މާހޯރަ-3 ދޯންޏަށް ފުރަތަމަ ފަހަަރަށް އިންޑިއާގެ ސިފައިން އަރައި ފާސްކުރުން. (ފޮޓޯ/ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން)

މަސްވެރިކަން

ދިވެހި މަސްވެރިން އިންޑިއާ ސިފައިންގެ ހަތިޔާރުގެ ދަށުގައި ކުރި ތަޖުރިބާ

ހއ. އިހަވަންދޫ މާހޯރަ-3ގެ ކެޔޮޅު އިބްރާހިމް ރަޝީދު ސިފަކުރި ގޮތުގައި، އިންޑިއާ ސިފައިން ދެ ފަހަރުމަތިން އެ ދޯންޏަށް އެރުމަކީ އޭނާގެ މަސްވެރިކަމުގެ ދިގު ހަޔާތުގައި އިހުސާސްކުރަން ޖެހުނު އެންމެ ބޮޑު ބިރުވެރިކަން
5 ފެބްރުއަރީ 2024
3

"އެއީ ބިރުވެރި ހާލަތެއް. އަޅުގަނޑުމެން ދިވެހިންނަކީ އާންމުކޮށް ހަތިޔާރު އެއްޗެހި ދެކެ އުޅޭ ބައެއް ނޫން. އެ މަންޒަރު ފެނުނީމަ އިހުސާސް ކުރެވޭނެ ނަފްސާނީ ގޮތުން ވެސް ކޮންމެވެސް ވަރެެއްގެ ބަލިކަށިކަމެއް،" އިންޑިއާ ސިފައިން ދެފަަހަރުމަތިން ހަތިޔާރާ އެކު އަރާފައިވާ މާހޯރަ-3 ދޯނީގެ ކެޔޮޅު އިބްރާހިމް ރަޝީދު ބުންޏެވެ.

އިންޑިއާ ސިފައިން މިފަހުން ރާއްޖޭގެ ކަންނެލި އޮޑިތަކަކަށް އަރައިގެން ތަކުރާރުކޮށް ކުރިމަތިވެފައިވާ ހާދިސާތަކުގެ ބިރުވެރިކަން އެ ދޯނިތަކުގައި އުޅޭ މަސްވެރިން ވަނީ ތަޖުރިބާކޮށްފަ އެވެ. އެވަގުތު ދޯނިތަކުގައި ތިބި ކެޔޮޅުންނާއި ފަޅުވެރިންނެވެ. ކުރިއަށް އޮތް ތަނުގައި އެ ތަޖުރިބާ ކުރަން ޖެހިދާނެއޭ ހީވާ މަސްވެރިންނަށް ވެސް މިއީ ބިރުވެރި ކަމެކެވެ. 

މި މައްސަލައަށް ދުވަސްތަކެއްވީ އިރު ވެސް، މިއިން އެއްވެސް ހާދިސާއެއްގެ ޒިންމާ އިންޑިއާއިން ނަގާފައި ނުވުމާއި ކަންހިނގާ ދިޔަގޮތް ސާފުކޮށްދޭން ދިވެހި ސަރުކާރުން އެދުމުން އިންޑިއާއިން ޖަވާބެއް ދީފައި ނުވުމުން، މަސްވެރިންގެ ހިތަށް ތަސައްލީއެއް ލިބުމުގެ ކޮޅުމައްޗެއް ވެސް އަދި ނުފެނެ އެވެ. އޮތީ، ސުވާލުތަކަކާއި ހިތްނުތަނަވަސްކަމެވެ.

"ބައެއް ކުދިންގެ ވާހަކަ އެބަހުރި، މިހާރު ނެތެއް ނޫންހޭ މިކަން [މަސްވެރިކަން] ކުރެވޭކަށް. އެންމެ ހިތްވަރުކޮށްފަ އުޅޭ ކުއްޖާ ވެސް ހުރީ ވަރަށް ބިރުން،" އޭނާގެ ފަޅުވެރިންނަށް އިޝާރާތްކޮށް ކެޔޮޅު ރަޝީދު ބުންޏެވެ.

ރަޝީދަކީ، ފުރާވަރުން ފެށިގެން މަސްވެރިއެކެވެ. މީގެ އަށް އަހަރު ކުރިން މާހޯރަ-3 މޫދަށް ބޭލީއްސުރެ، އެ ދޯނީގެ ކެޔޮޅުކަން ކުރަމުން އަންނަނީ އޭނާ އެވެ. މަސްވެރިކަމުގެ ދާއިރާއިން ރަޝީދު ގައުމަށް ކޮށްދީފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކޮށް މިދިޔަ އަހަރު ސަރުކާރުން އޭނާއަށް ގައުމީ އިނާމު ވެސް ދީފައިވެ އެވެ. މިހާރު އުމުރުން 52 އަހަރުވެފައިވާ ރަޝީދު އެއިން 40 އަހަރު ހޭދަކުރީ ކަނޑުމަތީގަ އެވެ.

ކެޔޮޅު އިބްރާހިމް ރަޝީދު (ވ) އަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އެވޯޑު ދެއްވަނީ. (ފޮޓޯ/މަސްވެރިން)

އޭނާގެ މަސްވެރިކަމުގެ ދިގު ހަޔާތުގައި މިހާތަނަށް ކަނޑުމަތީގައި ކުރެވުނު އެންމެ ބިރުވެރި ތަޖުރިބާ އަކީ މިދިޔަ ހަފްތާގެ ދެ ދުވަހެއްގައި އިންޑިއާ ސިފައިން އޭނާގެ ކަންނެލި އޮޑިއަށް ހަތިޔާރާ އެކު އެރުމެވެ. އޭނާ ވަރަށް ތަފްސީލުކޮށް 'ދައުރު'އަށް އެ ތަޖުރިބާ ކިޔައިދިނެވެ.

އެ ބިރުވެރި ތަޖުރިބާ، ދެފަހަރަށް

ސެޓެލައިޓް ފޯނަކުން ގުޅައިގެން ދޯންޏެއް އަޑިއަށްދާ ކަމަށް މައުލޫމާތު ދިނުމުން ހަރަކާތްތެރިވަނީ ކަމަށް ބުނެ އިންޑިއާ ސިފައިން މާހޯރަ-3 އަށް ފުރަތަމަ އެރީ މިދިޔަ ބުދަ ދުވަހު އެވެ. އެދުވަހު މެންދުރުފަހު 2 ޖަހާހާ އިރު ހަތިޔާރާ އެކު ދޯންޏަށް އެރުމަށް ފަހު އެމީހުން ފޭބީ ހަވީރު 5 ޖަހަން އުޅެނިކޮށެވެ. އިންޑިއާ ސިފައިން އެ ދޯނީގެ އިތުރުން އަސުރުމާ-3 އަދި ނެރު-7 އަށް ވެސް އެ ދުވަހު އެރި އެވެ. އެ ތިން ދޯނި ވެސް ކަންނެލި މަސްވެރިކަން ކުރަމުން ދިޔައީ އެއް ހިސާބެއްގައި، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ތެރޭގަ އެވެ.

"[ބުދަ ދުވަހު] ދޯންޏަށް އެރި މީހުންނަށް އަޅުގަނޑު ރީތިކޮށް ކިޔައިދިނިން މިހާރު ވެސް އެބައިނޭ އުތުރުން 24 އަކަށް މޭލު ބޯޑަރު ލައިނާ ހަމައަށް، އިރުމަތިން އެބައިނޭ 40 މޭލު،" ކެޔޮޅު ބުންޏެވެ.

ދިވެހި ކޯސްޓްގާޑަށް މާހޯރަ-3އާ ހަމައަށް ދެވުނީ އެރޭ 11 ޖަހާ އެހާއިރެވެ. އޭރު އިންޑިއާ ސިފައިން އެމީހުން ކުރާނެ ކަމެއް ކޮށްފައި ދޯނިން ފައިބައިގެން ހިނގައްޖެ އެވެ. ކޯސްޓް ގާޑުން މާހޯރަ-3ގެ ކެޔޮޅާއި ފަޅުވެރިންނާ މުއާމަލާތުކޮށް، އެހީތެރިކަން ދީ، ހާލު ބަލައި އެއްވެސް އެހީތެރިކަމެއް ބޭނުންތޯ އޮޅުންފިލުވި އެވެ. ކޯސްޓް ގާޑުގެ ވަސީލަތްތައް މަދުކަމާ އެކު ވެސް ދިވެހި ސިފައިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ރަޝީދު ޝުކުރުވެރިވެ އެވެ.

ސަރުކާރުގެ ސަމާލުކަމަށް މައްސަލަ އައިސްފައި އޮވެ، ކޯސްޓް ގާޑު ވެސް އެކަން ހިނގި ގޮތް ބެލުމުގެ މަސައްކަތް ކުރަމުންދާތީ، މިއީ އެއްފަހަރަކަށް ދިމާވި ހާދިސާއެއް ކަމަށް ބަލައި ދޯނި މިސްރާބު ހިފީ މަސްވެރިކަމައިގެން ކުރިއަށް ދިޔުމަށެވެ. ބުރާސްފަތި ދުވަހު ކަންނެލި ބޭނުމުގައި އުޅުމަށް ފަހު، އެންކޮޅު ހުސްވާ އަތަށް އެޅުމުން މާހޯރަ-3 މިސްރާބު ޖެހީ އެ ދޯނި ނިސްބަތްވާ ހއ. އިހަވަންދުއަށެވެ.

މާހޯރަ-3: ހއ. އިހަވަންދުއަށް ނިސްބަތްވާ، ބޮޑު ކަންނެލީގެ މަސްވެރިކަމުގައި މަޝްހޫރު ދޯންޏެއް
މާހޯރަ-3: ހއ. އިހަވަންދުއަށް ނިސްބަތްވާ، ބޮޑު ކަންނެލީގެ މަސްވެރިކަމުގައި މަޝްހޫރު ދޯންޏެއް

"ދަތުރުކުރަމުން ގޮސް ފޯނުތަކަށް ރޭންޖު ލިބޭ ހިސާބުގައި ދޯނި އޮއްވާ ޑިއުޓީގައި އިން ކުއްޖާ ގޮވާފައި ބުނެފި ކެޔޮޅާއޭ އަނެއްކާވެސް އެބައާދެއޭ އިންޑިއާ ކޯސްޓު ގާޑު،" ރަޝީދު ބުންޏެވެ. ދުވަހުގެ ބުރަ މަސައްކަތަށް ފަހު ކެޔޮޅަށް އޮތީ އެވަގުތު ނިދިފަ އެވެ.

އިންޑިއާ ސިފައިން މާހޯރަ-3އަށް އެރިތާ އެއް ދުވަސް ފަހުން، ބުރާސްފަތި ދުވަހުގެ ރޭ އަނެއްކާވެސް އިންޑިއާގެ މަނަވަރަކުން އެ ދޯންޏަށް އަރަން މަސައްކަތް ކޮށްފާނެ ކަމަކަށް ރަޝީދަށް ފުރަތަމަ ގަބޫލެއް ނުކުރެވުނެވެ. ހާއްސަކޮށް، އަތޮޅާ އެހާ ކައިރިން އެފަދަ ކަމެއް ހިނގާފާނެ ކަމަކަށް އޭނާގެ ހިތް އެއްގޮތަކަށް ވެސް ނުބުނެ އެވެ. އެވަގުތު އެ ދޯންޏާ ހއ. ކެލާއާ ދޭތެރޭގައި އޮންނާނީ ގާތްގަނޑަކަށް 17 ނޯޓިކަލް މޭލުގެ ދުރުމިނެވެ.

"އަޅުގަނޑު ބުނިން ތިވާނީ ބޯޓަކަށޭ. ވަރަށް ގިނަ ބޯޓުފަހަރު ދަތުރުކުރާނޭ ތިތަނުން. ބުނީމަ ވެސް ޑިއުޓީގަ އިން ސޮރު ބުނީ ނުވާނޭ އެހެނެއް. އަލި ކުރެޔޭ އެބަ. މަޑު ކުރަން ވެސް އަންގައިފިއޭ،" ރަޝީދު ކިޔައިދިނެވެ.

ނަމަވެސް، މަނަވަރުގެ އެންގުމަށް މަޑުނުކޮށް މާހޯރަ-3 ދިޔައީ ކުރިއަށެވެ. މަނަވަރުގެ އެންގުމަށް ކިޔަމަންނުވުމުން އިންޑިއާ ސިފައިން ކުދި ދޯނިތަކަކަށް އަރައިގެން އައިސް މަސްދޯނި ވަށާ ބުރުޖަހަން ފެށި އެވެ. ރަޝީދު ބުނިގޮތުގައި އެ ދޯނިތަކުގައި ވިއްސަކަށް ސިފައިން ތިއްބެވެ.

"އެހެންވެ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެހެން ހީވެގެން މަޑުކުރީ. މަޑުކުރީމަ އެމީހުން ދޯންޏަށް އެރީ،" އޭނާ ކިޔައިދިނެވެ. ކެޔޮޅު ބުނި ގޮތުގައި ކުދި ދޯނިތަކުގައި ހަތަރު ސިފައިން މަޑުކުރުމަށް ފަހު ބާކީ ތިބި އެންމެން ދޯންޏަށް އެރީ ހަތިޔާރާ އެކު އެވެ.

"ދެން އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެތާ. އަޅުގަނޑުމެންނަކީ ހަތިޔާރެއް ގެންގުޅޭ ބައެއް ނޫން. ދޯންޏަށް އައިސް އަރައިގަތީމަ ވަރަށް ބިރުންތާ ތިބޭނީ. އަދި ދެވަނަށް ފަހަރަށް އެކަން އެގޮތަށް ވީމަ ވެސް. މިހެން ކިޔައިދިނަސް ހަމަ ވަރަށް ބިރުވެރި ވަގުތެއް އެއީ."

އިންޑިއާ ސިފައިން ދޯންޏަށް އަރަން މަސައްކަތް ކުރަމުންދާކަން އެނގުނު ހިސާބުން ރަޝީދު ވަނީ ކޯސްޓް ގާޑަށް ގުޅަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ގުޅޭ ގޮތެއް ނުވި އެވެ. ރަޝީދު ބުނި ގޮތުގައި މެރިން ޕޮލިސްއަށް ގުޅުނީ، އިންޑިއާ ސިފައިން ދޯނިން ފައިބައިގެން ދިޔަތާ ވިއްސަކަށް މިނެޓު ފަހުންނެވެ. އެކަން އެހެންވީ އިންޑިއާ ސިފައިން ސިގްނަލް ޖޭމަރު ގެންގުޅުމުން ކަމަށް ވެސް ވެދާނެ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ، މަސްދޯނިތައް ޗެކް ކުރުމުގައި ހަރަކާތްތެރިވަނީ

'ސިފަކުރާނީ ބޮލުގައި ބަޑިޖެއްސުން ކަމަށް'

"އަޅުގަނޑުމެން ކަހަލަ އާންމުކޮށް ހަތިޔާރު ނުފެންނަ ބަޔަކު، ހަތިޔާރާ އެކީ ހަރަކާތްތެރިވާ ބައެއްގެ ބެލުމުގެ ދަށުގައި ހުންނަ ވަގުތުކޮޅަކީ ހަމަ ކިޔައިނުދެވޭހާ ބިރުވެރި ވަގުތުކޮޅެއް،" ދެވަނަ ފަހަރަށް ސިފައިން ދޯންޏަށް އެރުމުން ކުރެވުނު އިހުސާސްތައް ރަޝީދު ކިޔައިދިނެވެ.

ހަތިޔާރުގެ ބިރުވެރިކަމުގެ ދަށުގައި ތިބުމުން އިންޑިއާ ސިފައިން ބުނާ ގޮތަށް ކަންތައް ކުރަންޖެހޭނެކަން ރަޝީދުއަށް އެނގެ އެވެ. ނަމަވެސް، އޭނާ ކޮންމެ ކަމެއް ވެސް ކުރީ ސިފައިން ތަކުރާރުކޮށް އެދުމުން، އެހެން ގޮތެއް ނެތުމުންނެވެ.

"އަޅުގަނޑު ބޭނުންވި އެމީހުންނަށް އިހުސާސްކޮށްދޭން ހިތުން ރުހުމުންނެއް ނޫނޭ އެމީހުން ބުނާ ކަންކަން މި ކޮށްދެނީ. ކިތަންމެ މީހުން މަދު، ކުޑަ ގައުމެއް ވިޔަސް ހަމަ އެމީހުން އައިސް ބުނީމަ ބުނާހާ ކަމެއް ކުރާ ގޮތަކަށް ނޫނޭ ދިވެހިން މި ތިބެނީ،" ރަޝީދު ބުންޏެވެ. ނަމަވެސް، ކިތަންމެ ހިތް ނޭދުނަސް، ފުރާނައަށް ނުރައްކާވެދާނެތީ ސިފައިން އެންގި ކަންކަން ކުރަން އޭނާއަށާއި ދޯނީގެ ފަޅުވެރިންނަށް މަޖުބޫރުވި އެވެ.

"[އިންޑިއާ ސިފައިން ދޯންޏަށް] އެރި ގޮތަށް އަރާފައި ބުނީ ހުރިހާ އެންމެން ފަހަތަށް އަންނާށޭ،" ރަޝީދު ކިޔައިދިނެވެ.

އެއީ ރޭގަނޑުގެ ވަގުތު ކަމުން ބައެއް ފަޅުވެރިން ތިބީ ނިދާފަ އެވެ. ނުވަތަ ނިދަން ތައްޔާރުވެ، ދޯނީގެ ގެގަނޑުގެ ތެރޭގަ އެވެ. އެ އެންމެން ވެސް ބޭރަށް ނެރެ، ހުރިހާ ފަޅުވެރިން ދޯނީގެ އެންމެ ފަހަތަށް ގެންދިޔަ އެވެ. އެއަށް ފަހު، ބަލާ ފާސްކުރުމުގެ ހުރިހާ ކަމެއް ނިމެންދެން ނުވަ ވަރަކަށް ސިފައިން ދިޔައީ ހަތިޔާރާ އެކު އެމީހުން ވަށާ ފޯރިމަރަމުންނެވެ.

"ގައިގަ ހަމަ ޖެހޭ ވަރަށް ބަޑި ހިފަހައްޓައިގެން ތިބެނީ. އަޅުގަނޑު ތަކުރާރުކޮށް ބުނިން އަހަރެމެންނާ ދިމާލަށް ބަޑި ދިއްނުކޮށް ތިރިކޮށްލާފަ ބަހައްޓާށޭ. އަހަރެމެން ހަމަ ވަރަށް ކިޔަމަންތެރިކަމާ އެކު ރީތިކޮށް މި ތިބީއެއް ނޫންހޭ،" ރަޝީދު ބުންޏެވެ. ނަމަވެސް، އެކަމަށް އިންޑިއާ ސިފައިންގެ އިޖާބައެއް ނުލިބުނެވެ.

މާހޯރަ-3 ދޯނީގެ ކެޔޮޅު އިބްރާހިމް ރަޝީދު. (ފޮޓޯ/މަސްވެރިން)

ދޯނީގައި އެވަގުތު ތިބި އެންމެންގެ ތެރެއިން، އެންމެ ބޮޑަށް ބިރުވެރިކަން ތަޖުރިބާކުރި އެކަކަށް ރަޝީދު ވާނެ އެވެ. އިންޑިއާ ސިފައިން ދޯނި ބަލާ ފާސްކުރަމުން ދިޔައީ އޭނާ ގޮވައިގެންނެވެ.

"ފިސްތޯލަ ހިފައިގެން ހުންނަ މީހަކު ހުރޭ ފަހަތުގައި. ކުރީގަ ހުރޭ އަނެއްކާ ބަޑިއެއް ހިފައިގެން ހުންނަ މީހަކު،" ރަޝީދު ހުންނަން ޖެހުނީ އެ ދެ މީހުންގެ މެދުގަ އެވެ. ފަހަތުގައި ފިސްތޯލަ ހިފައިގެން ހުރި މީހާ ހުރިހާ ވަގުތަކު ވެސް ހުރީ ކެޔޮޅާ ދިމާއަށް އެ ފިސްތޯލަ ދިއްކޮށްގެންނެވެ.

"އަޅުގަނޑު ސިފަކުރާނީ ބޮލުގަ ބަޑި ޖައްސާފަ ހުރި ކަމަށް ހަމަ، އާންމުކޮށް ދިވެހިން އެ ބަސް ބޭނުންކުރާ ގޮތަށް. އެ ހާލަތުގައި އަޅުގަނޑު ހުރެގެން ދޯނި ޗެކު ކުރުމާ ހުރިހާ ކަންތައްތަކެއް އެމީހުން ކުރިއަށް ގެންދިޔައީ."

ރާޅާ ދޯނި ވަރަށް ބޮޑަށް ހަލުވަމުންދާތީ، ކޮންޓްރޯލުން ނެއްޓިގެންދާ ވަގުތު ސިފައިންގެ މީހަކަށް އޮޅިގެން ބަޑި ޖެހިދާނެ ކަމުގެ ކަންބޮޑުވުން ކެޔޮޅު ސިފައިންނާ ހިއްސާ ކުރި އެވެ. ނަމަވެސް، ބަޑިތަކުގެ ސޭފްޓީ އޮން ކޮށްފައި ހުރި ކަމަށް ބުނެ، ބަޑި ތިރިކުރަން އެމީހުން ވަނީ ދެކޮޅު ހަދާފަ އެވެ.

"އެކަމަކު އަޅުގަނޑު ބުނިން އަޅުގަނޑަށް ކޮން ޔަގީންކަމެއްހޭ އޮތީ؟"

ސުވާލަށް ޖަވާބެއް ނުދޭ، ބަލާ ފާސްނުކުރާ ތަނެއް ނެތް

ރަޝީދު ބުނި ގޮތުގައި، ދޯންޏަށް އެރި ސަބަބާ ބެހޭގޮތުން ސުވާލު ކުރުމުން އިންޑިއާ ސިފައިންގެ ފަރާތުން ލިބެނީ އެކި ފަހަރު އެކި ޖަވާބެވެ. ފުރަތަމަ އެމީހުން ބުނީ، މާހޯރަ-3 ފާސްކުރަން އެރީ ދޯންޏެއް އަޑިއަށްދާ ކަމަށް ސެޓަލައިޓް ފޯނަކުން ގުޅައި މައުލޫމާތު ދިނުމުން ކަމަށެވެ.

ދިވެހި މަސް ދޯންޏެއް އަޑިއަށް ދާ ނަމަ އިންޑިއާ ސިފައިންނަށް ނުގުޅާނެ ކަމަށާއި ރަށްރަށަށް ރޭންޖު ލިބޭ ހިސާބުގައި، ރާއްޖެއާ އެހާ ކައިރީގައި ބޭރު ގައުމެއްގެ ބަޔަކަށް ހަރަކާތްތެރިވެވޭނީ ދިވެހި ސިފައިންނާ އެކު ކަމަށް ކެޔޮޅު ބުނުމުން ވެސް، ދޯންޏަށް އެރި ވަކި ސަބަބެއް ސާފެއް ނުކޮށްދިނެވެ.

"އަޅުގަނޑު ފަހުން ސުވާލު ކުރީމަ ބުނަނީ ޑްރަގް އަރުވާ ބަރުކޮށްފަ އޮތް ބޯޓެއް ވެއްޖެޔޯ މި ސަރަހައްދުގައި. އެއިން މި ދޯންޏަށް ބަޔަކު ވެސް އަރާ ތިބެދާނެ ކަމަށޯ މި ބަލަނީ،" ރަޝީދު ކިޔައިދިނެވެ.

"އަޅުގަނޑު ބުނިން މި ދޯނި ހުއްޓުވާފަ ބެލިތާ އެންމެ ދުވަހެކޭ މިވީ. ހަމަ އެއް ގައުމަކަށް ނިސްބަތްވާ ކަނޑުގެ ސިފައިންނޭ ތީ. އެހެންވެއްޖެއްޔާ އެނގެން ޖެހޭނެއެއް ނޫންހޭ ބުދަ ދުވަހު މި ދޯންޏަށް އެރިކަން ވެސް. ދެން އެމީހުން ބުނަނީ މާ ސުވާލު ގިނަވަނީއޭ. ތިމަންނަމެން ބޭނުންވާ ކަމެއް ތިމަންނަމެންނަށް ކުރެވެން ޖެހޭނޭ، އެކަހަލަ ގޮތަކަށް އެމީހުންގެ ވާހަކަ ހުރީ."

އިންޑިއާ ސިފައިން މިދިޔަ ބުދަ ދުވަހު ދިވެހި މަސްދޯންޏަކަށް އަރައި ބާލާ ފާސްކުރުމުގެ ތެރެއިން

ކެޔޮޅު ކިޔައިދިން ގޮތުގައި، މާހޯރަ-3ގައި ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާ ސިފައިން ހޭދަކުރި ދެ ގަޑިއިރުގެ ތެރޭގައި:

  • ދޯނީގެ ހުރިހާ ތަނެއްހެން ބަލާ ފާސްކުރި؛ ހުރިހާ ވަތްގަނޑުތަކެއް ވެސް ހުޅުވައިގެން ބެލި

  • ދޯނީގެ ފަޅުވެރިންގެ އައިޑީ ކާޑާއި ދޯނީގެ ރަޖިސްޓްރީ އާއި އެހެނިހެން ލިޔެކިޔުންތައް ވެސް ބެލި

  • ދޯނީގެ ބައެއް އިކުއިޕްމަންޓް ބަލަން ނަގާފައި ބާރަށް އެއްލާލުން ފަދަ ކަންކަން ވެސް ކުރި؛ ނަމަވެސް ނަސީބަކުން މުދަލަކަށް ގެއްލުމެއް ނުލިބޭ

"ބާނާފައި ހުރި ކަންނެލިތައް ވެސް އެމީހުން ނަގައިގެން ބަލާ. ދޯނީގައި ނެތް އެމީހުން ނުބަލާ އެއްޗެއް،" ކެޔޮޅު ބުންޏެވެ.

"[އިންޑިއާ ސިފައިންގެ] ވާހަކަ ދެއްކުން ވެސް ވަރަށް ހަރުކަށިކޮށް ހުރީ،" ރަޝީދު ބުނި ގޮތުގައި އެމީހުން ވާހަކަ ދެއްކީ ހިންދީ ބަހުންނާއި އިނގިރޭސި ބަހުންނެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ދައްކާ ވާހަކަ ރަނގަޅަށް ފަހުމު ނުވެގެން މައްސަލައެއް ކުރިމަތިވެދާނެތީ، ރަޝީދުގެ އެދުމުގެ މަތިން ތަރުޖަމާނެއްގެ ރޯލު އަދާކުރީ މާހޯރަ-3ގައި ފަޅުވެރިއަކަށް އުޅޭ އަރުޝަދެވެ. އޭނާއަކީ ތަފާތު ބަސްތައް ދަންނަ މަލިކު ރައްޔިތެކެވެ.

އެކަމާ ހިތްހަމަނުޖެހި، "އިންޑިއާ ރައްޔިތަކަށް ވެހުރެ ތި ހުރިހާ ސުވާލެއް ތިކުރަނީ ކީއްވެތޯ" އަހާ، އިންޑިއާ ސިފައިން ވަނީ އަރުޝަދުގެ އައިޑީ ކާޑު ބަލާ، ވަނަވަރު އޮޅުންފިލުވާފަ އެވެ. އަރުޝަދާ ހަވާލާދީ ކެޔޮޅު ބުނިގޮތުގައި:

  • އިންޑިއާ ސިފައިން މިހާރު ވަނީ އިންޑިއާގައި ހުންނަ އަރުޝަދުގެ ގެއަށް ގޮސް، އާއިލާ މީހުން ކައިރިން އޭނާއާ ބެހޭ މައުލޫމާތު އޮޅުންފިލުވާފައި

  • އަރުޝަދު މިހާރު ވީ ކޮންތާކުތޯ، އޭނާ އުޅެނީ ރާއްޖޭގައިތޯ އަދި ރާއްޖޭގައި ކުރަނީ ކޮން މަސައްކަތެއްތޯ އޭނާގެ އަންހެނުންނާ ވަނީ ސުވާލުކޮށްފައި

ދެ ފަހަރު ވެސް ލިޔުމެއްގައި ސޮއިކުރުވި

މާހޯރަ-3 އަށް އިންޑިއާ ސިފައިން އަރާ، ބަލާ ފާސްކުރި ދެ ފަހަރު ވެސް އެމީހުން ދޯނިން ފައިބައިގެން ދިޔައީ ކެޔޮޅު ރަޝީދު ލައްވާ ލިޔުމެއްގައި ސޮއި ކުރުވާފަ އެވެ. އެ ދެ ފަހަރު ވެސް ރަޝީދު ވަނީ ލިޔުމުގެ ފޮޓޯއެއް ނަގަން އެދިފަ އެވެ.

ފުރަތަމަ ފަހަރު މާހޯރަ-3އަށް އެރިއިރު ސޮއި ކުރުވި ލިޔުމުގެ ފޮޓޯއެއް ކެޔޮޅު އަތުގައި އެބައޮތެވެ. އެ ފޮޓޯ ނެގުމުން އޭނާ ލައްވާ ފޮޓޯ ޑިލީޓު ކޮށްލަން އިންޑިއާ ސިފައިން މަސައްކަތް ކުރި ނަމަވެސް، ރަޝީދު އޭނާގެ ފޯނު ދޭން އިންކާރު ކުރި އެވެ. އެ ފޮޓޯ ރަޝީދު ވަނީ 'ދައުރު'އާ ހިއްސާކޮށްފަ އެވެ.

އިންޑިއާ ސިފައިން މާހޯރަ-3 އަށް އެރި ފުރަތަމަ ފަހަރު ކެޔޮޅު ލައްވާ ސޮއިކުރުވި ލިޔުމުގެ ފޮޓޯއެއް. (ފޮޓޯ/އިބްރާހިމް ރަޝީދު)

'ބޯޑިން ކްލިއަރެންސް'އެއް ކަމަށް ޖަހާފައިވާ މި ލިޔުމުގައި ވާގޮތުން:

  • އައިސީޖީއެސް އަނަގްގެ ބޯޑިން ޓީމަކުން ވަނީ 31 ޖެނުއަރީ 2024ގެ ހަވީރު 3 ޖެހިއިރު މާހޯރަ-3އަށް އަރާފައި

  • ބޯޑިން އޮޕަރޭޝަންގައި ޝައްކުވާ ކަހަލަ ކަމެއް ފެނިފައެއް ނުވޭ

  • ދޯނީގެ އެއްވެސް ފަޅުވެރިއަކަށް އަދި މުދަލަކަށް ގެއްލުމެއް ނުލިބޭ

މިއީ، ސައްހަ ލިޔުމެއް ކަމަށްވާ ނަމަ، އިންޑިއާ ސިފައިން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް އޮޕަރޭޝަންތަކެއް ހިންގަމުންދާ ކަމުގެ ހެއްކެކެވެ.

އައިސީޖީއެސް އަނަގް އަކީ، އިންޑިއާގެ ކޯސްޓު ގާޑުގެ ޗެންނާއީ ޕޯޓުން ހަރަކާތްތެރިވާ ބާރަށް ދުވާ 50 މީޓަރުގެ ފާސްޓް ޕެޓްރޯލް ވެސަލް (އެފްޕީވީ)އެކެވެ. ކޮޗިން ޝިޕްޔާޑުގައި ބަނދެފައިވާ މި އުޅަނދު ކަނޑަށް ބާލާފައިވަނީ 2015ގަ އެވެ. ސާވެއިލަންސް، އިންޓާޑިކްޝަން، ސާޗް އެންޑް ރެސްކިޔު އަދި މެޑިކަލް އިވެކުއޭޝަން އަށް ބޭނުންކުރެވޭ މި އުޅަނދުގައި 39 ސިފައިން ހަރަކާތްތެރިވެ އެވެ.

އިންޑިއާގެ ކޯސްޓް ގާޑް މަނަވަރު އައިސީޖީއެސް އަނަގް. (ފޮޓޯ/ދަ އިކޮނޮމިކް ޓައިމްސް)

މާހޯރަ-3އަށް ދެވަނަ ފަހަރު އެރި ސިފައިންނަކީ، މި އުޅަނދުން އެރި ސިފައިން ކަމެއް ޔަގީނެއް ނޫނެވެ. އެފަހަރު، ރަޝީދު ލައްވާ ސޮއި ކުރުވި ލިޔުމުގެ ފޮޓޯއެއް ނަގަން އޭނާއަށް ފުރުސަތެއް ނުދިނެވެ.

"މަނަވަރާ ވާހަކަ ދައްކާފަ ބުނީ އޯކޭއޭ. އެކަމަކު އަޅުގަނޑު ސޮއި ކޮށްލިހައިރުން ގަނޑު ކަނޑާލާފަ، ފޮޓޯއެއް ނަގަން ވެސް ފުރުސަތެއް ނުދިން. ހަމަ ވަގުތުން އެ ނަގާ ދަބަހަށް ލައިފި،" އޭނާ ކިޔައިދިނެވެ.

އިންޑިއާ ސިފައިން ދޯންޏަށް އެރި ދެވަނަ ފަހަރު، ހަތިޔާރުގެ ބިރަށް އެއްވެސް ފަޅުވެރިއަކަށް އެ ހާދިސާގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނަގާނެ ފުރުސަތެއް ވެސް ނުލިބުނެވެ. ކެޔޮޅު ބުނި ގޮތުގައި އެމީހުން ތިބީ އެފަދަ ކަމެއް ކުރާ ވަރަށް ވުރެ މާބޮޑު ނުތަަނަވަސްކަމެއްގެ ތެރޭގަ އެވެ.

"އެމީހުން ފައިބައިގެން ދިޔައިމަ ހުރިހާ ކުދިން ވެސް ކޮފީ ބޯލާ ހަމަޖެހިލާށޭ ބުނީމަ، ބައެއް ކުދިން ކޮފީ ތަށި ގިރައިގެން ހިފަހައްޓާ ނުލެވިގެން އުޅުނީ ތުރުތުރު އަޅާވަރުން،" ރަޝީދު ބުންޏެވެ.

އެކަންތައް ވީތާ ތިން ދުވަސް ވެފައިވާ އިރު، ފަޅުވެރިން ދަނީ އާންމު ހާލަތަކަށް ރުޖޫއަވަމުންނެވެ. ނަމަވެސް، ރަޝީދު ބުނިގޮތުގައި، މިހާރު ވެސް ދުރުން ބޯޓެއް ފެންނަ އިރަށް އެއީ އިންޑިއާގެ މަނަވަރެއް ކަމަށް ހީކޮށް ބައެއް ފަޅުވެރިން ހާސްވެ އެވެ. އެކަން އަނެއްކާވެސް ތަކުރާރު ވެދާނެތީ ކަންބޮޑުވެ އެވެ.

"އެމީހުންގެ ލޯމައްޗަށް އަދިވެސް އެކަން ފެންނަ ކަހަލަ ގޮތަކަށް އިހުސާސް ކުރެވެނީ."

ކޮމެންޓް (3)

ނުވިސްނޭ

7 ފެބްރުއަރީ 2024
ކީއްކުރަން އިންޑިއާގެ ރާޑަރު ރާއްޖޭގައި ބަހައްޓަންވީ؟
0 0

އިބުނިސީދި

5 ފެބްރުއަރީ 2024
މީ އަދި ކުޑަކުޑަ ކަމެއް ދިމާވީމަ ވާވަރު، ދެކަމު ހާޖަތަށް ދެވިފައި އެތިބެނީ. ދެން ވިސްނާލަ ބޮޑު ކަމެެއް ދިމާވެއްޖެއާ ވާނެވަރު.
0 1

ތެފައާސާ.

5 ފެބްރުއަރީ 2024
މިދެން ކިހާ ބޮޑު ނޮހޮރޮއްޕާނަކަށްވެއްޖެ ކަމެއްތަ؟ މި ފާޑަށް ރާއްޖޭގެ ސަރަހައްދަށް ވަނދެ އަހަރެމެންނަށް ބިރުދައްކަން އުޅެންޏާ އަހަރެމެންނަށް ކުރެވޭނެ ލައްކަ ބައިވަރު ކަންކަން ހުންނާނެކަން ދަންނާތި. މި ރިޕޯޓު ކިޔާފައި ވަރަށް ރުޅިގަދަވެއްޖޭ.. އަދި މިއަދު ރޯދައަށޭ މި ހުރީވެސް...
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް