ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/ މަޖިލިސް)

ފީތައް ބޮޑު ނުކޮށް ކުރަންވީ ކަމަކީ ހަރަދު ކުޑަކޮށް ނުލިބި ހުރި ފައިސާތައް ހޯދުން: ގާސިމް

ގާސިމް ވިދާޅުވީ ރައީސް މުއިއްޒަށް އެނގިވަޑައިގެން އެ މަނިކުފާނު ބޭނުންފުޅުވެގެން ހުށަހެޅުއްވި އިސްލާހެއް ނަމަ އޭނާ ތާއީދު ކުރައްވާނެ ކަމަށާއި މި ސަރުކާރުން ވެސް އޭނާއަށް އަނިޔާއެއް ލިބެން ނޭދޭ ކަމަށް

ދައުލަތަށް ދައްކަން ޖެހޭ ފީތައް ބޮޑުކުރުމުގެ ބަދަލުގައި ހަރަދުތައް ކުޑަކޮށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ސަރުކާރަށް ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ގާސިމް މިގޮތަށް ގޮވާލެއްވީ، ބިދޭސީ މަސައްކަތްތެރިންގެ ބައެއް ފީތައް ބޮޑު ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބިލު ދިރާސާކުރި އިއްޔެގެ ކޮމިޓީގެ ބައްދަލުވުމުގައި ވެސް ގާސިމް ވަނީ ވަރަށް ކޯފާވެ ހުންނަވާ އެ ކަމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ގާސިމް ވަނީ ކޮންމެވެސް ވަރަކަށް ގޮތް ދޫކުރައްވައި ހަމަޖެހިގެން ހުންނަވައިގެން ވާހަކަ ދައްކަވާފަ އެވެ.

އެ ހިސާބަށް ދިޔުމުގެ ކުރިން، ސަލާމަތް ކަމާއި އަމާންކަމާ އެކު ދައުލަތުން ހަރަދުތައް ކުޑަކުރަން ޖެހޭ ދާއިރާތައް ވިސްނާވަޑައިގެން ދޮޅު އަހަރެއްހާ ދުވަހަށް ހިފަހައްޓާލަން ޖެހޭ ކަންތައްތައް އަޅުގަނޑުމެން ޖެހޭނީ ކަމަރުތައް ބާރުކޮށްގެން އެގޮޮތަށް އެކަން ކުރަން.

ގާސިމް އިބްރާހިމް، ޖުމްހޫރީ ޕާޓީގެ ލީޑަރު

ތަފްސީލު - މިއަދުގެ ބައްދަލުވުމުގައި ގާސިމް ހިތްހަމަނުޖެހުން ފާޅުކުރެއްވީ ބިދޭސީންގެ ފީތައް މަޖިލީހުގެ ބަހެއް ނެތި، ސަރުކާރުން ބޭނުން ވަގުތަކު ގަވައިދަކަށް ގެންނަ އިސްލާހަކާ އެކު ބޮޑުކުރެވޭ ގޮތަށް ބިލު ފަރުމާކޮށްފައި އޮތުމުންނެވެ. އޭނާ ވިދާޅުވީ ފީތައް އެކަނި ބޮޑުކޮށްގެން މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ.

"މި ގޮތަށް ދޫކޮށްލީމައި، މިކަން ކުރާކަށް [ފީތައް ބޮޑުކުރަން] ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން އަންނާކަށް ނުޖެހޭނެ. ރައްޔިތުން މަޖިލީހަށް ނައިސް ސަރުކާރަށް އެކަން ކުރެވޭނެ. އެއްގޮތަކަށް ވެސް އަޅުގަނޑު ސަރުކާރާ ދެކޮޅަށް ހިފާކަށް ނޫން މިއުޅެނީ. އެއްގޮތަކަށް ވެސް އެހެން ހީފުޅު ނުކުރައްވާތީ، އަޅުގަނޑު މަސައްކަތް މި ކުރަނީ އަޅުގަނޑުމެންގެ ޒިންމާ އާއި ގައުމާއި ރައްޔިތުންނަށް އަދި ސަރުކާރަށް ވެސް ހެޔޮ އެދިގެން،" މި ސަރުކާރު އައި ފަހުން ސަރުކާރުގެ ދިފާއުގައި ވެސް ވާހަކަ ދައްކަވަމުން ގެންދަވާ ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިސް މި އޮންނަނީ ކޮންމެވެސް ބޭނުމަކު. ސަރުކާރުން ބޭނުންވީމަ، ބޭނުންހާ ކަމެއް ކޮށްދޭން އަޅުގަނޑުމެން މިތިބީ ޕޮޒިޓިވްކޮށް ދިވެހި ގައުމަށާއި ރައްޔިތުންނަށް ރަނގަޅު ވާނެ ގޮތަށް."

އަޅުގަނޑު މިހުރީ، ރައިސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެން މިކަން ކުރައްވަން ބޭނުންފުޅުވެގެން އެމަނިކުފާނު ހުށަހަޅުއްވާފައި އޮތް ކަމަށްވަންޏާ، އެކަން ކުރަން. އެކަމަކު މިކަން އެކަނި ކޮށްގެން އަޅުގަނޑުމެންނަށް މިކަން ނުހުއްޓުވޭނެ

ގާސިމް އިބްރާހިމް/ ޖުމްހޫރީ ޕާޓީގެ ލީޑަރު

ގާސިމް އެދިވަޑައިގެންނެވީ މިހާރު ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދާއި އެމީހުންގެ ތެރެއިން ގަވައިދާ އެއްގޮތަށް ފީތައް ދައްކައިގެން އުޅެނީ ކިތައް މީހުންތޯ ވެސް ބެލުމަށެވެ. މީގެ ތެރެއިން ދައުލަތަށް ނުލިބި ހުރި ފައިސާ ވެސް ހޯދުމަށް ގޮވާލެއްވި އެވެ. 

"[ފައިސާ] ނުދައްކާ ތިބީ ކިހާ ވަރެއްތޯ؟ ނުދައްކާ ތިބި މީހުންގެ މައްސަލަ ހަމައަކަށް ނޭޅުވޭ އެއްވެސް ސަރުކާރަކަަށް. މިދިޔަ ސަރުކާރުން ވެސް، އޭގެ ކުރީ ސަރުކާރުން ވެސް އަދި މި ސަރުކާރުން ވެސް މިއުޅެނީ އޭގެ މަގެއް ނުފެނިގެން. އެ ހުރިހާ މީހުންގެ ލާރި ލިބުނީމަ އެކަން [ދައުލަތުގެ ހަރަދުތައް] ހަމަޖެހޭ ވަރަށް ނުނެގޭތޯ؟ އޭރަށް މިހާރު މި ލިބޭ އެއްޗެއްގެ ޑަބަލް އެބަ ލިބޭ،" ދައުލަތަށް އެންމެ ގިނަ އަދަކަށް ޓެކްސް ދައްކާ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/ މަޖިލިސް)

ބިދޭސީން ގެންނަން އޭނާ ބޭނުން ނުވާކަން ފާހަގަކުރައްވައި ގާސިމް އިތުރަށް ވިދާޅުވީ:

  • ބިދޭސީން ގެންނަން ޖެހެނީ ބައެއް މަސައްކަތްތަކަށް ދިވެހިން ނުލިބޭތީ؛ އެހެންވެ ގިނަ ސިނާއަތްތައް ހިފަހައްޓަނީ ބިދޭސީ މަސައްކަތްތެރިން 

  • މަސްވެރިކަމުގެ ސިނާއަތާއި ގޭގެ ދަރިން ބެލެހެއްޓުމަށް ވެސް މިހާރު ގެންނަން ޖެހެނީ ބިދޭސީން 

  • އެ މީހުންނަށް ދައްކަން ޖެހޭ ފީތައް ސަރުކާރަށް ބޭނުން އިރަކު ބޮޑުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރުމަކީ މުޅި ސަރުކާރަށް ނަފްރަތު އަމާޒުވާނެ ކަމެއް 

