9 އޮގަސްޓް 2024 - އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ ފޮރިން މިނިސްޓްރީގައި ބައްދަލުކުރެއްވުން (ފޮޓޯ/ފޮރިން މިނިސްޓްރީ)

ރާއްޖެ-އިންޑިއާ

އިންޑިއާގެ އެހީގައި ނިމިފައިވާ މަޝްރޫއުތައް އިފްތިތާހުކޮށްފި

މީގެ ދެތިން އަހަރު ކުރިން ފެށި މި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވީ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރު

އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް ރަސްމީކޮށް މިރޭ އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމުކޮށްފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)ގެ ދަށުން މިދިޔަ ދެތިން އަހަރުގެ ތެރޭގައި ވަނީ ގިނަ މަޝްރޫއުތަކެއް ފަށާފަ އެވެ. އޭގެ ތެރެއިން މިހާރު ނިމިފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހުކޮށްދެއްވީ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

9 އޮގަސްޓް 2024 - އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ ފޮރިން މިނިސްޓްރީގައި ބައްދަލުކުރެއްވުން (ފޮޓޯ/ފޮރިން މިނިސްޓްރީ)

ތަފްސީލް - ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހު ކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

  • ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް، ހއ. ދިއްދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒާއި ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލާއި ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލުގައި ގާއިމުކުރި 'އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް' 

  • ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި 'ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރު.' މިތަނުގައި ކުޑަކުދިންނަށް ފިޒިއޮތެރަޕީ އާއި ސްޕީޗް ތެރަޕީ އާއި ކައުންސެލިން އާއި ސައިކޮލޮޖިކަލް އެސެސްމެންޓް މިހާރު ހެދޭނެ

  • ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި މެންޓަލް ހެލްތު ޔުނިޓު

  • ތ. ތިމަރަފުއްޓާއި ވޭމަންޑޫގެ އިތުރުން ގއ. ކޮނޑޭގައި މަގުބައްތި ޖެހުން

މީގެ ތެރެއިން 'އިންކްލޫސިވް އެޑިއުކޭޝަން' އާއި މަގުބައްތި ޖެހުމުގެ މަޝްރޫއު އިއުލާން ކޮށްފައިވަނީ 2021 ވަނަ އަހަރެވެ. އަދި މެންޓަލް ހެލްތު ޔުނިޓާއި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރުގެ މަޝްރޫއަކީ، ޖައިޝަންކަރު 2022 ވަނަ އަހަރު ރާއްޖެ ވަޑައިގެން އިއުލާން ކުރެއްވި ދެ މަޝްރޫއު އެވެ.

9 އޮގަސްޓް 2024 - އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ ފޮރިން މިނިސްޓްރީގައި ބައްދަލުކުރެއްވުން (ފޮޓޯ/ފޮރިން މިނިސްޓްރީ)

މީގެ އިތުރުން، މިރޭގެ ރަސްމިއްޔާތުގައި ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ:

  • އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ އާއި އިންޑިއާގެ ނެޗުރަލް ޕޭމަންޓް ކޯޕަރޭޝަނާ ދެމެދު ހެދި އެއްބަސްވުމެއް

  • ސިވިލް ސާވިސް ކޮމިޝަނުގެ 1،000 މުވައްޒަފަކު ތަމްރީނުކުރުމަށް، އެ ކޮމިޝަނާއި އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނެންސްއާ ދެމެދުވި އެއްބަސްވުމެއް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ރާއްޖެއާ ގާތް ގުޅުމެއް ބާއްވައި، އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާއިން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި އޭނާ ރާއްޖެ ވަޑައިގަންނަވާ ކޮންމެ ދަތުރެއްގައި ވެސް ކަމާ ގުޅޭ އެކި އިދާރާތަކާ ބައްދަލުކުރައްވައި، އެހީ ބޭނުންވާ މުހިއްމު ދާއިރާތައް ހޯއްދަވާ ކަމަށް ވިދާޅުވި އެވެ.

ޖައިޝަންކަރު ވިދާޅުވީ، މި ދަތުރުގައި ވެސް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންނާ ވެސް ބައްދަލުކުރައްވައި، އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް