ސާފް ސުޒުކީ ކަޕްގައި ދިވެހިރާއްޖެ އާއި އިންޑިއާ ކުޅުނު ފައިނަލް މެޗަށް ފަހު މުހައްމަދު އާރިފް (ބަކާ) ތައްޓާ އެކު. (ފޮޓޯ/އިމޭޖަސް.އެމްވީ)
އާރިފްގެ ކުއްލި ވަކިވުން ގައުމީ ބޮޑު ހިތާމައަކަށް
"އޭނާގެ ކުއްލި ވަކިވުމަކީ ފުޓުބޯޅައަށް އެކަނި ލިބުނު ގެއްލުމެއް ނޫން، މުޅި ގައުމަށް ލިބުނު ދެރައެއް."
މިއީ، ކުއްލި ގޮތަކަށް ބަލި ހާލަތު ގޯސްވެގެން އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވި ފުޓުބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ)އާ ބެހޭގޮތުން ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކޯޗް މައުރޫފް އަހުމަދު (މާއްޓޭ) ފޭސްބުކްގައި ލިޔުއްވި ވާހަކަ އެކެވެ. އާރިފްގެ ކުއްލި މަރާއެކު ހިތާމަ ފާޅުކުރަމުންދާ ގިނަ ބަޔަކު ތަކުރާރު ކުރަމުންދަނީ ހަމަ އެފަދަ ޝުއޫރުތަކެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާރިފް އުމުރުން 38 އަހަރުގައި ނިޔާވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އައިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އޭނާ ހައްޖަށް ދިޔައީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތުގައި ސައުދީ އެމްބަސީން ހައްޖަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނިގެންނެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރާއްޖެ އައުމަށް ފަހު އޭނާ ފުރަތަމަ ޑޮކްޓަރަށް ދެއްކީ ހުންއައިސްގެންނެވެ. ނަމަވެސް އެއަށް ފަހު ކުއްލިއަކަށް ހާލު ބޮޑުވެގެން ގޮސް، ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭން ޖެހުނެވެ. އޭނާ ނިޔާވެފައިވަނީ، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު 5:49ގަ އެވެ.
އާރިފްގެ ކުއްލި ވަކިވުމުގެ ހަބަރާ އެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ އާއިލާއަށް ތައުޒިޔާ ކިޔާ، ހިތާމަ ފާޅު ކުރަމުންނެވެ. އޭގެތެރޭގައި ސަރުކާރުގެ މަތީ މަގާމުތައް ފުރުއްވާ ބޭފުޅުންނާއި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ތައުޒިޔާގެ މެސެޖުގައި އެމަނިކުފާނު އާރިފް ސިފަކުރައްވާފައިވަނީ، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް، ވަކިން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށް، ގައުމަށް ފަހުރުވެރި ނަން ހޯދައިދީފައިވާ ހުނަރުވެރި ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
"... މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެކެވެ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އޭނާގެ "އެކުވެރި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާރިފު ނިޔާވި ހަބަރު އެހީ ފުން ހިތާމަޔާ އަސަރާއެކުގައި" ކަމަށެވެ.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) June 25, 2024
ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ޚާއްޞަކޮށް ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ޤައުމަށް ފަޚްރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ… pic.twitter.com/pbF4cEscpm
އާރިފް އަކީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މިޑްފީލްޑަރެކެވެ. އަދި ސާފް ޗެމްޕިއަންޝިޕް 2008ގައި ރާއްޖެއިން ފުރަތަމަ ކާމިޔާބުކުރި ޓީމުގެ ވެސް މެމްބަރެކެވެ. އޭގެ ފަހުން 2018ގައި އެ ތަށި ދެވަނަ ފަހަރަށް ހޯދިއިރު ވެސް އޭނާ ހުރީ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ.
އާރިފަކީ ދެ ފަހަރަށް އެ ތަށި ކާމިޔާބުކުރި އެންމެ ދެ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާއާ އެކު އެ ޝަރަފް ހިއްސާކުރަނީ 2018ގެ ކެޕްޓަން އަކުރަމް އަބްދުލްގަނީ އެވެ.
ކޯޗު މައުރޫފްގެ ތައުޒިޔާގެ މެސެޖުގައި ވަނީ އާރިފްގެ މިފަދަ ބޮޑެތި ކާމިޔާބީތަކާއި ދިވެހި ފުޓުބޯޅައަށް އޭނާ ހޯދައިދިން ކުރިއެރުންތައް ފާހަގަކުރައްވާފަ އެވެ.
"2003 ގައި އަޅުގަނޑު ކޯޗަކަށް ހުރި އިރު، އޭނާ އައިލެންޑް ފުޓުބޯޅަ ކްލަބާ ގުޅުނީ އުމުރުން އެންމެ 18 އަހަރުގައި. އޭނާގެ ތާރީހީ ކެރިއަރަށް މަގުފަހިކޮށްދިން އާދަޔާހިލާފު ހުނަރުވެރިކަމާއި ފިޒިކަލް އެޓްރިބިއުޓްސް ޓްރެއިނިން މެޗުތަކުގައި ވެސް ވިދާލި،" މައުރޫފް ވިދާޅުވި އެވެ.
ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ސަސްޕެންޑުކޮށްފައިވާ ރައީސް ބައްސާމް އަދީލް ޖަލީލްގެ ތައުޒިޔާގެ މެސެޖުގައި އާރިފް ސިފަކުރެއްވީ ފުޓުބޯޅައިގެ "ލެޖެންޑެއް"ގެ ގޮތުގަ އެވެ.
އާރިފްގެ ރަހުމަތްތެރިންނާއި ދެކެފަރިތަ މީހުންނާއި ކުޅިވަރަށް ލޯބިކުރާ އެންމެން އޭނާ ވަކިވެދިޔުމުގެ ހިތާމައިގައި ބައިވެރިވަމުންދާ އިރު، އެފްއޭއެމުން އޭނާގެ ވަކިވުން ފާހަގަކުރީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްގެ ގޮތުގަ އެވެ.
"ފަހުގެ ތާރީހެއްގައި ދިވެހި ފުޓުބޯޅައިން ފެނުނު އެންމެ ހުނަރުވެރި، ވިދުންގަދަ، ފުޓުބޯޅައިގައި ދިވެހިރާއްޖެއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބުގެ މުހިއްމު ހިއްސާދާރު، ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ފުޓުބޯޅަ އާއިލާއަށް، އަދި ދިވެހި ކުޅިވަރަށް ލިބިގެންދިޔަ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ،" އެފްއޭއެމް އިން ބުންޏެވެ.