ޖޭޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވާހަކަ ދައްކަވަނީ

ނާޒިމާއި ރިޔާޒު ހޮވަން މީހަކަށް 5 މިލިއަން ހަރަދު ކުރިން، ލަދު ގަންނަން ޖެހޭނެ: ގާސިމް

ގާސިމް ވަނީ ޖޭޕީގެ ކުރީގެ ދެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދަނގެތީ ދާއިރާގެ މުހައްމަދު ނާޒިމް އާއި ކިނބިދޫ ދާއިރާ އަބްދުﷲ ރިޔާޒް މަޖިލީހަށް ހޮވައިދިނުމަށް، އެއިން ކޮންމެ ބޭފުޅަކަށް 5 މިލިއަން ރުފިޔާ ހަރަދުކުރެއްވި ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ނާޒިމް އާއި ރިޔާޒް ސިޔާސީ ޕާޓީއެއް ހަދަން މިދިޔަ ޖުލައި މަހު ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އޭގެ ފަހުން ނާޒިމް ވިދާޅުވެފައި ވަނީ ޖޭޕީއަކީ ނިދާފައި އޮންނަ ޕާޓީއެއް ކަމަށާއި އެ ޕާޓީިގައި ހުންނަވައިގެން ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.

ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ފަހުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމްގެ ފަރާތުން ފެނުނީ ނާޒިމްގެ އެ ވާހަކަތަކުން އޭނާއަށް ކުރި އަސަރެވެ. އެކަމަކު ނާޒިމްގެ އިތުރުން ގާސިމްގެ ވާހަކަތައް ބިނާކުރެއްވީ ރިޔާޒު ވެސް އޭނާއަށް ޒާތީ ގޮތުން ދިމާކުރެއްވި ކަމަށް ގަބޫލުކުރައްވައިގެންނެވެ.

ތަފްސީލު - މިއަދު ޖޭޕީގެ މައި އިދާރާ، މ. ކުނޫޒުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އެ ދެ ބޭފުޅުންް ޖޭޕީން ވަކިވުމުން އޭނާ "ޗޭނުވާ" ކަމަށެވެ. ނަމަވެސް އެހާ ބޮޑެތި ހަރަދުތަކެއްކޮށް ފަސް އަހަރު ނުވަނީސް ޕާޓީން ވަކިވެވަޑައިގަތުމަކީ އެ ބޭފުޅުން "ލަދުގަންނަން ޖެހޭނެ" ކަމެއް ކަމަށް ވިދާޅުވި އެވެ.

އެއީ "އަމިއްލަ އެދުމުން ފޯވެފައި ތިބި ގޮތެއް ފޮތެއް ނެތް "ބައެއް ކަމަށް ސިފަކުރެއްވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ދެ ދާއިރާއަށް ދެ ބޭފުޅުން [ނާޒިމް އާއި ރިޔާޒް] ހޮވިވަޑައިގަތީ އެބޭފުޅުން އަމިއްލަފުޅު ނަމުގައި ނުކުމެގެންތޯ؟ ކޮންމެ ބޭފުޅަކަށް ހަތަރު ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން، އަޅުގަނޑުގެ އަމިއްލަ ލޯންޗުފަހަރުގައި އެތައް ބައިވަރު ދަތުރުތައްކޮށްގެން ހޮވުނީ،" ގާސިމް ވިދާޅުވި އެވެ.

އެހާ ރަނގަޅަށް ނާޒިމާއި ރިޔާޒަށް ކަންތައް ކޮށްދެއްވައި "ބުރަކަށީގައި ލެގިގެން" ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު، ޖޭޕީ ދޫކުރެއްވުމަކީ އޭނާގެ ގައިގައި "ލެނޑުން ކަމަށް" ގާސިމް ސިފަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެ ފައިސާ އަނބުރާ ދައްކަވާފައި ވަޑައިގެން ނަމަ "މި ޕާޓީގެ ކުރިއަށް ހުރި ކަންކަމަށް ތަންކޮޅެއް ފަސޭހަވީސް" ކަމަށެވެ.

ޖުމްހޫރީ ޕާޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވާހަކަ ދައްކަވަނީ

ގާސިމް ވަނީ ނުސީދާކޮށް ވެސް ނާޒިމަށް ރައްދު ދެއްވައިފަ އެވެ. އެގޮތުން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ހަތިޔާރު ގަތުމުގެ "ޑީލެއް ހެދިކަމު"ގެ އަޑު އިވިވަޑައިގަތް ކަމަށް ވިދާޅުވި އެވެ. ދެން ކުރެއްވި ތުހުމަތަކީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާ ލޯނުތަކުން "ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ވަކި ކުންފުންޏަކަށް ލިބޭ" ކަމަށް ވިދާޅުވި ވިދާޅުވުމެވެ.

"އަޅުގަނޑަށް އެނގޭ ކޮންމެވެސް އާރު އަކުރަކުންކަން ފެށެނީ އެ ކުންފުނީގެ ނަން،" ނާޒިމްގެ އާއިލީ ކުންފުނި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އަށް ނިސްބަތްކުރައްވައި، ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ތުހުމަތާ މެދު ނާޒިމްގެ ބަހެއް ހޯދަން މިރޭ ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ނާޒިމްގެ އިތުރުން އޭނާގެ ކޮއްކޮ އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމަށް ނިސްބަތްކުރައްވާ ވެސް ގާސިމް ހަމަލާއެއް ފޮނުއްވާލި އެވެ. އެގޮތުން އޭނާ ވިދާޅުވީ "ޖޭޕީގެ ސްލޮޓްގައި ސަރުކާރު ކުންފުޏެއްގައި ހުރެގެން ތަފާތު އެކި ގޮތްގޮތަށް ކަންތައް ކުރައްވާކަން،" ހުވަފެނުން ފެނިވަޑައިގަންނަވާ ކަމަށެވެ. 

ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ބައްދަލުވުމުގައި ޕާޓީގެ ބައެއް ކައުންސިލް މެމްބަރުން ބައިވެރިވި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ވޭތުވެދިޔަ ދެ އަހަރު ޖޭޕީ އޮތީ ނިދާފައި ކަމަށް ނާޒިމް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ އެ ދެ ބޭފުޅުން ޕާޓީގެ ގިނަ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގަންނުވާ ކަމަށެވެ. އެގޮތުން ވިދާޅުވީ؛

  • ދެ އަހަރު ތެރޭ ކައުންސިލްގެ 12 ބައްދަލުވުން އޮތް އިރު ދެ ބޭފުޅުން ވަޑައިގަތީ އެންމެ ބައްދަލުވުމަކަށް

  • ޕާޓީއާ އަލަށް ގުޅޭ މެމްބަރުންގެ 24 ޖަލްސާގެ ތެރެއިން އެންމެ ޖަލްސާއަކަށް ވެސް ވަޑައެއްނުގަންނަވާ

  • ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ އެއްވެސް ބައްދަލުވުމެއްގައި ނެތް

  • ކޮމިޓީތަކުގެ 33 ބައްދަލުވުމުގެ ތެރެއިން އެއްވެސް ބައްދަލުވުމަކުން ނުފެނޭ

"ދެން ވިދާޅުވެބައްލަވާ ކިހިނެއްތޯ ވީ؟ އެ ބޭފުޅުން ތިއްބެވީ އެ ވިދާޅުވާ ނިދީގައި، މަސްތުގައި ގޮސް ޣަރަގުވެ ހުސްވެފައި،" ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ކަށަވަރު މި ދެ މީހުން އިސްވެ ހަދާ ޕާޓީއަކުން ރައްޔިތުންނަށް އެއްވެސް ރަނގަޅު ކަމެއް ނުވާނެ."

ގާސިމްގެ ބައެއް އެހެން ވާހަކަތައް:

  • ނާޒިމާއި ރިޔާޒަށް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި މަގާމު ލިބުނީ ގާސިމް އެދިގެން

  • ރިޔާޒާ ޖޭޕީ ހަވާލުކުރައްވަން ގާސިމް އަރިހުން އޭނާ އެދިވަޑައިގެންނެވި

  • ޕާޓީގެ ލީޑަޝީޕަށް އޭނާ ނޫން ބޭފުޅަކު ގެންނަވަން މަސައްކަތްނުކުރައްވަނީ އެވަރުގެ ލީޑަރެއް ނެތުމުން 

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ދައުރަކަށް ތާއީދުކުރެއްވުމާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން

  • ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު އެއްޗެއް ވިދާޅުވުން އަދި އަވަސް

ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރު ހަބަރުތައް:

އިތުރު އާޓިކަލް

އިތުރު އާޓިކަލް