ކްރައިމް ސީނެއްގައި ފުލުހެއް ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ގޭންގު ކުށްތައް

ގޭންގުތަކުގެ ބާރުކަނޑުވާލުމަށް ވަރުގަަދަ ބިލެއް އެކުލަވާލައިފި

މި ބިލްގައިވާ ގޮތުން ގޭންގުތަކުގައި އުޅޭ މީހުންނަށް ވަޒީފާއެއް ނުލިބޭނެ. އަދި އިންތިހާބީ މަގާމެއް ވެސް ނުލިބޭނެ

ރާއްޖޭގައި ބޮޑުވެފައިވާ ގޭންގު ކުށްތައް ހުއްޓުވުމަށް، ގޭންގުތަކުގެ ބާރު ކެނޑޭ ގޮތަށް ބިލެއް އެކުލަވާލައިފި އެވެ.

ވީ ކިހިނެއް؟- ހޯމްލޭންޑް މިނިސްްޓްރީން އެކުލަވާލި މި ބިލް، ފުލުހުންނާ ގުޅިގެން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

'ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު'ގެ ނަމުގައި މިހާރު ޑްރާފްޓްކޮށްފައިވާ މި ބިލުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ. އެގޮތުން ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތަކާއި އެފަދަ ގުރޫޕުތަކުން ހިންގާ ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގާނެ ގޮތާއި ގޭންގު ކުށްތަކުގެ އަދަބު ފަދަ ގިނަ ކަންކަން ހިމެނެ އެވެ.

މި ބިލްގައިވާ އެންމެ މުހިއްމު އެއް މާއްދާއަކީ، ގޭންގު މެމްބަރެއް ކަމަށް ކަނޑައެޅޭ މީހުންނަށް ދައުލަތުގެ ވަޒީފާ ނުދިނުމާއި އިންތިހާބީ މަގާމުތަކުން ވަކިކުރުމާއި މަގާމުތަަކަށް ކުރިމަތިނުލެވުމެވެ. ގޭންގު މެމްބަރެއް ކަމަށް ކަނޑައަޅަނީ، ބިލުގައިވާ ގޮތުން، ގާނޫނުގެ ދަށުން އެކުލަވާލާ ހާއްސަ ކޮމިޓީއަކުންނެވެ.

އެ މާއްދާތަކުގައިވާ ގޮތުން:

  • ގޭންގު މެމްބަރެއް ކަމަށް ކަނޑައަޅާ އެއްވެސް މީހަކު ދައުލަތުގެ ވަޒީފާގައި ހުރި ނަމަ އެ މީހަކު ވަކިކުރަން ވާނެ. އަދި އެ ފަދަ މީހަކަށް ވަޒީފާ ދީގެން ވެސް ނުވާނެ

  • ގޭންގު މީހަކު އިންތިހާބީ މަގާމެއްގައި ހުރި ނަމަ، އޭނާއަކީ ގޭންގު މީހެއް ކަމަށް ކަނޑައަޅާ ތާރީހުން ފެށިގެން މަގާމު ގެއްލުނީ ކަމަށް ކަނޑައަޅަން ވާނެ

މި ބިލްގައި ވަނީ ގޭންގެއް ނުވަތަ ގޭންގު މެމްބަރެއް ނުވަތަ ގޭންގު ލީޑަރެއްގެ ގޮތުގައި ކަނޑައަޅާނެ ސިފަތައް ވެސް ހިމަނާފަ އެވެ. ގޭންގެއްގެ ގޮތުގައި ކަނޑައަޅަނީ، މި ބިލުގައިވާ ގޮތުން، ވަކި ކުލަބަކަށް ނުވަތަ ޖަމިއްޔާ/ޖަމާއަތަަކަށް ނުވަތަ ވަކި ސަރަހައްދެއްގައި ދިރިއުޅޭ ނޫނީ ގިނަ ވަގުތު ހޭދަކުރާ ބަޔަކު ކުރި އަމަލެއްކަން ދެއްކުމުގެ ގޮތުންނެވެ. 

އެކަަކަށް ވުރެ ގިނަ މީހުން ނިސްބަތްވާ ވަކި ޖަމިއްޔާއެއް ނުވަތަ ގުރޫޕެއްގެ ތެރޭގައި ހިމެނޭ މީހުންނަކީ ޖިނާއީ ކުށުގެ ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވާ ކަމުގެ ރެކޯޑު، ނުވަތަ ކަމާ ގުޅޭ ރިޕޯޓެއް އޮންނަ ބައެއް ކަމުގައި ވާ ނަމަވެސް ގޭންގެއް ކަމަށް ކަނޑައެޅޭނެ ކަމަށް ބިލުގައި އޮވެ އެވެ. އޭގެ އިތުރުން:

  • ވަކި ރަށެއްގެ ވަކި މަގުތަކާއި ގޯޅިތަކަކީ ނުވަތަ ޕާކު ފަދަ ތަންތަނަކީ އެ ބައެއްގެ ސަރަހައްދުގެ ގޮތުގައި ބެލެވޭނެ ފަދަ ނިޝާންތަކާއި ގްރެފިޓީތައް ނުވަތަ ވަކި ނަމެއް ލިޔެ/ކުރަހައި، އެ ސަރަހައްދުގައި ގިނަ ވަގުތު ހޭދަކޮށް، އެއީ އެ ސަރަހައްދަށް ނިސްބަތްވާ ބައެއްކަން، ބަލާބެލުމަށް ސިފަވާ ގޮތަށް އުޅުން

މި ބިލުގައި، ގޭންގުތައް ހުއްޓުވުމަށް ފުލުހުންނަށް ވެސް ގިނަ ބާރުތަކެއް ދީފައިވެ އެވެ. އެގޮތުން:

  • ފުލުހުން އަންގާ ގޮތަށް އަމަލު ނުކޮށްފި ނަމަ، 12 ގަޑިއިރުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުން

  • ގޭންގު މެމްބަރުން އެއްވެ އުޅޭއިރު، އެ ސަރަހައްދުގައި އުޅޭ މީހުންގެ ހިތުގައި ބިރުވެރިކަމެއް ނުވަތަ ކަންބޮޑުވުމެއް އުފެދިއްޖެ ނަމަ، ކޯޓު އަމުރަކާ ނުލައި އެތަންތަނަށް ވަނުމުގެ ބާރު

  • ގޭންގު ހަރަކާތެއްގައި ބޭނުން ކުރާ ވެހިކަލް، ކޯޓު އަމުރަކާ ނުލައި 90 ދުވަހުގެ މުއްދަތަށް ހިފެހެއްޓުމުގެ ބާރު

ގޭންގު ކުށްތަކަށް ދޭ އަދަބު ވެސް މި ބިލުގައިވާ ގޮތުން ހަރުކައްޓެވެ. މީގައިވާ ގޮތުން، ގޭންގަކަށް ނިސްބަތްވާ ނިޝާނެއް ނުވަތަ ލޯގޯއެއް ތަނެއްގައި ކުރެހުމަކީ ވެސް ކުށެކެވެ. އޭގެ އަދަބަކީ 6-18 މަސް ދުވަހަށް ޖަލަށްލުމެވެ.

ގޭންގަކަށް ނިސްބަތްވާ ނަމެއް ނުވަތަ ލޯގޯއެއް، ގޭންގު މީހެއް ނުވަަތަ އެ ގޭންގަށް ނިސްބަތްވާ ފަރާތެއްގެ މަސްލަހަތު ހިމެނޭ ގޮތަށް ރަޖިސްޓްރީކޮށްދީފައިވާކަން އެނގިއްޖެ ނަމަ، އެއް މަސް ދުވަހުގެ ތެރޭގައި އެ އުވާލަން ޖެހޭނެ އެވެ. އެ ފަދަ ކުށެއް ކޮށްފި ނަމަ 8-10 އަހަރުގެ ޖަލު ހުުކުމެއް ވެސް އާދެ އެވެ.

ގާނޫނުގެ ދަށުން ގޭންގެއް ކަމަށް ނުވަތަ ގޭންގު މެމްބަރެއް ކަމަށް ކަނޑައަޅާ ހިސާބުން އެ ބަޔަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި ނަމަ، 500،000 ރުފިޔާ އާއި 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ، ގާނޫނީ ޝަހުސެއް މެދުވެރިކޮށް ނަމަ 5 މިލިޔަނާއި 10 މިލިއަން ރުފިޔާގެ އަދަދަކަށް ޖޫރިމަނާ ކުރެވެ އެވެ. އަދި ޖޫރިމަނާ ނުދައްކައިފި ނަމަ، ގިނަ އަހަރުތަކަކަށް އެ ފަރާތެއްގެ ބޭންކު އެކައުންޓު ހިފެހެއްޓުމުގެ ބާރު ވެސް ގާނޫނުން ލިބިދެ އެވެ.

ގޭންގު ހަދައިގެން ކުށެއް ކޮށްފި ނަމަ، ފަސް އަހަރާއި ހަތް އަހަރުގެ މުއްދަތަކަށް ޖަލަށްލުން ވެސް މި ބިލުގައި އޮވެ އެވެ.

ކޮމެންޓް (6)

ނިއްކޮ ލަންކާ

15 އޯގަސްޓު 2024
ހޮވުނު އިރާކު ހިޔެއް ނުކުރަން ރައީސް ނަޝީދު ގެ ވެރިކަމަށް ވުރެ ކުޑަ ވެރިކަމެއް ފެނިދާނެ ކަމަކަށް
0 5

މުހައްމަދު

15 އޯގަސްޓު 2024
މަޖިލީހަށް ހުރިހާ ގޭންގުތަކަށް ނިސްބަތްވާ މީހުން ވަނީ ވަދެފައި، ސަރުކާރުގެ ބޮޑެތި މަޤާމުތަކަށް އެމީހުން ވަނީ ހޯދާފައި!! ކިޔަވައި ޑިގްރީ މާސްޓަރ ހާދާފައި ތިބި މީހުންވަނީ ބާކީ ކޮށްފައި!! ކޮންމެ މަޤާމަށް ވަށެވޭ އަސާސީ ޝަރުތުރުތައް ނުބަލައި ނުހަދާ ދެން ކޮން އިލްމީ މީހުންނެއް ލިބޭނި!! މަޖިލީސް މެމްބަރުންގެ ސިޔާސީ ކޯޑިނޭޓަރުންގެ ޝަރުތު ކަނޑައަޅާ!!
5 2

މައްލި

15 އޯގަސްޓު 2024
އައި ޑޯންޓް ތިންކް ޔޫކޭން ޑޫ ދިސް ، ގަވަރމަންޓް ތަންޕްސް ޑައުން
1 3

މޫސަގެ ދަރި

15 އޯގަސްޓު 2024
މިހާރު ކަނޑައެޅިގެން އެނގި ތިބެ ސަރުކާރުން ވަޒީފާ ދީފައިވާ ގޭންގް މީހުން ވަޒީފާއިން ވަކި ކުރަން ނުކެރި ގާނޫނެއް ހެދިޔަސް ވަކި ކުރެވޭނެތަ؟ ތީ ހަމަ މީހުންގެ ލޮލުގަ އަނދުން އަޅުވަން ކުރާ ކަންތަށް! ދެން އޮތީ މަރުގެ ހުކުމުގެ ވާހަކަ! ހަމަ ހިލާ ނުކެރޭނެ ތިޔަކަން ކުރާކަށް އެ ހިތަވަރެއް ހުރި ސިޔާސީ މީހެއް ރާއްޖެއަކު ނެތް! އެހެޔޮ އުމަރަށް ވިތަސް!
6 2

ޢަލީ

15 އޯގަސްޓު 2024
@މޫސަގެ ދަރި މަރުގެ ޙުކުމް ތަންފީޒު ކުރިތޯ ރާއްޖޭގަ
0 0

ޒާރާ ކަމަދޫ

15 އޯގަސްޓު 2024
ދެން ކޮބާ ސިޔާސީގޮތުން އައްޔަން ކުރާ ޖޮބުތައް. މިހާރުވެސް ފެނަކައިގެ ތި ގުރޫޕު އުޅެބި
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް