އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް 2023 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ބަޖެޓް ކޮމިޓީއަށް އެ އިދާރާގެ ފަންނީ ލަފާދެއްވަނީ (ދައުރު ފައިިލް ފޮޓޯ/އަބްދުﷲ ރިޒާ)

ޖަވާބުދާރީވުމަށް ގަވަރުނަރު މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރަނީ

ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފިނޭންސް މިނިސްޓަރު އެދިވަޑައިިގަތުމުން ގަވަރުނަރު އެއްބާރުލުންނުދެއްވައި ހުރިތޯ ސާފުކުރުމަށް ވެސް ފާސްކޮށްފައި

ޖަވާބުދާރީވުމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރުމަށް އެ ކޮމެޓީ އިން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމުގެ މަރުހަލާ ފަށަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ނިންމައިފަ އެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ މައްސަލަ ދިރާސާކުރުމަށް އެ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ތަފްސީލް - މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ނިންމާފައިވަނީ އަލީ ހާޝިމް ވަކިކުރުމާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަށް ޖަވާބުދާރީވުމަށް ކޮމެޓީއަށް ހާޒިރުުވުމަށް ސިޓީ ފޮނުވުމަށެވެ.

ގާނޫނު ބުނާގޮތުން ގަވަރުނަރު ޖަވާބުދާރީވުމަށް ފަސް ދުވަހުގެ ނޯޓިސްއެއް ފޮނުވަން ޖެހެ އެވެ. އެ މުއްދަތު ދިނުމަށް ފަހު ގަވަރުނަރު މަޖިލީހަށް ހާޒިރު ކުރަން ނިންމާފައިވަނީ މި މަހުގެ 15ގަ އެވެ.

އަލީ ހާޝިމް ކޮމެޓީއަށް ހާޒިރުވުމަށް ނޯޓިސް ފޮނުވުމުގެ އިތުރުން، ގަވަރުނަރުގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށް އެއްބާރުލުން ލިބޭތޯ ސާފުކުރުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވުމަށް ވެސް ކޮމެޓީ އިން ފާސްކުރި އެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހުށަހެޅުއްވީ، ގަވަރުނަރުގެ ފަރާތުން ސަރުކާރަށް ލަފަ އާއި އިރުޝާދު ލިބިފައިވޭތޯ އާއި މަޝްވަރާ ކޮށްފައިވޭތޯ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަރިހުން ސާފުކުރުމަށް ސިޓީއެއް ފޮނުވުމަށެވެ.

ނާޒިމް ވިދާޅުވީ އެކަން ސާފުކުރަނީ ގަވަރުނަރުގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށް އެއްބާރުލުން ނުލިބޭ ކަމަށް މައުލޫމާތު ލިބިފައިވާތީ ކަމަށެވެ.

"ޔަގީން ކޮށްލަން ބޭނުންވަނީ ކިހާވަރެއްގެ އެއްބާރުލުމަކާއި ލަފަޔަކާއި އިރުޝާދެއް ލިބިފައިވޭތޯ މިދިޔަ ހަތް މަސް ދުވަހު،" ނާޒިމް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ހުޅުމާލެ ދެކުނު ދައިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އިން ސާފުކުރަންވީ، އެ މިނިސްޓްރީ އިން ކަމަކަށް އެދުމުން އެކަމަށް ގަވަރުނަރު އެއްބާރުލުންނުދީ އޮތްތޯ ކަމަށެވެ.

އެއާއެކު ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން މިއަދު ވަނީ ފިނޭންސް މިނިސްޓަރު އެދިވަޑައިިގަތުމުން ގަވަރުނަރު އެއްބާރުލުންނުދެއްވައި ހުރިތޯ ސާފުކުރުމަށް މިނިސްޓަރަށް ސިޓީއެއް ފޮނުވަން ވެސް ފާސްކޮށްފަ އެވެ.

އެނގުން މުހިންމު - އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުން، ގަވަރުނަރު މަގާމުން ވަކިކުރަނީ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް އެވެ. އަދި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ޒިންމާދާރުކުރާ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް