މާމިގިލި ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ގާސިމް އިބްރާހިމް މަޖިލިސް ޖަލްސާއެއްްގައި ވާހަކަ ދައްކަވަނީ. (ފައިލް ފޮޓޯ/ މަޖިލިސް)

ގާސިމްގެ ރުޅި ފަޅައިގެން؛ 'ޓެކްސް ބޮޑުކުރަން ސަރުކާރަށް ޗެކް ފޮތެއް ނުދެވޭނެ'

ގާސިމް ވިދާޅުވި ގޮތުގައި ވިސާ ފީ އާއި ވޯކް ޕާމިޓް ފީ ބޮޑު ކުރުމަކީ ސަރުކާރު ދެކެ ރައްޔިތުން ނަފްރަތު ކުރާނެ ކަމެއް

ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެންނަން ދައްކަން ޖެހޭ ވިސާ ފީ އާއި ވޯކް ޕާމިޓް ފީ ބޮޑު ކުރުމަށް ދެކޮޅު ހައްދަވައި، ޓެކްސްތައް ބޮޑު ކުރަން ސަރުކާރަށް "ޗެކް ފޮތެއް ނުދެވޭނެ" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެފަދަ އިސްލާހަކީ ގާސިމް ސިފަ ކުރެއްވި ގޮތުގައި "ސަރުކާރު ވައްޓާލަން ރައްޔިތުން ނުކުމެދާނެ" ފަދަ އިސްލާހެކެވެ.

އެނގުން މުހިންމު - ވޯކް ޕާމިޓް ފީ އަދި ކޯޓާ ފީގެ ގޮތުގައި ފައިސާ ދައްކަން މިހާރު އޮންނަ އަދަދަކީ ސީދާ ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި އޮންނަ އަދަދެކެވެ. އެއީ:

  • ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350ރ.

  • ކޯޓާ ފީގެ ގޮތުގައި އަހަރަކު 2،000ރ.

އެ ފީތައް ގަވައިދަށް ގެންނަ އިސްލާހަކުން ބޮޑު ކުރެވޭ ގޮތަށް ސަރުކާރުން ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ. އެއީ، ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ގިނަވެގެން ކޮންމެ ދޮޅު އަހަރަކުން އެ ފީއަށް ބަދަލު ގެނެވޭ ގޮަތަށް ހެދުމަށެވެ. އެގޮތުން:

  • މަދުވެގެން ކޮންމެ ތިން އަހަރަކުން އެއް ފަހަރު ނުވަތަ ގިނަވެގެން 18 މަސްދުވަހުގެ (ދޮޅު އަހަރުގެ) މުއްދަތަކަށް ވުރެ ކުރު ނުވާނެ ގޮތުގެ މަތިން މުރާޖާކޮށް އެ ދެ ފީއަށް ވެސް ބަދަލުތައް ގެނެވިދާނެ ކަމަށް

  • މުރާޖާކުރުމަށް ފަހު ކަނޑައަޅާ ފީ، އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ %30އަށް ވުރެ އިތުރު ވެގެން ނުވާނެ

  • އެހެން ކަމުން މިހާރު ވޯކް ޕާމިޓްގެ ގޮތުގައި ނަގާ ފީ 350ރ. އިން 455ރ.އާ ހަމައަށް ފުރަތަމަ ފަހަރަށް ބޮޑު ކުރެވޭނެ؛ އަދި ކޯޓާ ފީ 2،000ރ. އިން2،600ރ.އާ ހަމައަށް ބޮޑު ކުރުމުގެ ފުރުސަތު އޮންނާނެ 

ވީ ކިހިނެއް؟ - އެ ފީތައް ބޮޑު ކުރުމަށް ދެކޮޅު ހައްދަވައި، ގާސިމް ވާހަކަ ދެއްކެވީ އެ ބިލު ދިރާސާކުރާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގަ އެވެ.

ތަފްސީލު - ގާސިމް އެގޮތަށް ވިދާޅުވުމުގެ ކުރިން އެ މާއްދާ އިސްލާހު ކުރުމަށް ކޮމިޓީގެ ބައެއް މެންބަރުން ހިޔާލު ހުށަހެޅުއްވި އެވެ.  ގާސިމް ވިދާޅުވީ:

  • ގާނޫނުން މި ބާރު ސަރުކާރަށް ދީފި ނަމަ، ވަގުތުން އެ ފީތައް ބޮޑު ކުރާނެ ކަމަށް

  • އޭގެ ސަބުން، އިންފްލޭޝަން މައްޗަށް ދިޔުމާއި މީހުންނަށް ދަތި ހާލު ޖެހުމާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ދެކޮޅު ނުޖެހުމާއި އިގްތިސާދު އިތުރަށް ހަލާކުވެ ގެން ދާނެ

  •  މިހާރު އޮތް ވީސާ ފީ އާއި ވޯކް ޕާމިޓް ފީގެ އަދަދު ރަނގަޅު؛ ބޮޑު ކުރާކަށް އެއްގޮތަކަށް ވެސް ނުފެނޭ

އެ މާއްދާ އިސްލާހު ކުރުމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހްމަދު އަޒާން ދެކޮޅު ހައްދަވައި އެ މާއްދާ އޮތް ގޮތަށް ބޭއްވުމަށް ހުށަހެޅުއްވި އެވެ.

"އަޅުގަނޑަށް ހީވަނީ، ސަރުކާރުން މި އިސްލާހުތައް ފޮނުވާނީ ވެސް ވަރަށް ބޮޑަށް ދިރާސާކޮށްފަހެން. އަޅުގަނޑުމެން މިއަށް ބަދަލުތައް ގެންނަން ވެއްޖިއްޔާ ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއަށް ވެސް އަސަރުކޮށްފާނެ،" އަޒާން ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

އަޒާން ވަހަކަ ދައްކަވަމުން ގެންދެވި ވަގުތުވެސް ގާސިމް ދިޔައީ އޭނާގެ ވާހަކަތަކަށް ދެކޮޅު ހައްދަވަމުންނެވެ. އަދި އަޒާންއަށް ނިސްބަތްކޮށް ބަހުގެ ހަމަލާތަކެއް ވެސް ގާސިމް ދެއްވި އެވެ.

"ރައްޔިތުން ފެލައިގެން ލާރި ނަގަން އުޅުނަސް، މުޅި ޕްރޮޖެކްޓް ކޮސްޓާއި މީހުންގެ ލިިވިން ކޮސްޓާއި ހުރިހާ އެޗެއް އަތް ނުފޯރާ ވަރަށް ބޮޑުވެގެން ދާއިރު، ސަލަމާތެއް ނުވާނެ. އެހެންވީމަ އެއްގޮތަކަށް ވެސް މި ލެވެރޭޖް ދޭކަށް ނުފެނޭ ސަރުކާރަށް. 2،000ރ. ބާއްވަން ޖެހެނީ، ދެން ބޮޑު ކުރަން ބޭނުން ނަމަ މި ގާނޫނު އިސްލާހު ކުރަން ފޮނުވަންވީ،" ރާއްޖޭގެ އެންމެ މުއްސަނދި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވި އެވެ.

"ހަމަ ގަވައިދު ހަދާލާފައި، ގަވައިދުން ޓަސް ލާފައި އޯޕަންކޮށް ޗެކްބުކެއް ދޭ ހެން، މީހުން އަތުން ޓެކްސް ނެގޭނެ ގޮތަށް އޮވެގެން ނުވާނެ."

ލައިވްކޮށޭ އަހަރެން ވެސް ވާހަކަ މި ދައްކަނީ. އަހަރެންނަށް މައްސަލައެއް ނެތޭ. ލައިވްކޮށް މިތާގައި މަނާ ވާހަކައެއް ނުދައްކައޭ. ސަރުކާރޭ ބުނީމަ އަހަރެން ތުރުތުރު އަޅާނެތަ؟ ސަރުކާރުގައި ތިބީ ކޮން ބައެއްތަ؟ ކޯއްޗެއް އެނގޭ ބައެއްތަ ތިބީ؟ ސަރުކާރުގައި ވަކި ތިބީ އަހަރެންނަށް ނޭނގޭ ވަކި ކޯއްޗެއް އެނގޭ ބައެއްތަ

ގާސިމް އިބްރާހިމް/ ޖުމްހޫރީ ޕާޓީގެ ލީޑަރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޓޫރިޒަމް ޓެކްސް އާއި ޖީއެސްޓީ ބޮޑު ކުރުމާއި މިނިވަން ވޭޖް ކަނޑައެޅުމުން  އެކަމާ ވެސް ދެކޮޅު ހެއްދެވި ގޮތަށް ގާސިމް މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ވެސް އެކަންކަމާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ.  

އެ ސަރުކާރުގައި "ޓަސް ލާފައި" ޓެކްސްތައް ބޮޑުކުރުމުން މިހާރު ވިޔަފާރިވެރިން ތިބީ "އިނދަޖެހިފައި" ކަމަށް ވެސް ވިދާޅުވި އެވެ.

އަޒާން ދެއްކި ވާހަކައަށް ރައްދު ދެއްވާ ގާސިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވިޔަސް ސަރުކާރުން ފޮނުވާހާ އެއްޗެއް، އެ ފޮނުވާ ގޮތަކަށް ފާސްކުރާކަށް ނުޖެހޭ

  • ސަރުކާރު ޒިންމާދާރު ކުރުވަން ވެސް މަސައްކަތް ކުރަން ޖެހޭ؛ މަޖިލިސް މެންބަރުން ހުވާކުރީ ގައުމަށް އިހްލާސްތެރިކަން އަދާކުރުމަށް

"މި [އިސްލާހު ފާސްކުރަން] ހެޔޮ ނުވާނެ، މިވަރު ކަމެއް ކޮށްފިއްޔާ ރައްޔިތުން ނުކުމެ މި ސަރުކާރު ނަގާ އެއްލައި ވެސް ލާފާނެ. އަހަރެމެން މި ތިބީ މި ސަރުކާރު ހިފަހައްޓައިދޭން [އަދި] އިހުލާސްތެރި ލަފާ ދޭން،" ގާސިމް ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން ގާސިމް ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

އޭނާ އެގޮތަށް ވިދާޅުވުމުން، މިއީ  ސަރުކާރުން ފޮނުވި ބިލެއް ކަމަށް މެންބަރަކު ވިދާޅުވާ އަޑު އިވެ އެވެ. އެ ހިސާބުން ގާސިމް ވަރަށް ބާރަށް ވާހަކަ ދައްކަވަން ފެއްޓެވި އެވެ.

"ސަރުކާރުން ފޮނުވީމަ، ސަރުކާރުން ބުނީމަ އެ ނިމުނީތަ؟" އަޑު ހަރުކޮށް ގާސިމް ވިދާޅުވި އެވެ.

އެއާ އެކު، މިއީ ލައިވްކޮށް ބާއްވާ  ބައްދަލުވުމެއްކަމަށް މެންބަރަކު ވިދާޅުވާ އަޑު އިވެ އެވެ. އެއާ އެކު ވެސް ގާސިމް އިތުރަށް ވާހަކަ ކުރިއަށް ގެންދެވި އެވެ. 

"ލައިވްކޮށޭ އަހަރެން ވެސް ވާހަކަ މި ދައްކަނީ. އަހަރެންނަށް މައްސަލައެއް ނެތޭ. ލައިވްކޮށް މިތާގައި މަނާ ވާހަކައެއް ނުދައްކައޭ. ސަރުކާރޭ ބުނީމަ އަހަރެން ތުރުތުރު އަޅާނެތަ؟ ސަރުކާރުގައި ތިބީ ކޮން ބައެއްތަ؟ ކޯއްޗެއް އެނގޭ ބައެއްތަ ތިބީ؟ ސަރުކާރުގައި ވަކި ތިބީ އަހަރެންނަށް ނޭނގޭ ވަކި ކޯއްޗެއް އެނގޭ ބައެއްތަ؟" ކޯފާވެ އިންނަވާ ގާސިމް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

އެއާ އެކު ގާސިމް ވިދާޅުވީ ވެރިންގެ ކައިރީގައި ގިނަ ވަނީ "ސަރުކާރެއް ހަލާކުކޮށްލަން ވާހަކަ ދައްކާ މީހުން" ކަމަށެވެ. އަދި މިފަދަ އިސްލާހަކީ، ސަރުކާރު ދެކެ މީހުން ނަފްރަތު ކުރަން ވައްދައިގެން އުޅޭ އިސްލާހެއްގެ ގޮތުގައި ވެސް ސިފަކުރެއްވި އެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ލޯބީގެ ކަތުރަކުން ބަޔަކު ގާނޫނެއް ހަދާ ފޮނުވީމަ، މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ލޯބީގެ ކަތުރަކުން ކަފާ ނިންމާލާކަށް. އެހެންވެ އަޅުގަނޑު ތާއީދު ނުކުރަނީ،" ކޮމިޓީ ބޮއިކޮޓް ކުރައްވާ ނުކުމެވަޑައިގަތުމުގެ ކުރިން ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ވިސްނުމަށް އެމްއެންޕީގެ ނާޒިމް ތާއީދު ކުރެއްވި

ގާސިމް އެގޮތަށް ވާހަކަ ދެއްކެވުމުގެ ކުރިން އެމްއެންޕީގެ ރައީސް މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވީ އެ ފީތައް ބޮޑު ކުރެވޭ މިންވަރު %10އަށް ހެދުމަށެވެ.

 ގާސިމްގެ ވާހަކަތަކަށް ފަހު، ނާޒިމް ވެސް ކޮންމެވެސް ވަރަކަށް ހިޔާލު ބަދަލުވެ، ގާސިމް ދެއްކެވި ބައެއް ވާހަކަތަކަށް ތާއީދުކުރެއްވި އެވެ.

"މާމިގިލީ ދާއިރާގެ މެންބަރު [ގާސިމް] ފާހަގަކުރެއްވީ، ވަރަށް މުހިންމު ނުކުތާއެއް. އަޅުގަނޑުމެންގެ އިގްތިސާދު މި ހާލަތުގައި އޮއްވާ މި އަދަދުތައް ބޮޑުކުރުމަށް ދިމާކުރުމަކީ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިއީ ދިވެހިރާއްޖޭގައި އޮތް ނާޒުކު އިންޑަސްޓްރީތައް އެކީގައި ހަލާކުވެގެން ދާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އެދިވަޑައިގެންނެވީ، ފީތައް ބޮޑުކުރާ މާއްދާއާ މެދު އިތުރަށް ވިސްނުމަށް ވަގުތު ދެއްވުމަށެވެ. އަދި މިކަމުގައި ސަރުކާރުގެ ވިސްނުމަކީ ކޮބާތޯ އިތުރަށް ބެލުމަށް އޭނާ ހުށަހެޅުއްވި އެވެ. ކޮމިޓީގައި އެހެން މެންބަރުން ވެސް އެ ހުށަހެޅުމަށް ތާއީދު ކުރެއްވި އެވެ.

ގާސިމް ކޯފާވެގެން ބައްދަލުވުމުން ނުކުމެވަޑައިގަތުމުން، ކޯރަމް ގެއްލި، މިއަދުގެ ބައްދަލުވުން އެންމެ ފަހުން ނިންމާލީ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން

ކޮމެންޓް (6)

ފުތާބެ

13 އޯގަސްޓު 2024
ރާއްޖެޔަށް އެއްމެ ގިނަ ބޭރުފައިސާ ވަންނަ ޓުއަރިޒަމް އިންޑަސްޓްރީ މުޅިންހެން މިހާރު ވަޒީފާތަށް ކޮންޓްރޯލް ކިރަނީ ބޭރު މީހުން. ދިވެހިން ނުނަގާ ރޫމް ބޯއީ ވޭޓަރުންނަށް ވެސް މުޅިން ގެންނަނީ ބޭރު މީހުން. ކުރިން 10ވަރަކަށް ދިވެހި ސުޓާފުން ލައިގެން ހިންގާ ރެސްޓޯރެންޓް ތަންތަނަށް ވެސް 20 ،30 ބޭރު މީހުން ލައިގެން ހިންގަނީ. މި މީހުން އެތަށް މިލިޔަން ޑޮލަރު މަހަކު ރާއްޖޭން ބޭރު ކުރާ އިރު މި މީހުން އަތުން ނަގާފީ ބޮޑުކޮށްގެން ގެއްލުން ވާ ވަރަށް ވުރެން ބޮޑަށް މި ރާއްޖެ އަށް އެބަ ގެއްލުން ލިބޭ . ގައިމު މި ބޭރު ކުރާ ޑޮލަރު ކޮޅު ދިވެހި އިގްތިސާދުގަ އެނބުރޭނެ ދޯ ތި ފީ ބޮޑުކޮށްގެންވެސް ދިވެހިންނަށް ތި ވަޒީފާތަށް ދިނިއްޔާ. ހަމަ ރަނގަޅު ބޮޑު ކުރަންވީ ނަގާވަރު. ހާއްސަކޮށް ރިސޯޓް ތަކަށް ގެންނަ ބޭރު މީހުންނަށް ޓާގެޓްކޮށްގެން
1 0

