ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރެއްވުން. (ފޮޓޯ/އިންޑިއާގެ އެކްސްޓާނަލް އެފެއާޒް)
އިންޑިއާއަށް މަލާމާތްކޮށް ދެއްކި ވާހަކަތަކަށް ތާއީދެއް ނުކުރަން؛ ފިޔަވަޅު އަޅާނަން: ސަރުކާރު
ބޭރުގެ ލީޑަރުންނަށް ކުޑައިމީސްވާ ގޮތަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކަތަކަކީ ދިވެހި ސަރުކާރުން ތާއީދު ކުރާ ވާހަކަތަކެއް ނޫން ކަމަށާއި، އެފަދަ ދަށުދަރަޖައިގެ ވާހަކަ ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ފަސްމަންޒަރު - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ފަހުން އެ މަނިކުފާނު ލަކްޝަދީޕަށް ކުރެއްވި ޒިޔާރަތެއްގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އެއް އާންމު ކުރައްވައިފަ އެވެ.
އެއާއެކު، އިންޑިއާގެ ބައެއް މީހުން ވަނީ، މޯދީގެ އެ ވީޑިއޯ އަކީ އިންޑިއާ މީހުން ޗުއްޓީ ހޭދަ ކުރަން ރާއްޖެ ދާން ނުޖެހޭނެ ކަމާއި ގައުމުގައި ތިބެގެން ވެސް ރާއްޖޭގެ ރީތިކަން ތަޖުރިބާ ކުރެވޭނެކަން ރައްޔިތުންނަށް އަންގައިދެއްވަން އާންމު ކުރެއްވި ވީޑިއޯ އެއް ކަމަށް ބުނެފަ އެވެ.
-
މޯދީގެ ވީޑިއޯ ރީޕޯސްޓުކޮށް އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ވަނީ ރާއްޖެ އަކީ 'ޗައިނާގެ ޕަޕެޓު ގައުމެއް' ކަމަށް ބުނެފައި
-
މޯދީގެ ވީޑިއޯ އަކީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ގޮންޖެހުމެއް ކަމަށް ބުނުމާ އެކު 'އެކްސް'ގައި އުޅޭ ރާއްޖޭގެ ބައެއް ސިޔާސީ އެކްޓިވިސްޓުން ވެސް ވަނީ އޭނާއަށް ރައްދު ދޭން ފަށާފައި
ރައްދު ދޭން 'އެކްސް'ގައި ކުރި ޕޯސްޓްތަކުގެ ތެރޭގައި ޒުވާނުންނާ ބެހޭ ވުޒާރާގައި ނައިބުންނަށް ތިއްބަވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ވެސް އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތް ރައްދުވާގޮތަށް ޓްވީޓު ކުރެއްވި އެވެ.
އެ ޓްވީޓުތަކުގެ ސަބަބުން މައްސަލަ އިތުރަށް ހޫނުވެ އިންޑިއާ އާއި ރާއްޖޭގެ ގިނަ ބަޔަކު ދަނީ އެ ދެބޭފުޅުން މަގާމުން ވަކިކުރުމަށް ގޮވާލަމުންނެވެ.
-
އިތުރަށް ކިޔާލަން: އިންޑިއާއަށް މަލާމާތްކުރި 2 ނައިބު ވަޒީރަކު ވަކިކުރަން ގޮވާލަނީ
ތަފްސީލް - އެކަމާ ގުޅިގެން ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ:
-
ޝިއުނާ އާއި މަލްޝާ ކުރެއްވި ޓްވީޓް ތަކަކީ އެ ބޭފުޅުންގެ އަމިއްލަ ހިޔާލު؛ އެއީ ސަރުކާރުން ދެކޭ ގޮތެއް ނޫން
-
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެންގުޅެން ޖެހޭނީ ޒިންމާދާރު ކަމާ އެކު ޑިމޮކްރެޓިކް ރިވެތި އުސޫލުތަކުގެ ދަށުން ކަމަށް ސަރުކާރުން ގަބޫލުކުރޭ؛ ރުޅިވެރިކަމާއި ފިތުނަ އުފައްދާ، އެކުވެރި ގައުމުތަކާ ދޭތެރޭ އޮންނަ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ
އެފަދަ ގޮތްގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައިވެ އެވެ. ނަމަވެސް، މިހާތަނަށް މަލްޝާ އާއި ޝިއުނާއަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ - ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު އަވައްޓެރި އެކުވެރި އިންޑިއާ އަށާއި އެ ގައުމުގެ ވެރިންނަށް ފާޑުކިޔާ މަލާމާތް ކުރާތީ އެކަން ދިވެހިންގެ ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.
ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމްގައި އިންޑިއާ އަކީ މުހިއްމު މާކެޓަކަށް ވާއިރު މި ފާޑުކިޔުންތަކާއި ޒުުވާބުތައް އިތުރަށް ހޫނުވުމަކީ ދިވެހިންނަށް ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމަށް އޭގެ ގެއްލުން ކުރިމަތިވާނެ ކަމެއް ކަން ވެސް ދަނީ ހަނދާންކޮށްދެމުންނެވެ.
ކޮމެންޓް (2)
ކިނބޫ
ޜީޟް