ގަވަރުނަރު އަލީ ހާޝިމް. (ފޮޓޯ/ މަޖިލިސް)

ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ ކޮމެޓީއަށް ވަޑައިނުގެންނެވުނު

ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސްއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލަ ދިރާސާކުރަން ނިންމައި މާލިއްޔަތު ކޮމެޓީއަށް މިއަދު އޭނާ ހާޒިރުކުރަން އޮތީ ތާވަލުކޮށްފައި

ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ، އޭނާ މަގާމުން ވަކިކުރުމަށް ރައީސްއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލައިގައި މިއަދު މާލިއްޔަތު ކޮމެޓީން ތާވަލުކުރި ބައްދަލުވުމަށް ވަޑައިނުގެންނެވޭނެކަން އަންގައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި މާލިއްޔަތު ކޮމެޓީއިން ގަވަރުނަރު ހާޒިރުކުރާ ބައްދަލުވުން ތާވަލުކުރީ މިއަދު 11 ޖަހާއިރަށެވެ.

ގަވަރުނަރު އެ ބައްދަލުވުމަށް ވަޑައިނުގަންނަވާނެކަން އެނގުނީ ކޮމެޓީ ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ.

ބުނީ ކީކޭ؟ - އެމްއެމްއޭގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ކޮމެޓީއަށް ވަޑައިނުގަންނަވާނެ ކަމަށެވެ. މާލިއްޔަތު ކޮމެޓީގެ މެމްބަރެއް ވެސް 'ދައުރު'އަށް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި މަޖިލީހުގެ މެމްބަރަކު ވިދާޅުވީ، ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވެސް ވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން ކޮމެޓީގެ ބައްދަލުވުމަށް ވެސް ވަޑައިނުގެންނެވޭނެކަން އެމްއެމްއޭއިން ފޮނުވި ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

މައްސަލައިގެ ފެށުން - އަލީ ހާޝިމް، ގަވަރުނަރުގެ ޒިންމާ އަދާނުކުރައްވާ ކަމަށް ތުހުމަތު ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އެވެ. އެއީ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސްގެ ތެރެއިންނެވެ.

"މަނިޓަރީ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް، އަޅުގަނޑުމެންނަކަށް ފެންނަމުންނެއް ނުދޭ ގަވަރުނަރު އެ މަސްއޫލިއްޔަތު އަދާކުރައްވާތީއެއް،" 1 ޖުލައިގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ނާޒިމް ވިދާޅުވި އެވެ.

މި މައްސަލައިގައި:

  • ނާޒިމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިވީ ހަތް މަސްދުވަހުގެ ތެރޭގައި ސަރުކާރަށް އަދި މަޖިލީހަށް ވެސް ގަވަރުނަރުގެ އެއްވެސް ލަފައެއް ނުލިބޭ

  • ގަވަރުނަރު އަލީ ހާޝީމް ވަކިކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ދިރާސާކުރަން ކޮމެޓީއަށް ފޮނުވީ 2 ޖުލައިގައި

  • ތުހުމަތުތަކާ ގުޅޭގޮތުން ޖަވާބުދާރީވުމަށް ގަވަރުނަރު ހާޒިރުކުރަން ހަމަ އެ ދުވަހު ކޮމެޓީން ވަނީ ފާސްކޮށްފައި

އެނގުން މުހިންމު - އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުން، ގަވަރުނަރު މަގާމުން ވަކިކުރަނީ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް އެވެ. އަދި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ޒިންމާދާރުކުރާ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް