އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް 2023 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ބަޖެޓް ކޮމިޓީއަށް އެ އިދާރާގެ ފަންނީ ލަފާދެއްވަނީ (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ރިޒާ)

ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މަރުހަލާ ކޮމިޓީން ފަށައިފި

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނަޒިމް

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމުގެ މަރުހަލާ ފަށަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެނގުން މުހިންމު - އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުން، ގަވަރުނަރު މަގާމުން ވަކިކުރަނީ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް އެވެ. އަދި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ޒިންމާދާކުރާ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އެވެ.

ވީ ކިހިނެއް؟ - ހާޝިމް އެ މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވާފައި ވަނީ، މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އެވެ. ނާޒިމް ވަނީ މަޖިލީހުގެ ޖަލްސާގައި ވެސް ގަވަރުނަރު އޭނާގެ ޒިންމާ އަދާކުރައްވަމުން ނުގެންދަވާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ.

ތަފްސީލު - މާލިއްޔަތު ކޮމިޓީގައި މައްސަލަ ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވުމަށް ފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޮކްޓޯބަރު 2019ގައި ގަވަރުނަރު ކަމަށް އައްޔަންކޮށްފައިވާ ހާޝިމް، ގާނޫނުގައި އޭނާއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ހާސިލު ކުރަން ޖެހޭ ކަންކަން އަދާ ކުރައްވަމުން ނުގެންދަވާ ކަމަށެވެ.

އެ އިދާރާގެ މާލީ ސިޔާސަތު އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުން ނުގެންދަވާ ކަމަށް ވެސް ނާޒިމް ފާހަަގަކުރެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ރާއްޖޭގައި ހިންގާ ބޭންކްތަކާއި މާލީ އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި ބޭންކްތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރުއަޅުއްވާފައި؛ އޭގެ ސަބަބުން، އިގްތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގްތިސާދީ މަސައްކަތްތައް ހުއްޓި އަދި ގައުމުގެ އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފައި

  • ސަރުކާރުން މިހާރު ފައިސާ ހޯދަމުންދަނީ ރާއްޖޭގެ ބާޒާރުން ކަމުން، އެ ބާޒާރު ރަނގަޅަށް ބެލެހެއްޓުމުގެ މުހިންމުކަން ބޮޑުވެފައިވާ މި ދަނޑިވަޅު، ގަވަރުނަރު އެކަން ކުރައްވަމަކުން ނުގެންދަވާ

  • ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފައިވާ ގޮތުގައި، ކުށް ކުރުން ހުއްޓުވުމުގެ ގޮތުން އެމްއެމްއޭގެ ގަވައިދުތައް އަދާހަމަކޮށްފައި ނުވާ މައްސަލަ ފާހަގަކޮށްފައިވޭ

  • މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، މިދިޔަ 17 ނޮވެމްބަރުން ފެށިގެން މިވީ ހަތް މަސްދުވަސް ތެރޭ އެމްއެމްއޭގެ ގާނޫނުގެ މައިގަނޑު މަގްސަދުތައް ހާސިލުކުރުމަށްޓަކައި ސަރުކާރަށް ލަފާ ދިނުމާއި އެ މަގްސަދުތައް ހާސިލުކުރުމަށް އަމަލީ ގޮތުން ހަރުދަނާ މަސައްކަތެއް ގަވަރުނަރު ކުރައްވާފައެއް ނުވޭ

އެ ސަބަބުތަކަށް ރިއާޔަތްކޮށް، "ދިވެހި އިގްތިސާދު ހީނަރުވެ، ގައުމު ބޮޑު ކާރިސާއަކުން ސަލާމަތްކުރުމަށްޓަކައި" އެމްއެމްއޭގެ ގަވަރުނަރު ކަމުން ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާ ދިނުމަށް އެ މައްސަލަ ހުށަހަޅުއްވަނީ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މި ދަނޑިވަޅަކީ މަރުކަޒީ ބޭންކުގެ ފަރާތުން ގައުމުގެ މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލު ކުރަން ޖެހޭ ނަމަ، އެކަން ކުރުމުގެ ވަގުތު [އަދި] އެ ބޭންކަށް ތާޒާ، އާރޯ ލީޑާޝިޕެއް" ބޭނުންވާކަން ފާހަގަކުރައްވައި މައްސަލަ ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މަޖިލިސްގެ ނައިބު ރައީސް ނާޒިމް(ވ) އާއި އެހެން މެންބަރުން (ފައިލް ފޮޓޯ/މަޖިިލިސް)

މައްސަލައަށް ތާއީދު ލިބުމާ އެކު، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވި ގޮތުގައި، ގަވަރުނަރު ވަކިކުރުމުގެ މައްސަލައަކީ، ރައީސަށް ލަފާ ދީގެން ކުރާ ކަމެއް ނޫނެވެ. އެއީ، ސީދާ ކޮމިޓީއަށް ނިންމޭނެ ނިންމުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމަ، އަޅުގަނޑު ގަބޫލު ކުރަނީ ޕާޓީގެ [ޕީއެންސީ] ޕޮލިސީން ނިމިގެން މިހިސާބަށް އައި ކަމެއްގެ ގޮތުގައި،" ގަފޫރު ވިދާޅުވި އެވެ.

އެއާ އެކު، ނާޒިމް ވިދާޅުވީ، އޭނާ އެ މައްސަލަ އެގޮތަށް ހުށަހެޅުއްވީ މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިޔުޝާގެ ފަރާތުން މިކަން ހިނގަން ޖެހޭ އިޖުރާތްތައް އޮޅުންފިލުއްވުމަށް ފަހު ކަމަށެވެ. އަދި ގާނޫނު ބުނާ ގޮތުން ވެސް ގަވަރުނަރު ވަކިކުރަން ޖެހެނީ ސީދާ ރައީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގައި އޮވޭ ޕްރިސިޑެންޓެއް ސެޓް ވެފައި. [އެއީ] މާލިއްޔަތު ކޮމިޓީން ފުރަތަމަ ޖެހެނީ ނިންމަން މިއީ ފެންނަ ކަމެއް ކަމަށް. ދެން މި ވާހަކަ ސިޓީއަކުން މަޖިލިސް ރައީސްއަށް ޖެހެނީ ދަންނަވަން. ދެންނެވީމަ، މަޖިލިސް ރައީސް މި ވާހަކަ އިއުލާންކުރައްވާފައި، މި މައްސަލަ މި ކޮމިޓީއަށް ފޮނުއްވީމަ، ގަވަރުނަރަށް އަޅުގަނޑުމެން އެބަ ޖެހޭ ޖަވާބުދާރީވުމުގެ ފުރުސަތު އަރުވަން،" ގަވަރުނަރު ވަކިކުރުމުގެ މަރުހަލާ ހިނގާނެ ގޮތް ވިދާޅުވެދެއްވަމުން ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، ގަވަރުނަރަށް މި މައްސަލައިގައި ޖަވާބުދާރީވުމަށް ފަސް ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެ އެވެ. ނަމަވެސް، ގަވަރުނަރު މިވަގުތު ހުންނެވީ ސިންގަޕޫރުގައި ޗުއްޓީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގަވަރުނަރު އެނބުރިވަޑައިގަންނަވަނީ މި މަހު ހަތް ވަނަ ދުވަހު އަޅުގަނޑުމެންނަށް މިކަން މިއަދު ފާސްކުރެވި، މާދަމާ [ޖަލްސާގެ ރިޔާސަތުގައި] މަޖިލިސް ރައީސަށް މިކަން އިއުލާން ކުރެވިއްޖެ ނަމަ، އަޅުގަނޑުމެންނަށް 11 ޖުލައިގައި ގަވަރުނަރު ހާޒިރުކޮށް، އަޅުގަނޑުމެން ނިންމާ ގޮތަކަށް އަލުން އަނބުރާ ރިޕޯޓު [ތަޅުމަށް] ފޮނުވުމުގެ ފުރުސަތު އެެބަ އޮތް،" ނާޒިމް އިތުރަށް ވިދާޅުވި އެވެ.

ކޮމެންޓް (2)

ލޮނުމަޑު

1 ޖުލައި 2024
ހީ އިޒް އަ ގުޑް ގައި..އާނ ލޮނުމަޑު އެކަމް ލާރިޖަހާފަ ފިލި ގަވަރުނަރު އަށް ވުރެ ރަނގަޅު
4 0

ގުނބޯ

4 ޖުލައި 2024
@ލޮނުމަޑު އަލީ އެންމެ ފުރަތަމަވެސް އަންނި ސަރުކާރުގައި ފައިސާޖެހީ. އަދިވެސް އެފައިސާ އަނބުރާ އެމްއެމްއޭ އަށް ނުވައްދާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް