ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

މަރުގެ އަދަބު ދޭ ގޮތަށް ހަދަން ސަރުކާރުން ބޭނުންވަނީ 500 ގްރާމަށް ވުރެ ގިނައިން ޑްރަގު އެތެރެ ކުރާ މީހުންނަށް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ނިންމައި އެކަމާ ގުޅޭ ޑްރާފްޓް ބިލެއް ހޯމްލޭންޑް މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކުގެ މައުލޫމާތު ގެނެސްދިނުމަށް ރައީސް އޮފީހުން ހިންގާ 'ސަރުކާރު' ވެބްސައިޓުގައި އިއްޔެ ޝާއިއުކޮށްފައިވާ ލިޔުމެއްގައި މިކަން ވަނީ ހާމަކޮށްފަ އެވެެ.

ތަފްސީލު -  އެ ލިޔުމުގައިވާ ގޮތުން، ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. 

"ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅާފައި އޮންނަނީ ހަމައެކަނި، މަރުގެ މައްސަލަތަކަށެވެ. އެހެންކަމުން، މިއީ މަރުގެ މައްސަލަތައް ފިޔަވައި އިތުރު މައްސަލައެއްގައި މިފަދަ ހަރުކަށި އަދަބެއް ދޭން ހުށަހެޅި ފުރަތަމަ ފަހަރެވެ،" އެ ލިޔުމުގައި ބުނެފައިވެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން، އެފަދަ މައްސަލަތަކުގައި ދެވޭ އެންމެ ބޮޑު އަދަދަކީ އުމުރު ދުވަހަށް ޖަލަށް ލުމެވެ. އެއީ 25 އަހަރަށެވެ. އަދި 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުން ވެސް އަދަބުގެ ތެރޭގައި ހިމެނެ އެވެ.

މި ބިލާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް 'ސަރުކާރު' ވެބްސައިޓުގައި ބުނިގޮތުގައި ބިލުގައި މަރުގެ އަދަބު ދޭން ކަނޑައަޅާފައި ވަނީ 500 ގްރާމަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފި މީހަކަށެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ 139 ބާވަތެއްގެ މަސްތުވާތަކެތީގެ ތެރެއިން އެ ބަރުދަން ފުރިހަމަވެ، ޑްރަގު ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ، މަރުގެ ހުކުމް އިއްވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވާ ކަމަށް ވެސް އެ ވެބްސައިޓުގައި ލިޔެފައިވެ އެވެ.

ޖުލައި 21، 2024: ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އިހުސާން (މ) ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

'ސަރުކާރު'ގެ އެ ލިޔުމުގައި ބުނިގޮތުގައި އޭގެ އިތުރުން ވެސް ބިލުގައި ބައެއް އިސްލާހުތައް ހިމެނެ އެވެ. އެއީ:

  • މަސްތުވާތަކެތި ޓްރެފިކުކުރުން ކަމަށް ބެލެވޭނެ ހާލަތްތައް ހިމެނުން؛ އޭގެ ތެރޭގައި، މަަސްތުވާތަކެއްޗަށް ފައިނޭންސް ކުރުމާއި މަސްތުވާތަކެތި އެތެރެކުރަން ތަންތަނާއި އުޅަނދުތައް ފޯރުކޮށްދިނުމަކީ ވެސް ޓްރެފިކްކުރުން ކަމަށް ބަޔާންކޮށްފައިވޭ

  • ޑްރަގު ކޯޓަށް އިތުރު ބާރުތައް ދިނުމާއި ރީހެބިލިޓޭޝަންއާ ގުޅޭ ބައެއް ކަންކަމަށް ގެންނަ އިސްލާހުތަކެއް

ގުޅުންހުރި - މަސްތުވާތަކެއްޗާ ގުޅޭ މިފަދަ ބިލެއް ހޯމްލޭންޑް މިނިސްޓްރީން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވިއިރު، ގޭންގުތައް ހުއްޓުވުމަށް ހާއްސަ ގާނޫނެއް ހެދުމަށް ވެސް އެ މިނިސްޓްރީން ވަނީ ބިލެއް ތައްޔާރުކޮށްފަ އެވެ.

ފަސްމަންޒަރު - ރާއްޖޭގައި 1953އިން ފެށިގެން މަރުގެ އަދަބު ތަންފީޒުކޮށްފައި ނުވި ނަމަވެސް، މިދިޔަ 15 ވަރަކަށް އަހަރު ތެރޭ، މީހުން މެރުމުގެ ނުވަ މައްސަލައެއްގައި ބަައެއް މީހުން މަރަން ކޯޓުން ހުކުމްކޮށްފައިވެ އެވެ.

މަރަން ހުކުމް ކޮށްފައިވާ މީހުންގެ ހުކުމް ތަންފީޒުކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތައްޔާރީތައް ވެ، ލީތަލް އިންޖެކްޝަން ބޭނުންކޮށްގެން ނުވަތަ ދަންޖައްސައިގެން މަރުގެ އަދަބު ދިނުމަށް ގަވާއިދެއް އެކުލަވާލި އެވެ. އަދި އެކަން ކުރުމަށް ކޮޓަރިއެއް ވެސް ތައްޔާރުކުރި އެވެ.

ނަމަވެސް، އެ ވެރިކަމުގެ ފަސް އަހަރު ނިމުނީ އެކަން ތަންފީޒުނުކޮށެވެ. ޔާމީން ފަހުން ވިދާޅުވީ އެކަން ނުކުރެވުނީ އިޖުރާއަތުތައް ފުރިހަމަ ނުވާތީ ކަމަށެވެ. އަދި އެއީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެނގުން މުހިންމު - މިދިޔަ ޑިސެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުގެ ސިޔާސަތަކީ މަރުގެ އަދަބު ތަންފީޒު ކުރުމެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭނާ އޭރު ވިދާޅުވެފައިވެ އެވެ. އެއާއެކު ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅު ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް