ރައީސް މުއިއްޒު އާއި އިންޑިއާގެ ސަފިރު މުނޫ މަހާވަރު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

ރައީސް އާއި އިންޑިއާގެ ސަފީރު ބައްދަލުކުރައްވައިފި؛ ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރެއްވި

އިންޑިއާގެ ކަނޑުގެ ސުލްހަ އާއި ހަމަޖެހުން ދެމެހެއްޓުމުގައި ދެ ގައުމުން މިހާރެކޭ ވެސް އެއްގޮތަށް 'އެއް ވިސްނުމެއްގައި' މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުވުމުގައި ދެ ބޭފުޅުން ވާހަކަދައްކަވާފައިވޭ

މި ސަރުކާރު އައި ފަހުން ގުޅުން ގޯސްވެފައި އޮތުމަށް ފަހު މިހާރު ދެ ގައުމުން ވެސް ގުޅުން ބަދަހި ކުރަން މަސައްކަތް ފަށާފައިވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު އާއި ރައީސް މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ދެ ބޭފުޅުންގެ މި ބައްދަލުވުން އޮތީ، މިއަދު ރައީސް އޮފީހުގަ އެވެ. އެއާ އެކު، ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ވަނީ އެ ބައްދަލުވުމާ ގުޅޭ ހަބަރު ގެނެސްދީފަ އެވެ.

ތަފްސީލު - އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މުއިއްޒު އާއި އިންޑިއާގެ ސަފިރު މުނޫ މަހާވަރު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީހުން ބުނީ:

  • ސަފީރުގެ ވާހަކައިގައި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރު ކަމުގެ އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ގަބޫލުފުޅުކުރައްވައި ރައީސް އިންޑިއާއަށް ވަޑައިގެންނެވީތީ ޝުކުރު އަދާކުރެއްވި؛ ދެ ގައުމުން އެއްބާރުލައިގެން ފައިދާ ހުރި އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވި

  • ރާއްޖެ އާއި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި

  • ރައީސްގެ ވާހަކަފުޅުގައި، ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެމަނިކުފާނަށް ދައުވަތު ދެއްވީތީ ޝުކުރު އަދާ ކުރައްވައި މެހެމާންދާރީ އާއި ބެއްހެއްޓެވި ގާތްކަން ފާހަގަކުރެއްވި

  • ރާއްޖޭގެ ތަރައްގީ އާއި ދިވެހި ރައްޔިތުން އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ވަގުތެއްގައި އިންޑިއާއިން ދޭ ސަމާލުކަމާއި އަހައްމިއްޔަތު އެމަނިކުފާނު ފާހަގަކުރައްވައިފައިވޭ

"މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ އުންމީދީ ވާހަކަފުޅުތަކާ އެކު އެވެ. އަދި އިންޑިއާ ކަނޑުގެ ސުލްހަ އާއި ހަމަޖެހުން ދެމެހެއްޓުމުގައި، މިހާރެކޭ ވެސް އެއްގޮތަށް، އެއް ވިސްނުމެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ،" ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުންޏެވެ.

ރައީސް މުއިއްޒު އާއި އިންޑިއާގެ ސަފިރު މުނޫ މަހާވަރު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީހުން ބުނި ގޮތުގައި، މި ސަރުކާރުން ގެންގުޅެނީ ގައުމުތަކާ ގުޅިގެން، ހަލުވި ބާރުމިނުގައި ރާއްޖެ ތަރައްގީކުރުމަށް، ބައިނަލްއަގްވާމީ މުޖްތަމައުގެ އެއްބާރުލުމާ އެކު މަސައްކަތް ކުރުމަށް އިސްކަންދިނުމުގެ ހާރިޖީ ސިޔާސަތެކެވެ.

ގުޅުން ހުރި - 'އިންޑިއާ އައުޓް' ނަމުގައި ކެމްޕެއިނެއްކޮށް، ވެރިކަމަށް ވަޑައިގެން މި ސަރުކާރަކީ 'ޕްރޯ ޗައިނާ' ނުވަތަ ޗައިނާއާ ގާތް ސަރުކާރަކަށް ވާނެ ކަމަށް، ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކުރި އެވެ. ނަމަވެސް، ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރުގެ ސިޔާސަތަކީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތަކެވެ.

ރާއްޖޭގެ ކޮންމެ ރައީސަކު ވެރިކަމަށް ވަޑައިގެން ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު އިންޑިއާއަށް ކުރެއްވުމުގެ ސަގާފަތް ނިމުމަކަށް ގެންނަވައި ރައީސް މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ އިންޑިއާއާ ވާދަވެރި ޗައިނާ އަށެވެ.

އެއާ އެކު، އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް އޭރު ގޯސްވި އެވެ. އަދި ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު މޯދީއަށް ނިސްބަތްކޮށް ބަދުބަސް ރައްދު ކުރެއްވި މައްސަލައިގައި އެ ގުޅުން އިތުރަށް ގޯސްވި އެވެ.

އިންޑިއާއިން ޑިމާންޑްކޮށްފައި ވަނީ އެ ޑެޕިއުޓީ މިނިސްޓަރުން ވަކިކުރުމަށެވެ. ނަމަވެސް، އެ ބޭފުޅުން އަދިވެސް ތިބީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަންގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް