ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
ރާއްޖޭން އިޒްރޭލާ މެދު ނިންމާ ނިންމުމުން އިގްތިސޯދީ ގޮތުން ގެއްލުން ވެގެން ނުވާނެ: ނާޒިމް
އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމާ ގުޅޭ ގޮތުން ނިންމާ ނިންމުން ވާން ވާނީ އިގްތިސޯދީ ގޮތުންނާއި ރައްކާތެރިކަމާއި ސަލާމަތީ ގޮތުން ބަލާއިރު ވެސް ރާއްޖެއަށް ގެއްލުން ނުވާ ނިންމުމަކަށް ކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޭނާ މިހެން ވިދާޅުވީ، ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިދިޔަ މަހުގެ ފަހުކޮޅު އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - އެ ބިލު ދިރާސާ ކުރުމަށް ޕީއެންސީގެ ފަރާތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ތާއީދު ކުރައްވާ، ނާޒިމް ވިދާޅުވީ، އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ސަބަބުން ނުކުންނާނެ ނަތީޖާ އާއި އެކަމުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރު ކޮމިޓީ މަރުހަލާގައި ރަނގަޅަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން، އޭނާ ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި:
-
މިހާރު ވެސް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އަންނަން ރިޒަވޭޝަން ހަދާފައި ތިބި މީހުން ތިބޭނެ
-
އެ މީހުން ބުކިންތައް ކެންސަލް ކުރުމާ މެދު ރިސޯޓުތަކުން ވެސް ކަންބޮޑުވާނެ އަދި ކެންސަލް ކުރާ ނަމަ، ފައިސާ އަނބުރާ ދައްކަން ވެސް ޖެހޭނެ
އޭނާ ވިދާޅުވީ، ދުނިޔޭގެ އެހެން ބޮޑެތި ބާރުތަކުން ނުވަތަ ގައުމުތަކުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމުގެ ބަދަލުގައި، ރާއްޖޭގެ ނިންމުންތައް ނިންމަންވާނީ، އަބަދުވެސް ރާއްޖެއަށް ފައިދާ ހުރި ގޮތަށް ކަމަށެވެ. އަދި ގައުމު ދެކެ ލޯބިވުމާއި ގައުމިއްޔަތަކީ ދޭއްޗެއް ކަން ދެނެގަންނަން ވެސް އޭނާ ގޮވާލެއްވި އެވެ.
"ގައުމު ދެކެ ލޯބިވުމަކީ ގައުމުން ކުރާ ކަންކަމާ ދޭތެރޭ ފަހުރުވެރިވުން. ގައުމިއްޔަތަކީ ކޮންމެ ފަދަ ކަމެއް ގައުމުން ކުރި ކަމަށް ވިޔަސް، އެކަމާ ފަހުރުވެެރިވެ، ވަރިހަމަ ވުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޒިންމާދާރުވުމަކީ ކަނު ބަނދެވިގެން ތިބެގެން އަޅުގަނޑުމެން ކަންތައް ނިންމުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"ގައުމު ދެކެ ލޯބިވުމަކީ ގައުމަށް ދުޝްމަނުން ހޯދާ ލިބިގަތުމެއް ވެސް ނޫން. އަދި އެހެން ގައުމުތަކަށް ވުރެ ތިމާމެން މި ނަގާ ޕޮޒިޝަން މާ ހަރުދަނާ ވެފައި މާ މޮޅޭ ބުނުމެއް ވެސް ނޫން."
ނާޒިމް ގަބޫލުކުރައްވާ ގޮތުގައި، ރާއްޖެއިން ނިންމާ ނިންމުން ވާން ވާނީ، ޖުމްލަ ގޮތެއްގައި، ރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުވެ، އިގްތިސޯދީ ގޮތުން ވެސް ގެއްލުން ނުވާނެ ފަދަ ނިންމުމަކަށެވެ.
އެކަން ކޮމިޓީ މަރުހަލާގައި ރަނގަޅަށް ދިރާސާކޮށް، ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ލަފާ ވެސް ހޯދުމަށް ފަހު، އެންމެ ރަނގަޅު ނިންމުމެއް ނިންމަން އޭނާ ގޮވާލެއްވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އިޒްރޭލު މީހުން ރާއްޖެ އެތެރެވުން ހުއްޓުވުމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އެ ގޮވާލުމަށް ސަރުކާރުން އިޖާބަދިނުން ލަސްވާ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން މި މަހުގެ 2ގައި ނިންމާފައިވެ އެވެ.
ރާއްޖެެއަށް އެތެރެވުން މަނާ މީހުންގެ ތެރޭގައި އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށް އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ވަނީ ތާއީދު ކޮށްފަ އެވެ.
ގުޅުން ހުރި - އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުން ލިބި އިގްތިސޯދަށް އަސަރުކުރާނެ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިންނާއި ރިސޯޓު ހިންގާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިސޯޓު ވިޔަފާރި ހިންގަވާ ވިލާ ގްރޫޕްގެ ބާނީ އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް މިއަދުގެ ޖަލްސާގައި ވަނީ، އިޒްރޭލް ޕާސްޕޯޓު މަނާ ކުރާ އިރު ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އިތުރަށް ކިޔާލަން
'އިޒްރޭލް މީހުން މަނާ ކުރަން އެމްޑީޕީ ހުށަހެޅީ ވެރިކަން ނިންމަން'
10 ޖޫން 2024
އިޒްރޭލް ޕާސްޕޯޓު މަނާކުރާ އެމްޑީޕީގެ ބިލަށް ޕީއެންސީގެ ތާއީދު
10 ޖޫން 2024
އިޒްރޭލު ޕާސްޕޯޓް މަނާކުރުން: ރަނގަޅު ފިޔަވަޅެއްތަ؟
5 ޖޫން 2024
ކޮމެންޓް (1)
އިއްސެ