ރާއްޖޭން އިންޑިއާއަށް ކަނޑައެޅި ސަފީރު ޝަހީބުގެ މަގާމުގެ ލިޔުން އިންޑިއާގެ ރައީސަށް އިއްޔެ އަރުވަނީ. (ފައިލް ފޮޓޯ/ފޮރިން މިނިސްޓްރީ)

ރާއްޖެ-އިންޑިއާ

ބަދުބަސް ބުނި މައްސަލާގައި ދިވެހި ސަފީރު އިންޑިއާގެ ހާރިޖިއްޔާއަށް

ރުޅިވެރިކަމާއި ފިތުނަ އުފައްދައި އެކުވެރި ގައުމުތަކާ ދޭތެރޭ އޮންނަ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވޭ
8 ޖެނުއަރީ 2024

އިންޑިއާ އަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ދިވެހި ސަރުކާރުގެ އިސް ބޭފުޅުންތަކެއް ބަދުބަސް ރައްދުކުރި މައްސަލާގައި އެ ގައުމުގައި ހުންނަ ދިވެހި ސަފީރު އެ ގައުމުގެ ހާރިޖީ ވުޒާރާއަށް މިއަދު ހާޒިރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ވަޑައިގެން މިދިޔަ ބުރާސްފަތި ދުވަހު އެކްސްގައި އާންމުކުރެއްވި ފޮޓޯތަކާއި ވީޑިއޯއާ އެކު، ރާއްޖެއާ ދެކޮޅަށް އެ ގައުމުގެ ބައެއް އާންމުން ކެމްޕެއިނެއް ފެށި އެވެ. އެގޮތުން:

  • މަގާމުން ސަސްޕެންޑް ކުރި ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ މޯދީ އަށާއި އިންޑިއާއަށް ބަދުބަސް ބުނެ ޕޯސްޓު ކުރައްވާފައި؛ އެއާ އެކު، އެ ތިން ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން، ރާއްޖެއަށް ގެއްލުން ވާނެ ކަމަށް ބުނެ، އިންޑިއާގެ ބައެއް ފަރާތްތަކާއި ދިވެހިން އެ ބޭފުޅުން މަގާމުން ވަކިކުރަމަށް ދިޔައީ ގޮވާލަމުން

  • ފަހުން އެ ތިން ބޭފުޅުން ވެސް ވަނީ އެ ޕޯސްޓުތައް ޑިލީޓްކުރައްވާފައި

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ވެސް ވަނީ އެ ބޭފުޅުންގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

އޭގެ ފަހުން، ސަރުކާރުން ވަނީ އެކަން ހިންގި ޔޫތުގެ ތިން ނައިބު މިނިސްޓަރަކު ސަސްޕެންޑްކޮށްފަ އެވެ.

ތަފްސީލް - އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ޔަގީންވެފައިވާ ގޮތުގައި، މިއަދު ހެނދުނު ރާއްޖެ ގަޑިން 9 ގައި، އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުވެވަޑައިގަންނަވަން އެ މިނިސްޓްރީން ވަނީ އަންްގާފަ އެވެ.

ޝަހީބު ވަނީ އެ ގަޑިއަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ވަޑައިގެންފަ އެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

އެނގުން މުހިންމު - ގައުމުތަކުގައި ތިއްބަވާ ސަފީރުން އެ ގައުމެއްގެ ހާރިޖިއްޔާއަށް ހާޒިރުކުރަނީ ހިތްހަމަނުޖެހޭ ކަންކަމުގައި އެކަން އަންގައި އެކަމާ ގުޅޭ ގޮތުން އެ ގައުމަކުން ދެކޭ ގޮތް އޮޅުންފިލުވުމަށެވެ. މިއީ ހާރިޖީ ކަންކަމުގައި ކުރިމަތިވާ މައްސަލަތަކުގައި އަމަލުކުރާ އުސޫލެކެވެ.

އެހެންވެެ، ޝަހީބު ވެސް ރާއްޖޭން މި ކަމުގައި ދެކޭ ގޮތް އިންޑިއާގެ ހާރިޖިއްޔާއާ ރަސްމީކޮށް ހިއްސާކުރައްވާނެ އެވެ.

ގުޅުން ހުރި ކަމެއް - ސަސްޕެންޑް ކުރި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުންނަކީ:

  • މަލްޝާ ޝަރީފް

  • މަރިޔަމް ޝިއުނާ (ނަންނަ)

  • އަބްދުﷲ މަހްޒޫމް މާޖިދު

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނުގައި ވަނީ:

  • ޝިއުނާ އާއި މަލްޝާ ކުރެއްވި ޓްވީޓްތަކަކީ އެ ބޭފުޅުންގެ އަމިއްލަ ހިޔާލު؛ އެއީ ސަރުކާރުން ދެކޭ ގޮތެއް ނޫން

  • ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެންގުޅެން ޖެހޭނީ ޒިންމާދާރުކަމާ އެކު، ޑިމޮކްރެޓިކް ރިވެތި އުސޫލުތަކުގެ ދަށުން ކަމަށް ސަރުކާރުން ގަބޫލުކުރޭ؛ ރުޅިވެރިކަމާއި ފިތުނަ އުފައްދައި އެކުވެރި ގައުމުތަކާ ދޭތެރޭ އޮންނަ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް