އޭސީސީގެ އޮފީސް ހުންނަ އިމާރާތުގެ ބޭރުން ބަޔަކު ދުއްވާފައި ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އޭސީސީ

އެސްކްރޯ އެކައުންޓަށް ޔާމީން ޖަމާކުރި ފައިސާއާ މެދު ގޮތެއް ނިންމާނީ މަޝްވަރާއަށް ފަހު: އޭސީސީ

ސުޕްރީމް ކޯޓުން ކުރި ހުުކުމްގައި ބުނީ، ޔާމީންގެ އެކައުންޓަށް ވަތް ފައިސާގެ އަސްލު ހޯދައި އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނަމަ އެ ފައިސާ ހޯދުމުގެ ފުރުސަތު ދައުލަތަށް އަދިވެސް އޮތް ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި 1 މިލިއަން ޑޮލަރު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީއާ) އާއި ޔާމީނާ ދެމެދު ސޮއިކުރި އެސްކްރޯ އެއްބަސްވުމުގެ ދަށުން އެސްކްރޯ އެކައުންޓުގައި ހުރި ފައިސާއާ މެދު ގޮތެއް ނިންމާނީ ތަހުގީގީ އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު ކަަމަށް އޭސީސީ އިން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ޔާމީން އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި 1 މިލިއަން ޑޮލަރަކީ ގއ. ވޮޑަމުއްލާ ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ފައިސާކަމަށް ދައުލަތުން ބުނެ އެވެ. އެގޮތުން:

  • އެ ފައިސާ އެސްކްރޯ އެކައުންޓަކަށް ބަދަލުކުރުމަށް ހެދި އެއްބަސްވުމުގެ ދަށުން ޔާމީން 1 މިލިއަން ޑޮލަރު އެ އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވި 

  • ނަމަވެސް، އެއީ އެސްއޯއެފް ކުންފުނިން ޖަމާކުރި ފައިސާ ނޫން ކަމަށާއި އެއީ ޔާމީން އެހެން ތަނަކުން ހޯއްދެވި 1 މިލިއަން ޑޮލަރު ކަމަށް ދައުލަތުން ތުހުމަތުކުރި

  • އެއީ މަނީ ލޯންޑާކުރުމުގެ އަމަލެއް ކަމަށް ނިންމައި ދައުލަތުން ޔާމީނުގެ މައްޗަށް ދައުވާކުރި 

  • ކްރިމިނަލް ކޯޓުން ޔާމީން ފަސް އަހަރަށް ޖަލަށްލި 

ނަމަވެސް، ސުޕްރީމް ކޯޓުން އިއްޔެ އެ ހުކުމް ބާތިލުކުރުމާ އެކު، އެސްކްރޯ އެކައުންޓުގައި ހުރި ފައިސާއަށް ދެން ވާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ބުނީ ކީކޭ؟ - 'ދައުރު' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ތަރުޖަމާނު ހަސަން މަނިކު ވިދާޅުވީ، އެއީ އެހެން ތަހުގީގީ އިދާރާތަކާ ގުޅިގެން ހިންގި ތަހުގީގެއް ކަމަށް ވާތީ، އެސްކްރޯ އެކައުންޓުގައި ހުރި ފައިސާއާ މެދު ގޮތެއް ނިންމާނީ އެ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

"އަދި އެކަމުގައި ގޮތެއް ނުނިމޭ،" ހަސަން މަނިކު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 2019ގައި އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލުކުރުމުން ސަޕޯޓަރުންނާ އެކު ޔާމީން އުފާ ފާޅުކުރައްވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނަިއިދު)

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުން އަންނަނީ ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެންނެވެ.

އެނގުން މުހިންމު - ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުުކުމްގައި ބުނީ، ޔާމީންގެ އެކައުންޓަށް ވަތް ފައިސާގެ އަސްލު ހޯދައި އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނަމަ އެ ފައިސާ ހޯދުމުގެ ފުރުސަތު ދައުލަތަށް އަދިވެސް އޮތް ކަމަށެވެ. ނަމަވެސް، އެ މައްސަލައިގައި ދެން ޔާމީންގެ މައްޗަށް ޖިނާއީ ދައުވާއެއް ނުފުލޭނެ އެވެ.

އޭގެ އިތުރުން، އެ ފައިސާއާ މެދު ޔާމީން ކަންތައް ކުރެއްވީ، ރައީސަކު ކަންކަން ކުރައްވަން ޖެހޭ ގޮތަކަށް ނޫން ކަމަށް ވެސް ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް