ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު 2024 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަން ރައްޔިތުންގެ މަޖިލީހުގައި. (ފޮޓޯ/މަޖިލިސް)

އިގްތިސާދީ ކަންކަން ހަރުދަނާކުރަން އެމްއެމްއޭއިން ލަފައެއް ނުދޭ: ފިނޭންސް މިނިސްޓަރު

ފާއިތުވެދިޔަ ދިގު ތާރީހުގައި ފިސްކަލް އަދި މަނިޓަރީ ސިޔާސަތު އެއްގޮތް ކުރުމަށް އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި

ދައުލަތުގެ މާލީ އަދި އިގްތިސާދީ ކަންކަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފަރާތުން އިސްނަގައިގެން މި ސަރުކާރަށް ލަފައެއް ނުދޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޝަފީގު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި މިހެން ވިދާޅުވެފައިވަނީ، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، އެ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމު ދުރުކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވަނިކޮށެވެ.

ގަވަރުނަރު މަގާމުން ދުރުކުރަން ރައީސްއަށް ލަފާ ދިނުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމެޓީއަށް ފޮނުވީ 2 ޖުލައިގަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޖިލީހުން މައުލޫމާތު ސާފުކުރަން އެދުމުން މިނިސްޓަރު ޝަފީގު ލިޔުމުން ޖަވާބު ފޮނުއްވެވީ 8 ޖުލައިގަ އެވެ.

ބުނީ ކީކޭ؟ - "ދައުލަތުގެ މާލީ އަދި އިގްތިސާދީ ކަންކަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން އިސްނަގައިގެން ލަފާފުޅެއް ދެއްވާފައެއް ނުވެ އެވެ،" ޝަފީގު ފޮނުއްވި ސިޓީގައިި ވިދާޅުވެފައިވެ އެވެ.

ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅުގައި އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ބައްދަލުވުމެއް ބާއްވައި ދެ މުއައްސަސާއާ ދެމެދު މައުލޫމާތު ބަދަލުކުރުމާއި ޕޮލިސީ ފެންވަރުގައި މަޝްވަރާކޮށްގެން ކަންކަން ކުރިއަށްގެންދިއުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރި ކަމަށް އެ ސިޓީގައިވެ އެވެ.

"މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން އެދިފައިވާނީ ފޮރިން ކަރަންސީ އެކްސްޗޭންޖް ވިޔަފާރި މިހާރަށްވުރެ ރަނގަޅަށް އެ އޮތޯރިޓީން ރެގިއުލޭޓު ކުރުމަށެވެ،" އެ ސިޓީގައި ޝަފީގު ވިދާޅުވި އެވެ.

"މީގެ އިތުރުން، ފޮރިން އެކްސްޗޭންޖް މާކެޓު ހަރުދަނާ ކުރުމާ ބެހޭ ގޮތުން އެ އޮތޯރިޓީން އިސްނަގައިގެން މި މިނިސްޓްރީއާ އެކު ޓެކްނިކަލް ފެންވަރުގައި ބައްދަލުވުންތަކެއް ބާއްވަވާފައިވާކަން ފާހަގަކުރަމެވެ."

ތަފްސީލު - ޝަފީގު ވިދާޅުވީ ދައުލަތުގެ މާލިއްޔަތަށް އެ ކަމެއްގެ ސަބަބުން ގޮންޖެހުމެއް ކުރިމަތިވެދާނެ ކަންކަމުގައި މަރުކަޒީ ބޭންކާއި މިނިސްޓްރީއާ ދެމެދު މަޝްވަރާކޮށްގެން ކުރިއަށްގެންދިއުމަކީ މުޅި އިގްތިސާދުގެ ހަމަޖެހުން ދެމެހެއްޓުމަށް ލިބޭ ބާރެއް ކަމަށެވެ.

ނަމަވެސް، ފާއިތުވެދިޔަ ދިގު ތާރީހުގައި ފިސްކަލް އަދި މަނިޓަރީ ސިޔާސަތު އެއްގޮތް ކުރުމަށް އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ދާދި ފަހުން އެމްއެމްއޭއިން އެ އޮތޯރިޓީގައި ކޮމާޝަލް ބޭންކުތަކުން ބަހައްޓަން ޖެހޭ މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރުއެމް) އުފުލުމަށް ނިންމި ނިންމުން ވެގެންދިޔައީ ފިނޭންސް މިނިސްޓްރީން ކޮމާޝަލް ބޭންކުތަކާ އެކީ ކުރަމުން އަންނަ މާލީ މުއާމަލާތްތަކަށް ދިމާވި ގޮންޖެހުމަކަށެވެ. ދެ މުއައްސަސާ ދެމެދު މިކަމާ ގުޅިގެން ބޭއްވި ބައްދަލުވުންތަކުގެ އަލީގައި މި މައްސަލައަށް މިހާރު ވަނީ ހައްލުތަކެއް އެމްއެމްއޭއިން ހޯއްދަވާދެއްވާފަ އެވެ،" ޝަފީގު ވިދާޅުވި އެވެ.

މީގެ އިތުރުން، މާލީ އަދި އިގްތިސާދީ ސިޔާސަތު ކަނޑައަޅަން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ ހިމެނޭހެން އެކުލަވައިލި މެކްރޯއިކޮނޮމިކް ޕޮލިސީ ކޯޑިނޭޝަން ކޮމެޓީ (އެމްއީޕީސީސީ) މެދުވެރިކޮށް މީގެ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - މި މައްސަލައިގައި ގަވަރުނަރު ޖަވާބުދާރީވާން މިއަދު މާލިއްޔަތު ކޮމެޓީން ބައްދަލުވުމެއް ތާވަލުކުރި ނަމަވެސް، އާލާސްކަންފުޅާ އުޅުއްވާތީ އޭނާ ވަޑައިނުގަންނަވަ އެވެ. ނަމަވެސް، ލިޔުމުން ޖަވާބުދާރީވެ، ތުހުމަތުތައް ދޮގުކުރެއްވި އެވެ.

ކޮމެންޓް (1)

ހިމާރުލްގައުމު

16 ޖުލައި 2024
ކޮންމެހެން ލަފައޭ އަނެކައްޗެކޭ ކިޔާ ޑްރާމާ ކުޅޭނެ ކަމެއް ނެތް. ކަލޭމެންގެ ފުލް މެޖޯރިޓީ އޮތީ. ދެން އަލީ ވަކިކޮށްފަ އަދުރޭގެ އާއިލާ ކޮންމެވެސް މީހަކަށް ދީބަލަ ގަވަރުނަރުކަން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް