އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވާހަކަ ދައްކަވަނީ: އިންޑިއާ ސިފައިން "ބަޑަހަ ޖަހައިގެން" ތިބޭކަށް ތާއީދެއް ނުކުރާ ކަމަށް ވިދާޅުވި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މިނިވަންކަން ގެއްލޭނެ ކަމެއް ސަރުކާރަކުން ނުކުރޭ، ބޭރުގެ ސިފައިން "ބަޑަހަ ޖަހައިގެން" ތިބޭ ނަމަ އެއީ ގޯހެއް: ގާސިމް

މިނިވަންކަން ގެއްލޭނެ ކަމެއް ރައީސް ސޯލިހު ނުކުރައްވާނެ ކަމަށާއި ބަޑަހަޖަހައިގެން އެއްވެސް ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ތިބެވިގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވި.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާށް އަސަރު ކުރާނެ ކަމެއް ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ސަރުކާރުން ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް ބޭރުގެ ސިފައި ރާއްޖޭގައި "ބަޑަހަ ޖަހައިގެން" ތިބޭ ނަމަ، އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - އަވައްޓެރި އިންޑިއާ އިން ގިނަ ލޯނުތަކެއް ނަގައި، ރާއްޖޭގައި ބޭރު ސިފައިން ގައިމުވެ ތިބުމަށް އެއްބަސްވުންތަކެއް ހަދަމުންދާ ކަމަށާއި އޭގެ ސަބަބުން މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރު ކުރާނެ ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އަދި އެކަން އެގޮތަށް ކުރުމަށް ޖާގަ ލިބެނީ ގާސިމްގެ ވެސް ތާއީދާ އެކު ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ.

ވީ ކިހިނެއް - އިއްޔެ ޖޭޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތުހުމަތުތަކާ ގުޅޭ ގޮތުން 'ދައުރު'އިން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ، އޭނާ އަށް އެނގިވަޑައިގެން ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާވަރުގެ ކަމެއް މި ސަރުކާރުން ނުކުރާ ކަމަށެވެ. އަދި ހުރިހާ ސަރުކާރަކުން ވެސް ލޯނު ނަގާ ކަމަށާއި މިނިވަންކަން ގެއްލޭ ވަރަށް މި ސަރުކާރުން ލޯނު ނަގާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގިފައެއް ނެތް މިއަދު މި އޮތް ސަރުކާރުން ނަންގަވާ ލޯނެއްގެ ސަބަބުން ރާއްޖެ އަށް ނިކަމެތިކަމެއް ލިބިދާނެކަން އެނގޭނެވަރުގެ [އަދި] އެއްބަސްވުމެއް އޮތް ކަމެއް ނުވަތަ އެ ބާވަތުގެ ކަމެއް ކުރައްވާ ކަމުގެ ނުވަތަ ނޫން ކަމުގެ،" ދޮޅު އަހަރަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި، ސަރުކާރުގެ ދިފާއުގައި ގާސިމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވާހަކަ ދައްކަވަނީ: މި ސަރުކަރުން މިނިވަންކަން ގެއްލޭ އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވި--(ދައުރު ފޮޓޯ)

މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެެއްލުން ލިބޭނެ އެއްވެސް ކަމެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިލާފު ނުވާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށް ގާސިމް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ޔަގީން ކުރާ ގޮތުގައި އެފަދަ [ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އަސަރު ކުރާ] އެއްބަސްވުމެއް އަދުގެ ރައިސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް. އެކަހަލަ ކަމެއް ކުރައްވަފާނެ ކަމަށް ގަބޫލު ކުރަން ދަތި،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ ތަމްސީލު ކުރައްވާ ގާސިމް ވިދާޅުވި އެވެ.

އަޅުގަނޑު ނުރުހެން އެއްވެސް ގައުމެއްގެ މިލިޓަރީ ބަޔަކު މިތަނަށް އަރައި ފައިބައިގެންން ބަޑަހަ ޖަހައިގެން ތިބޭކަށް

ގާސިމް އިބްރާހިމް/ ޖުމްހޫރީ ޕާޓީގެ ލީޑަރު

އެއްވެސް ގައުމެއްގެ ބޭރުގެ ސިފައިން ތިބުމަށް ތާއީދެއް ނުކުރަން

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ގާސިމް ވިދާޅުވަނީ އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ގޯހެއް ކަމަށް(ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ތަކުރާރުކޮށް އެހެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، އިންޑިއާ ސިފައިން މި ރާއްޖޭގައި ތިބޭކަން އެނގެނީ ނޫސްތަކުން ކަމަށާއި އެކަމުގައި ހަގީގަތް އަދި ނުބެލޭ ކަމަށެވެ. ނަމަވެސް އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ އޭނާ ތާއީދު ކުރާ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ވަރަށް އިހުލާސްތެރިކަމާ އެކު މި ދަންނަވަނީ އަޅުގަނޑަށް [ތިޔަކަން] އެނގިފައެއް ނެތް. ކޯލިޝަންއެއްގައި ތިއްބަސް އެއީ އަޅުގަނޑުމެން ދެކޮޅު ހަދާނެ ކަމެއް. އެއްވެސް ބޭރު ގައުމެއްގެ  ސިފައިން އަޅުގަނޑުމެންގެ ސަރަހައްދުގައި ވަޒަންވެރިވެ، މިތަނުގައި މިލިޓަރީ ބޭސްްއެއް ހިންގަން އަޅުގަނޑު ގަބޫލެއް ނުވާނަން. އެއީ ގައުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް،" ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ނުރުހެން އެއްވެސް ގައުމެއްގެ މިލިޓަރީ ބަޔަކު މިތަނަށް އަރައި ފައިބެގެން ބަޑަހަ ޖަހައިގެން ތިބޭކަށް،"

ނޫސްވެރިންގެ ބައްދަލުވުމުގެ އެހެން ހަބަރުތައް:

އިތުރު އާޓިކަލް

އިތުރު އާޓިކަލް