25 އޭޕްރީލް 2024، ހެންވޭރު ދަނޑު، މާލެ - މުހައްމަދު އާރިފް (ބަކާ) މެޗެއްގައި ކުޅެނީ. (ފޮޓޯ/އިމޭޖަސް.އެމްވީ)
އާރިފް ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް: ރައީސް
ކުއްލި ގޮތަކަށް ބަލިވެ ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ފުޓުބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ)ގެ އާއިލާއަށް ރައީސް މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މީގެ ދެތިން ދުވަސް ކުރިން ހުން އައިސްގެން ޑޮކްޓަރަށް ދެއްކި ފަހުން އާރިފްއަށް އިއްޔެ އިން ފެށިގެން އައީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އޭނާއަށް އެ އުނދަގޫތައް ވާން ފެށީ ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އައުމާ އެކުގަ އެވެ.
ފަރުވާ ދެމުންދަނިކޮށް އާރިފް ނިޔާވެފައިވަނީ މިއަދު ހަވީރު 5:49ގައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ތަފްސީލް - އާރިފްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވަމުން ރައީސް މުއިއްޒު މިއަދު 'އެކްސް'ގައި ކުސިފަކުރެއްވި ގޮތުގައި، އާރިފް އަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ގިނަ ހިދުމަތްތަކެއް ކޮށްދީ، ގައުމަށް ފަހުރުވެރި ނަން ހޯދައިދީފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.
ބުނީ ކީކޭ؟ - "ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި، ގައުމަށް ފަހުރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެކެވެ،" ރައީސް ވިދާޅުވި އެވެ.
"މި ހިތާމަވެރި ވަގުތު މަރްހޫމް މުހައްމަދު އާރިފްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދެމެވެ. އަދި މަރްހޫމް މުހައްމަދު އާރިފަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، ކީރިތިﷲގެ ނިއުމަތާ ރަހްމަތުގައި ލެހެއްޓެވުން އެދި ދުއާކުރަމެވެ."
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) June 25, 2024
ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ޚާއްޞަކޮށް ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ޤައުމަށް ފަޚްރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ… pic.twitter.com/pbF4cEscpm
ފާހަގަކޮށްލެވޭ - އާރިފްގެ ކުއްލި ވަކިވުމާ އެކު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިތާމައިގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. އޭގެތެރޭގައި ސަރުކާރުގެ މަތީ މަގާމުތައް ފުރުއްވާ ބޭފުޅުންނާއި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނެ އެވެ.
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މިޑްފީލްޑަރަކީ ސާފް ޗެމްޕިއަންޝިޕް 2008ގައި ރާއްޖެއިން ފުރަތަމަ ކާމިޔާބުކުރި ޓީމުގެ ވެސް މެމްބަރެކެވެ. އޭގެ ފަހުން 2018ގައި އެ ތަށި ދެވަނަ ފަހަރަށް ހޯދިއިރު އޭނާ ހުރީ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ. އާރިފަކީ ދެ ފަހަރަށް އެ ތަށި ކާމިޔާބުކުރި އެންމެ ދެ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާއާ އެކު އެ ޝަރަފް ހިއްސާކުރަނީ 2018ގެ ކެޕްޓަން އަކުރަމް އަބްދުލްގަނީ އެވެ.