޮޅު މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މަސައްކަތް ނިންމައި ބިލު ދިރާސާ ކުރި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފަ އެވެ.
ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން ބިލު ފާސްވެފައި ވަނީ 65 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ.
ކޮމިޓީ މަރުހަލާގައި މި އިސްލާހުތަކާ ދެކޮޅަށް ވަކާލާތު ކުރެއްވި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ވޯޓު ނެގި ވަގުތު ތަޅުމުގައި އިންނެވި ނަމަވެސް، މި ވޯޓުގައި އޭނާ ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ތަފްސީލު - ވޯކް ޕާމިޓް ފީ އަދި ކޯޓާ ފީގެ ގޮތުގައި ފައިސާ ދައްކަން މިހާރު އޮންނަ އަދަދަކީ ސީދާ ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި އޮންނަ އަދަދެކެވެ. އެއީ:
-
ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350ރ.
-
ކޯޓާ ފީގެ ގޮތުގައި އަހަރަކު 2،000ރ.
އިސްލާހުގައި ވަނީ، އެ އަދަދަކީ ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ގިނަވެގެން ކޮންމެ ދޮޅު އަހަރަކުން ބަދަލު ގެނެވޭ ގޮތަށެވެ. އެގޮތުން، އެ އިސްލާހުގައި ބުނީ:
-
މަދުވެގެން ކޮންމެ ތިން އަހަރަކުން އެއް ފަހަރު ނުވަތަ ގިނަވެގެން 18 މަސްދުވަހުގެ (ދޮޅު އަހަރުގެ) މުއްދަތަކަށް ވުރެ ކުރު ނުވާނެ ގޮތުގެ މަތިން މުރާޖައާކޮށް، އެ ދެ ފީއަށް ވެސް ބަދަލުތައް ގެނެވިދާނެ
-
މުރާޖައާކުރުމަށް ފަހު ކަނޑައަޅާ ފީ އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ %30އަށް ވުރެ އިތުރު ވެގެން ނުވާނެ
އެހެންކަމުން، މިހާރު ވޯކް ޕާމިޓްގެ ގޮތުގައި ނަގާ ފީ 350ރ. އިން 455ރ.އާ ހަމައަށް ފުރަތަމަ ފަހަރަށް ބޮޑު ކުރެވޭނެ އެވެ. އަދި ކޯޓާ ފީ 2،000ރ. އިން 2،600ރ.އާ ހަމައަށް ބޮޑު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ދެން މި ބިލުގައި ސަރުކާރުން ހިމަނާފައިވާ އިސްލާހަކީ ބިދޭސީން ގެންނަ ފަރާތްތަކުން މިނިސްޓްރީގައި ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓާ ގޮތަަށް ހެދުމެވެ. ނަމަވެސް ވަކި އަދަދެއް ބަޔާންކޮށްފައި ނުވެ އެވެ.
ކޮމިޓީ މަރުހަލާގައި ވަނީ، އެ ގޮތަށް ބަހައްޓާ ސެކިއުރިޓީ ޑިޕޒިޓަކީ އެ ބިދޭސީ މިހާ އޭނާގެ ގައުމަށް އަނބުރާ ފޮނުވާލުމަށް ޓިކެޓަށް ހޭދަވާ އަދަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ބަޔާންކޮށްފަ އެވެ.