ރައީސް ޔާމިންގެ ސަރުކާރުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ގާސިމް އަދި ޔާމީން: (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ޔާމީނަށް ހަމްދަރުދީވަން، އެ ހުންނެވީ އަޅުގަނޑަށް ޖެއްސެވި ހާލަށް ވުރެ ވެސް ނިކަމެތިކޮށް: ގާސިމް

ޔާމީން ސަރުކާރުން އޭނާއަށް ދިނީ އަނިޔާކަމަށް ގާސިމް ވިދާޅުވި

މި ވަގުތު ޖަލު ހުކުމެއްކޮށް، ވަގުތީ ގޮތުން ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހަމްދަރުދީވާ ކަމަށާއި އެ މަނިކުފާނު މިހާރު އެ އުޅުއްވަނީ ވަރަށް ނިކަމެތިކޮށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ގާސިމް މި ގޮތަށް ވިދާޅުވި އިރު ޔާމީންގެ ވެރިކަމުގައި ގާސިމް ޖަލަށް ލައި، ހުކުމްކުރި އެވެ. އަދި ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވުމުން ފިއްލަވައިގެން ޖަރުމަނަށް ވަޑައިގަތެވެ. ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގަތުމުން އެނބުރި ރާއްޖެ ވަޑައިގަންނަންދެން ގާސިމް ހުންނެވީ ޖަރުމަނުގަ އެވެ.

ގާސިމް މައްސަލައިގެ ހުލާސާއެއް - ޔާމީން ސަރުކާރުގައި ގާސިމް ހައްޔަރުކޮށް ޖަލަށް ލީ، އޭނާ ވިދާޅުވި ގޮތުގައި، ކޯޓުތަކަށް ޔާމީން ނުފޫޒު ފޯރުއްވައިގެންނެވެ. އެއީ އޭނާއަށް ދިން އަނިޔާއެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

  • ތިން އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އައީ މެމްބަރުންނަށް ރިޝްވަތު ދިންކަން ސާބިތުކޮށް

  • ހުކުމްކުރީ ގާސިމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވާ

  • އޭނާގެ ދަރިކަލުން ސިޔާދު ގާސިމް ވެސް ޔާމީންގެ ސަރުކާރުގައި ޖަލަށްލި

  • ގާސިމްގެ އެކައުންޓުތައް ފްރީޒްކޮށް، ވިޔަފާރިއަށް ހުރަސްއެޅުވި

  • ސަރުކާރު ބަދަލުވުމުން އެ ހުކުމް ކޯޓުން ބާތިލްކުރި

ބުނީ ކީކޭ - އިއްޔެ ޖޭޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކިތަންމެ ތަރައްގީއެއް ގެނެސްދިނަސް އެ މަނިފާނު ކަންތައް ކުރެއްވީ އިންސާނުން އިންސާނުންނާ މެދު ކަންތައް ކުރާ ގޮތަކަށް ނޫން ކަމަށެވެ. އަދި ޔާމީންގެ ސަރުކާރުގައި އޭނާއާ މެދު އަމަލްކުރީ ނިކަމެތިކޮށްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު އެ މަނިކުފާނު އެ ހުންނެވީ އަޅުގަނޑުމެން [ޔާމީންގެ ސަރުކާރުގައި] ތިބި ވަރަށް ވުރެ މާ ނިކަމެތި ހާލުގައި. އެ މަނިކުފާނު އަޅުގަނޑަށް ޖެއްސެވި ހާލަށް ވުރެ މާ ނިކަމެތި ހާލުގައި އެ ހުންނެވީ. އަޅުގަނޑު މިއަދު ވެސް ހަމްދަރުދީވޭ،" ދޮޅު އަހަރަށް ފަހު ފުރަތަމަ ފަހަރަށް ގާސިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް: ރައީސް ޔާމީނަށް ހަމްދަރުދީވާ ކަމަށް ވިދާޅުވި(ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އޭނާ ވިދާޅުވީ ޔާމީންގެ އިތުރުން އެފަދަ ހާލުގައި ތިބި އެހެން މީހުންނާ މެދު ވެސް ހަމްދަރުދީވެވަޑައިގަންނަވާ ކަމަށެވެ.

ގާސިމް ވަނީ ޔާމީނަށް ތައުރީފް ވެސް ކުރައްވައިފަ އެވެ. އެގޮތުން ޔާމީން ސަރުކާރުން ގެނައި ތަރައްގީ ފާހަގަކުރެއްވި އެވެ.

"ކުޑަ ދުވަސްކޮޅެއްގެ ތެރޭ އެވަރުގެ ކުރިއެރުން ހޯދައިދިން ވެރިޔަކު އަދި މިހާ ހިސާބަށް އަޅުގަނޑުމެން ތެރޭގައި ނެތް،" ގާސިމް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ހަމަ އެ ނޭވާގައި ބުނަން ޖެހޭ، އެއިން ކޮންމެ ޕްރޮޖެކްޓެއް ހިންގާފައި ހުރީ އެ ޕްރޮޖެކްޓެއް ހިންގަން ޖެހޭ ވަރުގެ ތިން ހަތަރު ބޮޑު އަގުގައި." 

އެމްއެމްޕީއާރުސީގެ ތެރެއިން ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ ވާހަކަ ވެސް ގާސިމް ގެންނެވި އެވެ.

ގުޅިގެން މަސައްކަތް ކުރަން ތިބި ބަޔަކާ އެކު މަސައްކަތް ކުރާނަން

 ޕީޕީއެމްއާ އެކު ކުރިއަށް އޮތް ތަނުގައި ކޯލިޝަނެއް ހައްދަވައި ނުވަތަ އެކުގައި މަސައްކަތް ކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލެއް ކުރުމުން ގާސިމް ވިދާޅުވީ މިހާރު މި ތިބީ ސަރުކާރު ކޯލިޝަންގައި ކަމަށެވެ. އަދި "ކޯލިޝަންގެ މައްޗަށް ކޯލިޝަން ނުހެދޭނެ" ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ "ގައުމުގެ ހައްގުގައި" ގުޅިގެން މަސައްކަތް ކުރަން ތިބި ބަޔަކާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.

"މި ކޯލިޝަން ގޮސްގެންތާ އަނެއްކާ އެހެން ކޯލިޝަނަކާ ހަމައަށް ދެވޭނީ. ދެން އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރަން ތިބި ބަޔަކާ އެކު މަސައްކަތް ކުރާ ބައެއް،" ޕީޕީއެމްގެ ކުރީގެ އިސް ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ގާސިމް ވިދާޅުވި އެވެ. 

  • އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ބައްދަލުވުމުގައި ޕީޕީއެމްގެ ކުރީގެ އިސް މެމްބަރުން ބައިވެރިވި(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު ރިޔާޒު ރަޝީދާއި ޕީޕީއެމްގެ ކުރީގެ ނައިބު ލީޑަރު އިލްހާމް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޕީޕީއެމްގެ ކުރީގެ ތަރުޖަމާނު އަލީ އާރިފް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެހެން ވާހަކައެއް - ގާސިމް އެގޮތަށް ވިދާޅުވި އިރު، 2019ގައި ބޭއްވި މަޖިލިސް އިންތިހާބުގައި އެ މަނިކުފާނުގެ ޖޭޕީން ވަނީ ޕީޕިއެމްއާ ގުޅިގެން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ބައެއް ދާއިރާތަކުން ނުކުންނެވި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ގާސިމް ތާއީދުކުރެއްވި އެވެ. އަދި އޭރު ޔާމީނަށް "ވަނުވާ" ޖަހާފައިވަނިކޮށް، މިނިވަންކުރަން ވެސް އޭނާ ގޮވާލެއްވި އެވެ.

"ވާނުވާ" އަކީ އަބަދު ބަންދުގެ މުއްދަތު އިތުރުކޮށް މީހުން ބަންދުގައި ބައިތިއްބާ ތިބުން ސިފަކޮށް މިހާރު ބުނެއުޅޭ ބަހެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ އެހެން ހަބަރުތައް:

އިތުރު އާޓިކަލް

އިތުރު އާޓިކަލް