"އަޅުގަނޑު މިހުރީ، ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެން މިކަން ކުރައްވަން ބޭނުންފުޅުވެގެން އެ މަނިކުފާނު ހުށަހަޅުއްވާފައި އޮތް ކަމަށްވަންޏާ، އެކަން ކުރަން. އެކަމަކު މިކަން އެކަނި ކޮށްގެން އަޅުގަނޑުމެންނަށް މިކަން ނުހުއްޓުވޭނެ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ފީތަކާއި ޓެކްސްތައް ބޮޑުކުރަން ފެށުމުން ރައްޔިތުންގެ މެދުގައި ހިނގާފާނެ ހަމަނުޖެހުމާއި އެ ރައްޔިތުންގެ އިހުސާސްތަކަށް ވެސް ކޮންމެވެސް ވަރަކަށް ވިސްނާލަން ޖެހޭނެ ކަމަށެވެ.

"ޕްރޮޖެކްޓުތަކަށް ކުރި ފައިނޭންސިން ކޮސްޓް އަރައިގެން ދަނީ ކިހާވަރަކަށްތޯ ވިސްނަން ޖެހޭ. އޭގެ ސަބަބުން އިންފްލޭޝަނަށް އަންނަނީ ކިހާ ވަރެއްގެ ބަދަލެއްތޯ ބަލާލަން ޖެހޭ. އަޅުގަނޑުމެން [ރައްޔިތުންގެ މަޖިލިސް މެންބަރުން] ހެޔޮ ލަފާ ވާހަކަ ދައްކަން ޖެހޭ. ހުސްއެކަނި އާދެ، އާދެ، އާދެ ކިޔާފައި ނިންމާލުމުގެ ބަދަލުގައި އެތާ [ސަރުކާރުގައި] ތިއްބަވާ ބޭފުޅުންނަށް ވެސް ވިސްނިވަޑައިނުގަންނަވާ ޕޮއިންޓްތަކެއް ވެސް ހުރެދާނެ،" ރައްޔިތުންގެ މަޖިލިސް އޮންނަނީ ވެސް އެ ބޭނުމުގައިކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/ މަޖިލިސް)

ގާސިމް ތަކުރާރުކޮށް ވިދާޅުވީ އޭނާ ހުންނެވީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ކުރުމަށް "ދެކޮޅަށް ފައިވިއްދާފައި ނޫން" ކަމަށާއި ނަމަވެސް ފީތައް އެކަނި ބޮޑުކޮށްގެން އަދި ނިމެން ނެތް ކަމަށެވެ.

"[ފީތައް] ވަކި ވަރަކަށް ބޮޑުވެގެން ދިޔައިމައި، އަދި ކަނޑައެޅިޔަސް، ދައުލަތުން ގާނޫނު ހެދިޔަސް، އަދި ގަވައިދު ހެދިޔަސް، އެ ނުދެއްކޭ ހިސާބަށް ދިޔައިމައި މީހުންނަކަށް ނުދެއްކޭނެ. ނުދެއްކުނީމަ، ދެން ކިތަންމެ ވަރަކަށް ނަޓު އެޅުވިޔަސް ނުދެއްކޭނެ،" ގާސިމް ވިދާޅުވި އެވެ.

"އެހެންވީމާ އެ ހިސާބަށް ދިޔުމުގެ ކުރިން، ސަލާމަތްކަމާއި އަމާންކަމާ އެކު ދައުލަތުން ހަރަދުތައް ކުޑަކުރަން ޖެހޭ ދާއިރާތައް ވިސްނާވަޑައިގެން ދޮޅު އަހަރެއްހާ ދުވަހަށް ހިފަހައްޓާލަން ޖެހޭ ކަންތައްތައް އަޅުގަނޑުމެން ޖެހޭނީ ކަމަރުތައް ބާރުކޮށްގެން އެގޮޮތަށް އެކަން ކުރަން."

އެ ފިޔަވަޅުތައް ނާޅާ، މިފަދަ ފީތައް ބޮޑުކޮށްގެން "ރައްޔިތުން ރުޅި އަރުވައިގެން" އޭގެ ނިކަމެތިކަން އަންނާނީ މި ސަރުކާރަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ:

  • އޭނާ ވާހަކަ ދައްކަނީ ރިކޯޑަށްޓަކައި ކަމުގެ ހަގީގަތަށް ވާހަކަ ދެއްކުމަށް؛ ނަމަވެސް ޕީއެންސީ މެންބަރުންނަށް ފެންނަ ނަމަ، "އަންބާ ކިޔާފައި" އޭނާ ވެސް ވޯޓު ދޭނެ ކަމަށް

  • ސަރުކާރުން ފޮނުވާ ކަންކަމަށް "ދެފައި ވިއްދާފައި" ދެކޮޅު ހެދުމުން، ކޮންމެ ފަހަރަކު އަންނަ ސަރުކާރަކުން "އަޅުގަނޑު ގައިގައި ތަޅާކަށް" ބޭނުން ނޫން ކަމަށް

  • އެތައް ބައިވަރު ސަރުކާރަކުން އަނިޔާ ލިބިއްޖެ؛ ދެން އެ އަނިޔާ ލިބޭކަށް ނޭދެން ކަމަށް ވިދާޅުވި

"މި ވާހަކަ މި ދައްކަނީ މެންބަރުންނާއި ސަރުކާރަށް ވެސް ހެޔޮ ވިސްނިގެން މިކަން ރަނގަޅު ކުރެވޭނެ މަގަކަށް ގެންދެވޭތޯ ބަލަން. އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި ހަރަދު ކުޑަކުރެވޭނެ ކަންތައް ބައިވަރު. އެ ކަންތައް ކުރުވައިގެން ރައްޔިތުންގެ ރުޅި ނާންނަހެން [ސަރުކާރުން އަމަލު ކުރުން] ބޭނުމަކީ،" ގާސިމް ވިދާޅުވި އެވެ.

50،000ރ.ގެ ޖޫރިމަނާއާ މެދު ހިޔާލުތަފާތުވުން

އެ ބަހުސްތަކަށް ފަހު، ބިދޭސީން ރާއްޖެ ގެނެސް އިހުމާލުވާ ފަރާތްތައް ބޮޑެތި އަދަދުން ޖޫރިމަނާ ކުރުމާ ގުޅޭ މާއްދާއާ ގުޅޭ ގޮތުން ކޮމިޓީގައި ކުރި މަޝްވަރާގައި ވެސް އެ މާއްދާއާ ދެކޮޅަށް ގާސިމް ވާހަކަދެއްކެވި އެވެ.

ބިލުގައިވާ ގޮތުން އިހުމާލުވާ ކޮންމެ މުވައްޒަކަށް 50،000ރ.ގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ގާސިމްގެ އިތުރުން މި ސަރުކާރު ކޯލިޝަންގައި އޮތް އެމްއެންޕީގެ ލީޑަރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހިމެނޭ ގޮތަށް، ބައެއް މެންބަރުން ހިޔާލު ފާޅުކުރެއްވީ، 50،000ރ. މާ ބޮޑު ކަމަށެވެ. އެހެންވެ ނާޒިމް ހުށަހެޅުއްވީ 5،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް

ނާޒިމް އެ ހުށަހެޅުން ހުށަހެޅުމުގެ ކުރިން، ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހެޅުއްވީ ބިލުގައި އެ މާއްދާ އޮތް ގޮތަށް ބޭއްވުމަށެވެ. ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ތާއީދުކުރެއްވި އެ ހުށަހެޅުމަށް ވޯޓަށް އެހުމުން އަށް މެންބަރުންގެ ތެރެއިން ފާސްކުރުމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ.

ވޯޓް އެއްވަރުވުމުން ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމު)ގެ ވޯޓާ އެކު އަޒާންގެ ހުށަހެޅުން ފާސްވި އެވެ. 

އެ ކޮމިޓީގައި ޕީއެންސީގެ މެންބަރުންގެ އަދަދަކީ ހަތެކެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް