އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގައި ބިދޭސީން ހިންގާ ވިޔަފާރިތައް ބަލާ ޗެކްކުރަނީ: ބިދޭސީ މަސައްކަތްތެރިންގެ އަތުން ނަގާ ފީތައް ބޮޑު ކުރެވޭ ގޮތަށް ގާނުނަށް އިސްލާހު ހުށަހަޅަން ވަނީ ހިމަނާފައި (ފޮޓޯ/އިމިގްރޭޝަން)
ބިދޭސީ މަސައްކަތްތެރިންގެ ފީތައް ކޮންމެ ދޮޅު އަހަރަކުން ބޮޑު ކުރެވޭ ގޮތަށް އިސްލާހު ހުށަހަޅައިފި
ބިދޭސީ މަސައްކަތްތެރިން ކޮންމެ މަހަކު ދައްކަން ޖެހޭ ވޯކް ޕާމިޓް ފީ އަދި ކޮންމެ އަހަރު ދައްކަން ޖެހޭ ކޯޓާ ފީ، ކޮންމެ ދޮޅު އަހަރަކުން އެއްފަހަރު ބޮޑު ކުރެވޭ ގޮަތަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މިއަދު އިސްލާހު ހުށަަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
ތަފްސީލު - ވޯކް ޕާމިޓް ފީ އަދި ކޯޓާ ފީގެ ގޮތުގައި ފައިސާ ދައްކަން މިހާރު އޮންނަ އަދަދަކީ ސީދާ ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި އޮންނަ އަދަދެކެވެ. އެއީ:
-
ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350ރ.
-
ކޯޓާ ފީގެ ގޮތުގައި އަހަރަކު 2،000ރ.
މެންބަރު ދާއޫދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، އެއަދަކީ ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ގިނަވެގެން ކޮންމެ ދޮޅު އަހަރަކުން އެ ފީއަށް ބަދަލު ގެނެވޭ ގޮަތަށެވެ. އެގޮތުން އެ އިސްލާހުގައި ބުނީ:
-
މަދުވެގެން ކޮންމެ ތިން އަހަރަކުން އެއް ފަހަރު ނުވަތަ ގިނަވެގެން 18 މަސްދުވަހުގެ (ދޮޅު އަހަރުގެ) މުއްދަތަކަށް ވުރެ ކުރު ނުވާނެ ގޮތުގެ މަތިން މުރާޖާކޮށް އެ ދެ ފީއަށް ވެސް ބަދަލުތައް ގެނެވިދާނެ ކަމަށް
-
މުރާޖާކުރުމަށް ފަހު ކަނޑައަޅާ ފީ، އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ %30އަށް ވުރެ އިތުރު ވެގެން ނުވާނެ
އެނގުން މުހިންމު - އެހެން ކަމުން މިހާރު ވޯކް ޕާމިޓްގެ ގޮތުގައި ނަގާ ފީ 350ރ. އިން 455ރ.އާ ހަމައަށް ފުރަތަމަ ފަހަރަށް ބޮޑު ކުރެވޭނެ އެވެ. އަދި ކޯޓާ ފީ 2،000ރ. އިން2،600ރ.އާ ހަމައަށް ބޮޑު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ފާހަގަކޮށްލެވޭ ކަަމެއް - މި ބިލުގައި ގާނޫނުގައި މިހާރު އެއް ގައުމަކުން އެންމެ ގިނައިން ގެނެވޭނެ ބިދޭސީންގެ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވާ 100،000 މީހުންގެ ލިމިޓް އުވާލުމަށް ވެސް ހިމަނާފައިވެ އެވެ.
އޭގެ އިތުރުން ވަޒީފާދޭ ފަރާތުން ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާޅުވާ ނަމަ، ބޮޑެތި ޖޫރިމަނާ ކުރެވޭ ގޮތަަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.
ކޮމެންޓް (2)
ހިތަދޫ 2
ސިކުނޑި