ގާސިމް

12 އޯގަސްޓު 2024
ސާބަހޭ ގާސިމް
2 0

ހުސެން ހިތަދޫ

12 އޯގަސްޓު 2024
ގާސިމް ރުޅިމަޑު. މިސަރުކާރަށް ކުރި ތާއިދު މިހާރު ގެންގޮސްފިން. ނާގާބިލް މީހުން ލައިގެން މުއިޒް ހަޑިހާވަނީ. މުއިޒް އަކީ ގާބިލް މީހެއްކަމަށް މިހާރު ގަބޫލެއް ނުކުރަން. ވެރިކަމުގަ ހުންނަ މީހާއަށް ސަނާ ކިޔާނެ މޮޔައިން މަދެއް ނުވާނެ އެއްވެސް ސަރުކާރަކު.
2 3

98701

12 އޯގަސްޓު 2024
@ހުސެން ހިތަދޫ އިއްޔެ އެކްސްޕެޓް ސިސްޓަމަށް ގެނައި ބަދަލު ބަލާލިއިރު ހުރި މާކުރިން ގަވާއިދާ އެއްގޮތަށް ކެންސަލްކޮށްފައި ހުރި ބިދޭސީންނަށް ވެސް 2000ރ. ގެ ޕެންޑިންގގެ ގޮތުގައި ހިމަނާފައި. އަދި ނިއުޕާމިޓެއް އަޅަން އޯޕަންކުރާ ސްލޮޓެއް، ދިމާވާ ކަމަކުން ޕްރޮސެސްނުވި އެޕްލިކޭޝަން ކެންސަލްކޮށްފަ ހުރި ސޮލޮޓަށް ވެސް މުޅި އުމުރަށް 2000 ރ. ކޮންމެ އަހަރަކަށް ހިމަނާފަ ހުރި.
0 0

ކޮސް

13 އޯގަސްޓު 2024
@ހުސެން ހިތަދޫ މުއިއްޒުގެ ޕީ.އެޗް.ޑީ އަކީ އޮރިދަމައިގަނެފައިވާ ޤައުމެއް ތެދުކުރުމަށް އެކަށީގެންވާ އެއްޗެއްނޫންކަން މިއެނގެނީ.
0 0

ނޭގޭނެއެވެ.

12 އޯގަސްޓު 2024
"ލައިވްކޮށޭ އަހަރުން ވެސް ވާހަކަ މި ދައްކަނީ. އަހަރުންނަށް މައްސަލައެއް ނެތޭ. ލައިވްކޮށް މިތާގައި މަނާ ވާހަކައެއް ނުދައްކައޭ. ސަރުކާރޭ ބުނީމަ އަހަރުން ތުރުތުރު އަޅާނެތަ؟ ސަރުކާރުގައި ތިބީ ކޮން ބައެއްތަ؟ ކޯއްޗެއް އެނގޭ ބައެއްތަ ތިބީ؟ ސަރުކާރުގައި ވަކި ތިބީ އަހަރުންނަށް ނޭނގޭ ވަކި ކޯއްޗެއް އެނގޭ ބައެއްތަ؟" މިއީ ގާސިމު ވިދާޅުވި ވަރަށް މޮޅު ވާހަކައެއް. ތިކަންތައް ސަރުކާރުގައި ތިބި މީހުންނަށްވުރެ ބޮޑާށް ގާސިމަށް އެގިވާޑައި ގަންނަވާނެ. ސާބަސް.
1 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް