މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް ފުރާވަޑައިގަތުން. (ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ)

ރާއްޖެ-އެމެރިކާ

އިކޮނޮމިކް މިނިސްޓަރު ސައީދު ރަސްމީ ދަތުރެއްގައި އެމެރިކާއަށް ފުރާވަޑައިގެންފި

މި ދަތުރުގެ މަގްސަދަކީ ދެގައުމުގެ ދޭތެރޭގައި ވިޔަފާރީގެ މުއާމަލާތްތައް ފުޅާކޮށް، އިންވެސްޓްމެންޓްތައް އިތުރުކުރުމަށް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރަސްމީ ދަތުރެއްގައި މިއަދު އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ސައީދު އެމެރިކާއަށް ފުރާވަޑައިގެންނެވިކަން އިކޮނޮމިކް މިނިސްޓްރީގެ 'އެކްސް' އެކައުންޓުގައި މިއަދު ޕޯސްޓު ކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ދަތުރުގެ މަގްސަދަކީ ދެގައުމުގެ ދޭތެރޭގައި ވިޔަފާރީގެ މުއާމަލާތްތައް ފުޅާކޮށް، އިންވެސްޓްމެންޓްތައް އިތުރުކުރުމަށް މަގުފަހިކުރުމެވެ.

އެގޮތުން، މި ދަތުރުގައި އެމެރިކާގެ ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ އިސް ފަރާތްތަކާ މިނިސްޓަރު ސައީދު ބައްދަލުކުރައްވާނެ އެވެ. އޭގެތެރޭގައި ހިމެނެނީ:

  • ޓްރޭޑް މަންދޫބުން 

  • އެމެރިކާގެ ޗެމްބާ އޮފް ކޮމާސްގެ މެމްބަރުން 

  • އެހެނިހެން ސަރުކާރުގެ އިދާރާތަކުގެ ބޭފުޅުން

ފާހަގަކޮށްލެވޭ - ސައީދު މިއަދު އެމެރިކާއަށް ފުރާވަޑައިގެންނެވި އިރު މިދިޔަ މަހު ފަހުކޮޅު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވަޑައިގަންނަވައިފަ އެވެ.

އެނގުން މުހިއްމު - ރާއްޖޭގެ ދެ ވަޒީރުން ކައިރި ކައިރީގައި ރަސްމީ ދަތުރުތަކުގައި އެމެރިކާއަށް ވަޑައިގެންފައި މިވަނީ އިޒްރޭލް ރައްޔިތުން ރާއްޖެ އައުން މަނާކުރަން ކެބިނެޓުން ނިންމި ނިންމުމާ ގުޅިގެން، ރާއްޖެއިން އެ ފިޔަވަޅު އަޅައިފި ނަމަ ރާއްޖެއަށް ދޭ އެހީތައް އެއްކޮށް ކަނޑާލުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ސެނެޓަށް ބިލެއް ހުށަހަޅުއްވައިފައި އޮއްވަ އެވެ.

ސެނެޓުގެ ކަމާ ގުޅޭ ކޮމިޓީން މި ފަހުން ނިންމާފައި ވަނީ ރާއްޖެއަށް އެއްވެސް އެހީއެއް ދޭންވާނީ އެފަދަ ފިޔަވަޅެއް ރާއްޖެއިން ނާޅާކަން ކަށަވަރުކޮށްފައި ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް