ރައީސް މުހައްމަދު މުއިއްޒު ކެބިނެޓު މީޓިން އެއްގައި

މި ސަރުކާރުގެ ސިޔާސަތަކީ ވެސް މަރުގެ އަދަބު ތަންފީޒުކުރުން: އިހުސާން

އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ވިދާޅުވި

މި ސަރުކާރުގެ ސިޔާސަތަކީ ވެސް މަރުގެ އަދަބު ތަންފީޒުކުރުން ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ބުނެފައިވެ އެވެ. ނަމަވެސް، ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވިއިރު ވެސް، މަރަން ހުކުމް ކޮށްފައިވާ އެއްވެސް މީހެއްގެ މައަޗަށް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ވެސް މަރުގެ އަދަބު ތަންފީޒުކުރުންކަން އިހުސާން އިއުލާން ކުރައްވާފައިވަނީ މިއަދު ހޯމް މިނިސްޓްރީން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.

ބުނީ ކީކޭ؟ - އިހުސާން ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާ ކަމަށެވެ.

"އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ އަދި ބަލަން ޖެހޭ ކަންކަން ބަލާފައި އެކަން އަޅުގަނޑުމެން ގަވާއިދާއި ގާނޫނާ އެއްގޮތަށް ކުރާނަން،" އެ ސުވާލަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - މިވަގުތު ރާއްޖޭގައި މަރުގެ ހުކުމް އިއްވައި ހުކުމް ތަންފީޒުކުރުމަށް ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަވާ ކުށްވެރިން އެބަތިއްބެވެ. އޭގެ ތެރޭގައި:

  • 1-

    ހުސެއިން ހުމާމު - ކުރީގެ މަޖިލިސް މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ ގާތިލު

  • 2-

    މުހައްމަދު ނަބީލް- ކަޓަރުތިލައަކުން ހަމަލާދީ 2009ގައި މަރާލި އަބްދުﷲ ފަރުހާދުގެ ގާތިލު

  • 3-

    އަހުމަދު މުއްރަތު - ގާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ގާތިލު

  • 4-

    އިބްރާހިމް ޝަހުމް އާދަމް - މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ 2011ގައި މާރާލި ހަސަން ބަޝީރު، ސ. ހިތަދޫ ވަރުދީގޭގެ ގާތިލު

  • 5-

    މުހައްމަދު ނިޔާޒު - ކ. ތުލުސްދޫގައި 2014 ވަނަ އަހަރު މަރާލި އަލީ ޝިހާމްގެ ގާތިލު

  • 6-

    މުހައްމަދު ޝައިފަން - 2012ގައި ގުރޫޕަކުން ހަމަލާދީ މަރާލި، އަލީ ޝިފާންގެ ގާތިލު

  • 7-

    އަދުހަމް މުހައްމަދު - 2019ގައި މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލު

  • 8-

    މުހައްމަދު ޝަނޫން - 2015ގައި މަރާލި އަލީ ޒިޔަދަމްގެ ގާތިލު

  • 9-

    މުހައްމަދު ވިސާމް - މާލޭ ލޮރެންޒޯ ޕާކު ތެރޭ ގޭންގަކުން ހަމަލާދީ 2012ގައި މަރާލި އުމުރުން 16 އަހަރުގެ މުހައްމަދު އަރުހަމުގެ ގާތިލު

ގުޅުންހުރި ކަމެއް - މަރަން ހުކުމް ކޮށްފައިވާ މީހުންގެ ހުކުމް ތަންފީޒުކުރުމަށް ޔާމީންގެ ސަރުކާރުގައި އެކަމުގެ ތައްޔާރީތައްވެ، ލީތަލް އިންޖެކްޝަން ބޭނުންކޮށްގެން ނުވަތަ ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ގަވާއިދެއް އެކުލަވާލި އެވެ. އަދި އެކަން ކުރުމަށް ބޭނުންވާ ކޮޓަރި ވެސް ތައްޔާރުކުރި އެވެ.

ނަމަވެސް، އެ ވެރިކަމުގެ ފަސް އަހަރު ހަމަވިއިރު އެކަން ތަންފީޒުކޮށްފައެއް ނުވެ އެވެ. ޔާމީން ފަހުން ވިދާޅުވީ، އެކަން ނުކުރެވުނީ އިޖުރާއަތުތައް ފުރިހަމަ ނުވާތީ ކަމަށެވެ. އަދި އެއީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

ޔާމީނުގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ގަވާއިދުގައިވާ ގޮތުން:

  • މަރުގެ އަދަބު ތަންފީޒުކުރެވޭނީ، ހުރިހާ އިޖުރާއަތުތަކެއް ގާނޫނީ ގޮތުން ހުރިހާ ކަމެއް ފުރިހަމަވުމުން

  • އެކަން އެނގޭ ލިޔުމެއް ޕްރޮސެކިއުޓާ ޖެނެރަލް، އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަރާތެއްގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އެކުލެވޭ ކޮމިޓީއަކުން ސޮއިކޮށް، ރައީސްއަށް ފޮނުވަން ވާނެ

  • އެ ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި، ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އަމުރެއް ރައީސް ކޮމިޝަނަ އޮފް ޕްރިޒަންސްއަށް ފޮނުވަން ޖެހޭ

  • މަރުގެ އަދަބު ތަންފީޒުކުރެވޭނީ، އެ ލިޔުން ކޮމިޝަނާ އޮފް ޕްރިޒަންސްއަށް ލިބޭތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި 

  • އެ ހުކުމް ތަންފީޒު ކުރާނީ ކޮމިޝަނާ އޮފް ޕްރިޒަންސް، ކަރެކްޝަންސް އިން ކަނޑައަޅާ ޑޮކްޓަރަކު، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކަނޑައަޅާ ގާނޫނީ ވަކީލަކު އަދި ކޮމިޝަނާ އޮފް ޕްރިޒަންސް ކަނޑައަޅާ އާންމުގެ ތެރެއިން ތިން މީހެއްގެ ހާޒިރުގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް