އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މިހާރު އޮތް އިގްތިސާދީ ހާލަތަށް އައީ ދިން ލަފާތައް އަޑުނޭހުމުން: ގަވަރުނަރު

މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމުން ގަވަރުނަރު އަލީ ހާޝިމް ވަނީ ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައި؛ އޭނާ ވިދާޅުވާ ގޮތުގައި، މިހާރު އޮތް އިގްތިސާދީ ހާލަތު ކުރިމަތިވީ ލަފާ ދިނުމުން ވެސް ކަމާ ބެހޭ ފަރާތްތަކުން އެ ކަންކަމަށް އަހަމިއްޔަތުކަން ނުދިނުމުން

ރާއްޖެ އިގްތިސާދީ ކާރިސާއަކަށް ދިޔަނުދިނުމަށްޓަކައި އެ އިރެއްގައި އޮންނަ ހާލަތަކާ ބެހޭ ގޮތުން އަބަދުވެސް ސަރުކާރަށް ލަފާދެމުން އަންނަ ކަމަށާއި މިހާރު އޮތް ހާލަތަށް ދިޔައީ މަރުކަޒީ ބޭންކާއި މާލީ ދާއިރާގެ ބައިނަލްއަގްވާމީ މުއައްސަސާތަކުން ދިން ލަފަ އާއި އިރުޝާދުތަކަށް ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން އަހަމިއްޔަތުކަން ނުދިނުމުން ކަމަށް ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ޒިންމާ އަދާނުކުރައްވާ ކަމަށް ތުހުމަތުކޮށް، އެ މަގާމުން ވަކިކުރުމަށް ރައީސްއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލައިގައި މިއަދު މާލިއްޔަތު ކޮމެޓީން ތާވަލުކުރި ބައްދަލުވުމަށް އޭނާ އާލާސްކަންފުޅާ އުޅުއްވާތީ ވަޑައިނުގަންނަވަ އެވެ.

އެކަން އެންގި ސިޓީއާ އެކު ގަވަރުނަރަށް ކުރާ ތުހުމަތުތަކަށް އޭނާ ލިޔުމުން ފޮނުއްވެވި ޖަވާބުތައް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.

ބުނީ ކީކޭ؟ - އެމްއެމްއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ކުރާ ތުހުމަތާ ގުޅޭގޮތުން ގަވަރުނަރު ވިދާޅުވީ، އިގްތިސާދީ ކާރިސާއެއް އައުމުގެ ކުރިން އެފަދަ ހާލަތަކުން ގައުމު ސަލާމަތްކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދާއި އެހީ އެ އެމްއެމްއޭއިން ފޯރުކޮށްދިން ކަމަށް އޭނާ އާއި އެ އޮތޯރިޓީން ވެސް ގަބޫލުކުރައްވާ ކަމަށެވެ.

އެމްއެމްއޭއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން މީގެ ކުރިން ވެސް އަދި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ، ގަވަރުނަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދަށް ދިމާވާ ގޮންޖެހުންތަކަށް ވިސްނުންތެރިކަމާ އެކީ ކުރިމަތިލައި އިގްތިސާދީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ވެސް ރާއްޖެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓުނަނުދީ ރައްކާތެރި ދިމާލަކަށށް ވާސިލުވެވޭނެ ގޮތްތައް ޔަގީން ކުރުމަށެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް 2023 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ބަޖެޓް ކޮމިޓީއަށް އެ އިދާރާގެ ފަންނީ ލަފާދެއްވަނީ (ދައުރު ފޮޓޯ)

"ވޭތުވެދިޔަ ދެ އަހަރުތެރޭގައި އެކަނިވެސް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި މަޝްވަރާތަކުން، އިގްތިސާދަށް ނުރައްކާތަކެއް ހުރިކަމާއި އެ ނުރައްކާތަކުން އިގްތިސާދު ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާ މި އޮތޯރިޓީން ހިއްސާ ކޮށްފައިވާކަން އެނގިލައްވާނެއެވެ،" ގަވަރުނަރު ލިޔުމުން ފޮނުއްވި ޖަވާބުގައިވެ އެވެ.

"އެހެންކަމުން، އަޅުގަނޑާއި މި އޮތޯރިޓީ ގަބޫލުކުރާ ގޮތުގައި މިހާރުގެ މި އިގްތިސާދީ ހާލަތު އަދި އިގްތިސާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބޮޑު ބިރެއް އޮތުމުގެ މައިގަނޑު ސަބަބަކީ މި އޮތޯރިޓީ އާއި މާލީ ކަންކަމާ ބެހޭ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ އިރުޝާދާއި ލަފައަށް ކަމާބެހޭ ފަރާތްތަކުން އަހައްމިޔަތުކަން ނުދިނުމާއި އަޅުގަނޑުމެން ޒަމާނުއްސުރެ ވަކާލާތުކުރަމުން އައިސްފައިވާ ފިސްކަލް ޑިސިޕްލިން ގެންގުޅުއްވާފައި ނެތް ކަމުންނެވެ."

ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި މުޅި ދިވެހި ދައުލަތް އެކުގައި ދަތި އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވައި، އެ މަސައްކަތުގައި ގަވަރުނަރާއި އެމްއެމްއޭގެ ފުރިހަމަ އެއްބާރުލުން އެ މަސައްކަތަށް ލިބޭނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.

ތަފްސީލު - މި ސަރުކާރު ވެރިކަމާ ހަވާލުވެގެން މިވީ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ނުދިނުމާއި އެމްއެމްއޭގެ މައިގަނޑު މަގްސަދުތައް ހާސިލުކުރަން މަސައްކަތް ނުކުރާ ކަމަށް ކުރާ ތުހުމަތުތައް ވެސް ގަވަރުނަރު ވަނީ ދޮގުކުރައްވާފަ އެވެ.

އެ ތުހުމަތުތަކަށް އިންކާރު ކުރައްވަމުން ގަވަރުނަރު ވަނީ މި މުއްދަތުގައި އެމްއެމްއޭއިން ކުރަމުން އަންނަ އަދި މީގެ ކުރިން ވެސް ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފަ އެވެ.

އޭނާ ފާހަގަކުރެއްވި ބައެއް ކަންތައްތަކަކީ:

  • ރައީސް އޮފީހުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ މެކްރޯ އިކޮނޮމީ ޕޮލިސީ އެންޑް ކޯޑިނޭޝަން ކޮމެޓީގެ ތެރެއިން އިގްތިސާދީ މުހިންމު ކަންތައްތަކާ މެދު މަޝްވަރާކޮށް، އިގްތިސާދީ ފޯކާސްޓުތަކާ ބެހޭ ގޮތުން ޖޫން 2024ގެ ނިޔަލަށް 6 ބައްދަލުވުން ބޭއްވި

  • އެ ބައްދަލުވުންތަކުގައި މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން މަޑުޖެހުނު ސަބަބުތަކާއި ސަރުކާރުގެ މިއަހަރުގެ ފިސްކަލް ސްޓްރެޓަޖީއަށް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީން ތައްޔާރުކުރި ޖީޑީޕީގެ އަންދާޒާ އާއި ފަތުރުވެރިކަމުގެ ސިނާއަތުގެ އަންދާޒާ ހުށަހަޅައި މަޝްވަރާކުރި

  • މިއަހަރުގެ ބަޖެޓާ ގުޅޭ ގޮތުން 19 ނޮވެމްބަރު 2023ގައި މަޖިލީހަށް އެމްއެމްއޭގެ ލަފާ ހުށަހެޅި

  • އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ރަސްމީ ރިޒާވަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން އެކި މަރުހަލާގައި ލިޔުމުންނާއި ފިނޭންސް އަދި މަޖިލީހާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ހިއްސާކުރި

އޭގެ އިިތުރަށް އެމްއެމްއޭއިން މީގެ ކުރިން ވެސް ގަވާއިިދުން ސަރުކާރާ ހިއްސާކުރަމުން އައި މައުލޫމާތު، މެދުކެނޑުމެއް ނެތި ހިއްސާކުރަމުން އަންނަ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން އާންމުންނާއި ސަރުކާރުގެ އެކި އިދާރާތަކަށް ބޭނުންވާ ތަފާސްހިސާބު ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި އާންމު ކުރުމުގެ ގޮތުން އެމްއެމްއޭއިން ޝާއިއުކުރަމުން އަންނަ ޑޭޓާ ސީރީޒްތައް، 2020 ވަނަ އަހަރުން ފެށިގެން އިތުރުކޮށް، 700 އިން 4،600އަށް ވުރެ ގިނަ ޑޭޓާ ސީރީޒްތައް އެމްއެމްއޭގެ އެކި ޑިސަމިނޭޝަން ޕްލެޓްފޯމްތަކުގައި (މައުލޫމާތު އާންމުކުރާ އެކިއެކި ވަސީލަތްތަކުގައި) މިހާރު ވެސް ޝާއިއުކުރަމުން ގެންދެމެވެ،" ގަވަރުނަރުގެ ޖަވާބުގައިވެ އެވެ.

އެނގުން މުހިންމު - އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުން، ގަވަރުނަރު މަގާމުން ވަކިކުރަނީ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް އެވެ. އަދި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ޒިންމާދާރުކުރާ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އެވެ.  

މައްސަލައިގެ ފެށުން - އަލީ ހާޝިމް، ގަވަރުނަރުގެ ޒިންމާ އަދާނުކުރައްވާ ކަމަށް ތުހުމަތު ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އެވެ. އެއީ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސްގެ ތެރެއިންނެވެ.

"މަނިޓަރީ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް، އަޅުގަނޑުމެންނަކަށް ފެންނަމުންނެއް ނުދޭ ގަވަރުނަރު އެ މަސްއޫލިއްޔަތު އަދާކުރައްވާތީ އެއް،" 1 ޖުލައިގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ނާޒިމް ވިދާޅުވި އެވެ.

މި މައްސަލައިގައި:

  • ނާޒިމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މިވީ ހަތް މަސްދުވަހުގެ ތެރޭގައި ސަރުކާރަށް އަދި މަޖިލީހަށް ވެސް ގަވަރުނަރުގެ އެއްވެސް ލަފައެއް ނުލިބޭ ކަމަށް

  • ގަވަރުނަރު އަލީ ހާޝީމް ވަކިކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ދިރާސާކުރަން ކޮމެޓީއަށް ފޮނުވީ 2 ޖުލައިގައި

  • ތުހުމަތުތަކާ ގުޅޭގޮތުން ޖަވާބުދާރީވުމަށް ގަވަރުނަރު ހާޒިރުކުރަން ހަމަ އެ ދުވަހު ކޮމެޓީން ވަނީ ފާސްކޮށްފައި

ކޮމެންޓް (3)

ހުސެން

15 ޖުލައި 2024
ހާޝިމް ކައިރީ އަހާލަން ބޭނުން ވަނީ ތިބުނާ ލަފާތަކަށް އަމަލުކުރަން ފެށުން ވެރިކަން ބަދަލް ވީ ހިސާބުން ފެށިގެން އުޅުނަސް މިކަން ހައްލު ވީތޯ، އެހެން ނޫނީ ނިމިގެން ދިޔަ ވެރިކަމުގަވެސް އެކަން ކުރަން ލަސްވެފަ ނޫންތޯ އޮތީ؟
0 1

ސަރުކާނު

15 ޖުލައި 2024
ގަވަރުނަރު އަށް އިތުބާރު އޮތް އިބޫސަރުކާރުންނއޭނަ ވަކިނުކުރާނެކަން. ކޮވިޑޭ ކިޔައިގެން ޤައުމު ހޭ ަރުބާލައިފި. ނަސީބެއް އެމްއެމްއޭގަ ޗާޕް މެޝިނެއް ނުބެހެއްޓިކަން
0 0

ސިކުނޑި

15 ޖުލައި 2024
ގަވަރުނަރު ކޮން ލަފައެއްތޯ ދޭނީ އެއަށްވުރެ މޮޅެތިމީހުން ވެރިކަމާ ހަވާލުވީމަ؟! ބައިނަލް އަގްވާމީ އިދާރާތަކުން ލަފާދީފައިވަނީކޮށް މުއީޒު ކެމްޕެއިންނަށް ވަޒީފާތައް ބަހާލީ! އަދި ސިފައިންނާއި ފުލުހުންގެ މުސާރަވެސް ބޮޑުކުރީ! އަތް ކަނޑައިގެން ދިޔައިމާ ވަޅި ގޯސް ކުރާ އުސޫލުން ގަވަރުނަރު ބޭރު ކުރުމުގެ މާނައެއްނެތް!
5 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް