ރައީސް މުހައްމަދު މުއިއްޒު އާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެސް. ޖައިޝަންކަރު ނިއު ދިއްލީގައި ބައްދަލުކުރައްވަނީ. (ފައިލް ފޮޓޯ/ ޓްވިޓާ/ އެސް. ޖައިޝަންކަރު)
އިންޑިއާގެ ހާރިޖީ ވަޒީރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ވީ ކިހިނެއް؟ - ފޮރިން މިނިސްޓްރީން މިއަދު ބުނީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖޭގައި މަޑުކުރައްވާނެ އެވެ.
ތަފްސީލް - މި ދަތުރުފުޅުގައި:
-
ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ
-
ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މިނިސްޓަރު ޒަމީރާއެކު މަޝްވަރާކުރައްވާނެ
-
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އާއި އިންޑިއާގެ އެކްސިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ނިމިފައިވާ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާނެ
-
މީހުން ތަމްރީންކުރުމާއި ވިޔަފާރިއާ ގުޅޭ ދާއިރާތަކުން އެމްއޯޔޫތަކެއްގައި ސޮއިކުރައްވާނެ
އެނގުން މުހިންމު - ޖައިޝަންކަރުގެ މި ދަތުރު ވާނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިންޑިއާގެ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރަށެވެ.
މި ދަތުރަކީ ހީނަރުވެފައިވާ ރާއްޖެ-އިންޑިއާ ގުޅުން އަލުން ބަދަހިވަމުންދާކަން ރަމްޒުކޮށްދޭނެ ދަތުރަކަށް ވާނެ ކަމަށް ސަރުކާރުން ބުންޏެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް މިފަހުން ވަނީ އިންޑިއާއަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ވެސް އިންޑިއާއަށް ވަޑައިގެންނެވި އެވެ.