ސިޑްސްގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

މޫސާ ޒަމީރު

ރަސްމީ ދަތުރެއްގައި މިނިސްޓަރު ޒަމީރު އެމެރިކާއަށް ވަޑައިގެންފި

މި ދަތުރުގައި އެމެރިކާގެ ވޮޝިންޓަން އަދި ނިއު ޔޯކަށް ވަޑައިގެން އެގަައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ މިނިސްޓަރު ބައްދަލުކުރައްވާނެ

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ އެމެރިކާއަށް ފުރާވަޑައިގަންނަވައިފި އެވެ.

ވީ ކިހިނެއް؟ - ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ އެ ދަތުރަކީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރެއް ކަމަށެވެ.

ތަފްސީލް - މި ދަތުރުގައި މިނިސްޓަރު އެމެރިކާގެ ވޮޝިންޓަންގެ އިތުރުން ނިއު ޔޯކް ސިޓީއަށް ވެސް ޒިޔާރަތްކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުގައި މިނިސްޓަރު: 

  • އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ

  • އެމެރިކާ ސަރުކާރުގެ އެހީ ދޭ ޖަމިއްޔާ، ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާސްއާ ބައްދަލުކުރައްވާނެ

  •  ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެ

  • ވޮޝިންޓަން އަދި ނިއުޔޯކުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާނެ

  • ނިއުޔޯކުގައި ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރައްވާނެ

މިދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ސެކެރެޓަރީ ބައިލެޓްރަލް، ޑރ. ހާލާ ހަމީދު އަދި ސީނިއާ އަންޑާ ސެކެޓްރީ ހަސަން ހުސެން ޝިހާބު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފާހަގަކޮށްލެވޭ - މިނިސްޓަރު ޒަމީރު އެމެރިކާއަށް ވަޑައިގެންއިރު އިޒްރޭލް ރައްޔިތުން ރާއްޖެ އައުން މަނާކުރަން ކެބިނެޓުން ނިންމި ނިންމުމާ ގުޅިގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވަނީ ރާއްޖެއިން އެ ފިޔަވަޅު އަޅައިފި ނަމަ ރާއްޖެއަށް ދޭ އެހީތައް އެއްކޮށް ކަނޑާލުމަށް އެ ގައުމުގެ ސެނެޓަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. އަދި ސެނެޓުގެ ކަމާ ގުޅޭ ކޮމިޓީން މި ފަހުން ނިންމާފައި ވަނީ ރާއްޖެއަށް އެއްވެސް އެހީއެއް ދޭންވާނީ އެފަދަ ފިޔަވަޅެއް ރާއްޖެއިން ނާޅާކަން ކަށަވަރުކޮށްފައި ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް