ޖުމްހޫރީ ޕާޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ
ޖުމްހޫރީ ޕާޓީ "ނިދާފައި އޮތީ" އަޅުގަނޑަށް އަންނަ އަނިޔާތަކުން: ގާސިމް
ޖުމްހޫރީ ޕާޓީގައި ކުރިން ތިއްބެވި އެކަމަކު މިހާރު އަމިއްލަ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި އަބްދުﷲ ރިޔާޒު ވިދާޅުވި ގޮތަށް "ޖުމްހޫރީ ޕާޓީ އޮންނަނީ ނިދާފައި" ކަމަށާއި ނަމަވެސް އޭގައި ސަބަބުތަކެއް ހުރި ކަމަށް، ޕާޓިގެ ލީޑަރު ގާސިމް އިބްރަހިމް ދާދި ދެންމެއަކު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީ އޮފީހުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އޭނާގެ ޕާޓީ "ނިދާފައި އޮންނަނީ" ކޮންމެ ސަރުކާރެއްގައި ވެސް އޭނާއަށް އަންނަ އަނިޔާތައް ގިނަކަމުން ކަމަށެވެ. އެގޮތުން ސަރުކާރެއްގައި ހިނގާ ގޯސް ކަންތައްތަކުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެ ހަމަލާ "ދެން ވެސް، ދެން ވެސް، ދެން ވެސް" އަންނަނީ "އަޅުގަނޑާ ދިމާއަށް" ކަމަށް ވިދާޅުވި އެވެ.
އަސްލު މައްސަލަ - ކުރީގެ ތިން ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު އަދި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ގާސިމް ހައްޔަރުކުރި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް ގާސިމަށް ލިބިވަޑައިގަތީ ޔާމީންގެ ސަރުކާރުގަ އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފައްދަވަން ނާޒިމް އާއި ރިޔާޒު ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އަދި 5،000 އަށް ވުރެ ގިނަ މީހުންގެ ސޮޔާ އެކު ވަރަށް އަވަހަށް ރަޖިސްޓްރީއަށް ލާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ދަނގެތީ ދާއިރާގެ ގޮނޑި ނާޒިމަށް އަދި ތިމަރަފުށީ ގޮނޑި ރިޔާޒު ކާމިޔާބުކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ.
ނާޒިމާއި ރިޔާޒަށް ވަރަށް ބޮޑަށް ފާޑުކިއުއްވަމުން ގާސިމް ވިދާޅުވީ އެ ވާހަކަތައް ދައްކަވަން ޖެހިވަޑައިގަތީ އެ ބޭފުޅުން ވެސް "ޒާތީ ގޮތުން ވާހަކަ ދައްކަވާތީ" ކަމަށެވެ.
ބުނީ ކީކޭ؟ - ގާސިމް ވިދާޅުވި ގޮތުގައި ޑިމޮކްރަސީ ގެންނަން އެ ބޭފުޅުން ވާހަކަ ދައްކަވާ އިރު އެއީ އޭނާ ކަހަލަ އެތައް ބަޔަކަށް އަނިޔާ ލިބުނު އިރު "ދަމާފައި ގެންގޮސް މީހުންނަށް އަނިޔާކޮށް ރޯނާގަންނުވާލި މީހުންގެ ތެރޭގައި ތިއްބެވި ބޭފުޅުން"ނެވެ.
"އެ އެބޭފުޅުންނަށް އެނގޭނީ ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް،" ގާސިމް ވިދާޅުވި އެވެ.
މައުމޫންގެ ވެރިކަމުގެ ފަހުގެ އަހަރުތަކުގައި އިސްލާހީ މަސައްކަތަށް އިދިކޮޅުން ޖެއްސި ޕްރެޝަރުގައި އެތައް ބަޔަކު ހައްޔަރުކުރަމުން ދިޔަ އިރު ނާޒިމް އާއި ރިޔާޒު ހުންނެވީ ސިފައިންގެ ތެރޭގަ އެވެ. ފުލުހުންނާއި ސިފައިން ވަކިކުރުމުން ރިޔާޒު ވަޑައިގަތީ ފުލުހުންގެ ތެރެއަށެވެ. ދެ ބޭފުޅުންނަށް މަގާމު ގެއްލިވަޑައިގަތީ، އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ އިންތިހާބަށް ފަހު އެމްޑީޕީގެ ވެރިކަމުގަ އެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގައި އެންމެ ޑިމޮކްރެޓިކްކޮށް ހިންގަނީ ޖުމްހޫރީ ޕާޓީ ކަމަށެވެ. އެކަމަކު ނާޒިމާއި ރިޔާޒަށް މިހާރު އެއީ އެއްވެސް ޕާޓީއަކަށް ނުވިޔަސް ދެ ބޭފުޅުން އެ ޕާޓީއާ ގުޅިވަޑައިގަތީ އަމިއްލައަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ބުނެގެންނެއް ނޫން ގުޅުނީކީ،" ގާސިމް ވިދާޅުވި އެވެ.
ކޮމެންޓް (1)
އައްސަދު އަހްމަދު