15 ސެޕްޓެމްބަރު 2018، ޑާކާ، ބަންގްލަދޭޝް - ސާފް ސުޒުކީ ކަޕްގައި ދިވެހިރާއްޖެ އާއި އިންޑިއާ ކުޅުނު ފައިނަލް މެޗަށް ފަހު މުހައްމަދު އާރިފް (ބަކާ) ތައްޓާ އެކު. (ފައިލް ފޮޓޯ/އިމޭޖަސް.އެމްވީ)
ދިވެހި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ކުއްލި ގޮތަކަށް ބަލިވެ ހާލު ދެރަވުމަށް ފަހު މިއަދު ހަވީރު ނިޔާވެއްޖެ އެވެ.
ވީ ކިހިނެއް؟ - މީގެ ދެތިން ދުވަސް ކުރިން ހުން އައިސްގެން ޑޮކްޓަރަށް ދެއްކި ފަހުން އާރިފްއަށް އިއްޔެ އިން ފެށިގެން އައީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އޭނާއަށް އެ އުނދަގޫތައް ވާން ފެށީ ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އައުމާ އެކުގަ އެވެ.
ތަފްސީލް - އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވިގޮތުގައި އާރިފް ނިޔާވީ މިއަދު ހަވީރު 5:49ގަ އެވެ.
އެ ހަބަރާ އެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމައިގެ ޝުއޫރުތައް ފާޅު ކުރަމުންނެވެ.
ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވިގޮތުގައި އާރިފް ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެކެވެ. އާރިފްއަކީ ފުޓްބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދީ، ގައުމަށް ފަހުރުވެރި ނަން ހޯދައިދީފައިވާ ހުނަރުވެރި ކުޅުންތެރިޔެއްކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވި އެވެ.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) June 25, 2024
ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ޚާއްޞަކޮށް ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ޤައުމަށް ފަޚްރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ… pic.twitter.com/pbF4cEscpm
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ހިތާމަފާޅުކުރައްވައި އެކްސްގައި ލިޔުއްވަމުން އާރިފްގެ އާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގެންފަ އެވެ.
إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ
— Abdul Raheem Abdulla (@Banafsaa) June 25, 2024
އަޅުގަނޑުގެ އެކުވެރި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޢާރިފު(ބަކާ) ނިޔާވި ޚަބަރު އެހީ ފުން ހިތާމަޔާ އަސަރާއެކުގައެވެ.އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ މަރުޙޫމުގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ
ޢާއިލާއަށް… pic.twitter.com/qPbEZU9e2D
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މިޑްފީލްޑަރަކީ ސާފް ޗެމްޕިއަންޝިޕް 2008ގައި ރާއްޖެއިން ފުރަތަމަ ކާމިޔާބުކުރި ޓީމުގެ ވެސް މެމްބަރެކެވެ. އޭގެ ފަހުން 2018ގައި އެ ތަށި ދެވަނަ ފަހަރަށް ހޯދިއިރު އޭނާ ހުރީ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ. އާރިފަކީ ދެ ފަހަރަށް އެ ތަށި ކާމިޔާބުކުރި އެންމެ ދެ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާއާ އެކު އެ ޝަރަފް ހިއްސާކުރަނީ 2018ގެ ކެޕްޓަން އަކުރަމް އަބްދުލްގަނީ އެވެ.
އިތުރު ތަފްސީލް އަންނަނީ
ކޮމެންޓް (2)
ޔޫސުފް އިބްރާހިމް
ރެޕިޑް ރެސްޕޮންސް