9 އޮގަސްޓް 2024 - އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު (ވ) ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ ފޮރިން މިނިސްޓްރީގައި ބައްދަލުކުރެއްވުން (ފޮޓޯ/އެކްސް/ޖައިޝަންކަރު)

ރާއްޖެ-އިންޑިއާ

ގޮންޖެހުންތައް ކުރިމަތިވިޔަސް، ރާއްޖެއާ އެކު އޮތީ އޮމާން ގުޅުމެއް: ޖައިޝަންކަރު

ޖައިޝަންކަރު ވިދާޅުވި ގޮތުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައިވަނީ، އެއް ބަޔަކު އަނެއް ބައެއްގެ ލާބަ އާއި މަންފާއަށްޓަކައި

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް މިހާތަނަށް އައިއިރު ގާއިމުކުރެވިފައި އޮތީ އޮމާން ގުޅުމެއް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންނެވި ޖައިޝަންކަރު، ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ތަފްސީލް - ޖައިޝަންކަރު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަވަށްޓެރި ގައުމުތައް މުހިއްމު ކަމަށާއި އޭގެ ތެރެއިން ރާއްޖެ މުހިއްމު ކަމަށެވެ. އަދި މިހާތަނަށް އައިއިރު، ރާއްޖެއާ އެކު ގާއިމުކުރެވިފައިވަނީ ވަރަށް ދުވަސްވީ، ތާރީހީ ގުޅުމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެނގުން މުހިންމު - 'އިންޑިއާ އައުޓް' ނަމުގައި ކެމްޕެއިނެއް ކުރުމުގެ ތެރެއިން މި ސަރުކާރު ވެރިކަމަށް އައުމާއެކު، ދެ ގައުމުގެ ގުޅުމަށް އަސަރުކުރި އެވެ. އަދި މި ވެރިކަމުގައި ރާއްޖެއިން ޗައިނާއާ މާ ގާތް ގުޅުމެއް ބާއްވާ ކަމަށް ތުހުމަތު ކުރުމާއި ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު މޯދީއަށް ނިސްބަތްކޮށް ބަދުބަސް ބުނި މައްސަލައިގައި އެ ގުޅުން ހައްތަހާ ހީނަރުވި އެވެ.

އެކަމަކު  ދެ ގައުމުން ވެސް މިހާރު އަންނަނީ އަލުން ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ މިރޭ ބައްދަލު ކުރައްވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

މިދިޔަ ސަރުކާރުގައި އިންޑިއާއިން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ފަހު ޖައިޝަންކަރު ވިދާޅުވިގޮތުގައި، އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައިވަނީ، އެއް ބަޔަކު އަނެއް ބައެއްގެ ލާބަ އާއި މަންފާއަށްޓަކަ އެވެ. އަދި އެއީ ނަތީޖާ ނެރެވުނު، އާއްމުންނަށް ފައިދާތަކެއް ލިބިދެނިވި ގުޅުމެއް ކަމަށް ވިދާޅުވި އެވެ.

އެއަށް ފަހު އޭނާ އިޝާރާތް ކުރެއްވީ، މިރޭ އިފްތިތާހު ކުރި މަޝްރޫއުތަކަށެވެ. އެއީ:

  • ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް، ހއ. ދިއްދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒާއި ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލާއި ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލުގައި ގާއިމުކުރި 'އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް' 

  • ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި 'ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރު.' މިތަނުގައި ކުޑަކުދިންނަށް ފިޒިއޮތެރަޕީ އާއި ސްޕީޗް ތެރަޕީ އާއި ކައުންސެލިން އާއި ސައިކޮލޮޖިކަލް އެސެސްމެންޓް މިހާރު ހެދޭނެ

  • ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި މެންޓަލް ހެލްތު ޔުނިޓު

  • ތ. ތިމަރަފުއްޓާއި ވޭމަންޑޫގެ އިތުރުން ގއ. ކޮނޑޭގައި މަގުބައްތި ޖެހުން

"މިއީ އާއްމު މީހާއަށް، ކޮންމެ ދުވަހަކު ވެސް އެއިން ފައިދާތަކެއް ލިބިދޭނެ ކަންތައްތަކެއް،" ޖައިޝަންކަރު ވިދާޅުވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ މިރޭ ބައްދަލު ކުރެއްވި އިރު ދެ ގައުމުން އެމްއޯޔޫއެއްގައި ސޮއިކުރުން ފާހަގަކުރަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

އޭނާ ވިދާޅުވީ މިފަދަ އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށް، މި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ބައްދަލު ކުރައްވާނެ ކަމަށެވެ. އެގޮތުން އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީއާ ވެސް ބައްދަލުކޮށް، މަޝްވަރާތައް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް