އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

ގަވަރުނަރު ވަކިކުރާ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފި

އަލީ ހާޝިމް ގަވަރުނަރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ގާނޫނީ ޒިންމާ އަދާނުކުރައްވާ ކަމަށް ބުނެ

ގަވަރުނަރު އަލީ ހާޝީމް ވަކިކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި މައްސަލަ މިއަދުގެ ޖަލްސާގައި އިއުލާން ކުރުމަށް ފަހު، ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް މި މައްސަލަ ހުށަހަޅުއްވައި އެ ކޮމިޓީން ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ފާސްކޮށްފަ އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިފަދަ މައްސަލައެއް ހުށަހެޅުމާ އެކު ރިޔާސަތުން އެކަން އިއުލާން ކުރަން ޖެހެ އެވެ.

ތަފްސީލު - މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ހުށަހަޅާފައިވާކަން އިއުލާން ކުރައްވައި އަދި އެކަން ދިރާސާ ކުރުމަށް އެ ކޮމިޓީއަށް އަނބުރާ ފޮނުވާލެއްވިކަން ވެސް އިއުލާން ކުރައްވައިފަ އެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ، އެ ކޮމިޓީން ފޮނުވާފައިވާ ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވެވި އެވެ.

ނާޒިމް މި މައްސަލަ ހުށަހެޅުއްވީ ގަވަރުނަރު އޭނާގެ ގާނޫނީ ޒިންމާ އަދާކުރައްވަމުން ނުގެންދަވާ ކަމަށް ވިދާޅުވެ އެވެ. މައްސަލައިގައި އޭނާ ފާހަގަކުރައްވާފައިވާ ކަންކަމަކީ:

  • ރާއްޖޭގައި ހިންގާ ބޭންކްތަކާއި މާލީ އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި ބޭންކްތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރުއަޅުއްވާފައި؛ އޭގެ ސަބަބުން، އިގްތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގްތިސާދީ މަސައްކަތްތައް ހުއްޓި އަދި ގައުމުގެ އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފައި

  • ސަރުކާރުން މިހާރު ފައިސާ ހޯދަމުންދަނީ ރާއްޖޭގެ ބާޒާރުން ކަމުން، އެ ބާޒާރު ރަނގަޅަށް ބެލެހެއްޓުމުގެ މުހިންމުކަން ބޮޑުވެފައިވާ މި ދަނޑިވަޅު، ގަވަރުނަރު އެކަން ކުރައްވަމަކުން ނުގެންދަވާ

  • ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފައިވާ ގޮތުގައި، ކުށް ކުރުން ހުއްޓުވުމުގެ ގޮތުން އެމްއެމްއޭގެ ގަވައިދުތައް އަދާހަމަކޮށްފައެއް ނުވޭ

  • މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، މިދިޔަ 17 ނޮވެމްބަރުން ފެށިގެން މިވީ ހަތް މަސްދުވަސް ތެރޭ އެމްއެމްއޭގެ ގާނޫނުގެ މައިގަނޑު މަގްސަދުތައް ހާސިލުކުރުމަށްޓަކައި ސަރުކާރަށް ލަފާ ދިނުމާއި އެ މަގްސަދުތައް ހާސިލުކުރުމަށް އަމަލީ ގޮތުން ހަރުދަނާ މަސައްކަތެއް ގަވަރުނަރު ކުރައްވާފައެއް ނުވޭ

އެ ސަބަބުތަކަށް ރިއާޔަތްކޮށް، "ދިވެހި އިގްތިސާދު ހީނަރުވެ، ގައުމު ބޮޑު ކާރިސާއަކުން ސަލާމަތްކުރުމަށްޓަކައި" އެމްއެމްއޭގެ ގަވަރުނަރުކަމުން ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާ ދިނުމަށް އެ މައްސަލަ ހުށަހަޅުއްވަނީ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މި ދަނޑިވަޅަކީ މަރުކަޒީ ބޭންކުގެ ފަރާތުން ގައުމުގެ މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލު ކުރަން ޖެހޭ ނަމަ، އެކަން ކުރުމުގެ ވަގުތު" ކަމާއި "އެ ބޭންކަށް ތާޒާ، އާރޯ ލީޑާޝިޕެއް" ބޭނުންވާކަން ފާހަގަކުރައްވައި މައްސަލަ ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

2 ޖުލައި 2024
އެތަނުގައި ގަވައިދުތަކާއި އުސޫލުތައް ނެތިއްޔާ އެކަން ރަނގަޅު ކުރަން އަންގައި ޖަވާބުދާރީވެސް ކުރުވިދާނެ! ކުރީސަރުކާރުގެ މީހަކަށްވާތީ ކަނޑާލިޔަސް އާންމުން އަޅައެއްނުލާނެ! މަތިއޮމާން ކުރަން ރީތިވާހަކަ ދެއްކުމުގެ މާނައެއްނެތް! މިވެރިކަން ފެށުނީ ހުސްގޮނޑިއަކުން - ދެމިއޮންނާނީވެސް ދޮގާއި މަކަރާއި އޮޅުވާލުމުގައި!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް