ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ އެކު ބޭއްވެވި ބައްދަލުވުން. (ފޮޓޯ/ ފޮރިން މިނިސްޓްރީ)

މޫސާ ޒަމީރު

މިނިސްޓަރު ޒަމީރު ބްލިންކަންއާ ބައްދަލުކުރައްވައިފި

މިނިސްޓަރު ޒަމީރު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ބްލިންކެންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރަން ވަނީ މަޝްވަރާކުރައްވާފައި

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ޒަމީރު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ބްލިންކެންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރަން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ތަފްސީލް - މި ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ދިފާއީ ގުޅުމުގެ ދާއިރާ އާއި ޑިމޮކްރެސީ ހަރުދަނާކުރުމާއި އިގްތިސޯދީ ދާއިރާއިންނާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ:

  • ސަރަހައްދީ އަދި ބައިނަލްއަގްވާމީ ހަމަޖެހުމާއި ކަނޑުގެ ސަލާމަތާއި ސުލްހަ ދެމެހެއްޓުމަށް ވެސް މަޝްވަރާކުރެއްވި

  • ރިޔާސީ އިންތިހާބު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށް ރައީސް މުހައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭން ކުރާ މަސައްކަތް ބްލިންކެން ފާހަގަކުރެއްވި

  • އެމެރިކާއިން ރާއްޖެއަށް ދޭ މަތީ ތައުލީމްގެ ފުރުސަތުތައް ޒަމީރު ފާހަގަކުރެއްވި

  • ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ޒަމީރު މަޝްވަރާކުރެއްވި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ އެކު ބޭއްވެވި ބައްދަލުވުން. (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ޒަމީރުގެ މި ދަތުރުގައި އިއްޔެ ވަނީ އެމެރިކާ ސަރުކާރުގެ އެހީ ދޭ ޖަމިއްޔާ، ޔޫއެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ ފަރާތުން ރާއްޖެއަށް ދޭ އެހީތެރިކަން އިތުރުކުރަން ވެސް މަޝްވަރާ ކުރައްވާފަ އެވެ.

ފާހަގަކޮށްލެވޭ - މި މަޝްވަރާތައް ކުރެވިގެން މި ދިޔައީ އިޒްރޭލް ރައްޔިތުން ރާއްޖެ އައުން މަނާކުރަން ކެބިނެޓުން ނިންމި ނިންމުމާ ގުޅިގެން، ރާއްޖެއިން އެ ފިޔަވަޅު އަޅައިފި ނަމަ ރާއްޖެއަށް ދޭ އެހީތައް އެއްކޮށް ކަނޑާލުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ސެނެޓަށް ބިލެއް ހުށަހަޅުއްވައިފައި އޮއްވަ އެވެ. ސެނެޓުގެ ކަމާ ގުޅޭ ކޮމިޓީން މި ފަހުން ނިންމާފައި ވަނީ ރާއްޖެއަށް އެއްވެސް އެހީއެއް ދޭންވާނީ އެފަދަ ފިޔަވަޅެއް ރާއްޖެއިން ނާޅާކަން ކަށަވަރުކޮށްފައި ކަމަށެވެ.

އެނގުން މުހިއްމު - މި ދަނޑިވަޅުގައި ޒަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި:

  • ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެ

  • ވޮޝިންޓަން އަދި ނިއު ޔޯކުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާނެ

  • ނިއު ޔޯކުގައި ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭ ގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރައްވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް