އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލައި މިއަދު މަޖިލީހާއި ފޮރިން މިނިސްޓްރީ ދޮށުގައި މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
އިޒްރޭލު ޕާސްޕޯޓް މަނާކުރުން: ރަނގަޅު ފިޔަވަޅެއްތަ؟
އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް ހަދަން ސަރުކާރަށް ގޮވާލާތާ އަށެއްކަ މަސް ފަހުން މިހާރުގެ ސަރުކާރުން މިދިޔަ އާދިއްތުދުވަހު ވަނީ އިޒްރޭލް މީހުންނަށް ރާއްޖެ އެތެރެ ނުވެވޭނެ ގޮތް ހަދަން ނިންމައިފަ އެވެ. ދެން އޮތީ ރައްޔިތުންގެ މަޖިލިހަށް އޭގެ ބިލެއް ފޮނުވައިގެން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތެވެ.
ސަރުކާރުގެ މި ނިންމުމުގެ މަގުބޫލުކަން އާންމުންގެ މެދުގައި ބޮޑެވެ. މި ބޮޑު ދުނިޔޭގައި ކުޑަކުޑަ ރާއްޖެއިން ނިންމި ނިންމުމަކީ ބޮޑެތި ގައުމުތަކުން ހާއްސަކޮށް އަރަބި ގައުމުތަކުން ނަމޫނާއަކަށް ބަލަން ޖެހޭ ކަމެއް ކަމަށް ފާހަގަކޮށް ރާއްޖެއަށް ތައުރީފް ބޮޑެވެ.
އާންމުން ސިފަކުރާ ގޮތުގައި ރާއްޖެއިން ނިންމި ނިންމުމަކީ އިޒްރޭލުން ރާއްޖެ އަންނަ މަދު މީސްކޮޅުގެ ފައިސާ ރާއްޖޭން ބޭނުން ނުވާކަން ދައްކުވައިދޭ ވަރުގަދަ ދަލީލެކެވެ. އަނިޔާވެރިންނަށް ރާއްޖޭގައި ކުޑަ ނަމަވެސް ފުރުސަތެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ބުންޏެވެ.
މި ހުރިހާ ޝުއޫރެއްގެ ތެރެއިން ނުދައްކާ އޮންނަ ވާހަކައަކީ ރާއްޖެއަކީ ޒަމާނުއްސުރެ އެންމެންނަށް ވެސް މަރުހަބާ ކިޔާ ޓޫރިޒަމެއްގެ މައްޗަށް އޮތް އިގްތިސާދަކަށް ވާއިރު މި ނިންމުމުން ނުކުންނާނެ އިގްތިސާދީ ނަތީޖާތަކެވެ. ވަރަށް މަދު ގައުމަކުން ނޫނީ އަޅާފައި ނުވާ ހަރުކަށި ފިޔަވަޅެއް ރާއްޖެއިން އެޅުމުން މި ނިންމުމުގެ އަގު ރާއްޖެއިން ދައްކަން ޖެހޭނީ ކިހާ ވަރަކަށް، ކޮން ގޮތަކަށް ހެއްޔެވެ؟
އިޒްރޭލުން ކިހާ ޓޫރިސްޓުންނެއް؟
އަހަރެއްގެ މައްޗަށް އިޒްރޭލުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު އެއީ ނިސްބަތުން ބޮޑު އަދަދެއް ނޫނެވެ. ކުޑަ އަދަދެކެވެ. އެގޮތުން:
-
2022 - 15،748 އިޒްރޭލް މީހުން؛ އެއީ ޖުމްލަ ފަތުރުވެރިންގެ %1
-
2023 - 10،966 މީހުން؛ ޖުމްލަ ފަތުރުވެރިންގެ %1
-
މި އަހަރުގެ ފުރަތަމަ ހަތަރު މަހު - 528 މީހުން؛ އެއީ ޖުމްލަ ފަތުރުވެެރިންގެ %0.06
އިޒްރޭލުގެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ ރާޅާއަޅަން ނޫނީ ސާފް ކުރުމަށެވެ. އާންމުކޮށް އެމީހުން ޗުއްޓީ ހޭދަކުރަނީ ވެސް ސާފިންއަށް ހާއްސަ ރަށްރަށާއި ސަފާރީ އާއި ރިސޯޓުތަކުގަ އެވެ. އެހެންކަމުން، ތުލުސްދޫ ކަހަލަ ސާފިން ޓޫރިޒަމެއް އޮތް ރަށްރަށުގައި އިޒްރޭލު ފަތުރުވެރިންގެ ހިއްސާ ބޮޑުވެދާނެ އެވެ. އެކަމަކު ޓޫރިޒަމްގެ ބޮޑު ހިއްސާއެއް އޮތް ރިސޯޓްތަކުގެ މާކެޓުގައި އެއީ މާ ބޮޑު މިންވަރެއް ނޫނެވެ.
ސިނާއަތުގެ ބަސް: މި ދެވެނީ ނުބައި މެސެޖެއް
ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު އިޒްރޭލް ޓޫރިސްޓުންގެ މިންވަރު ބޮޑު ނޫން ނަމަވެސް ޓޫރިޒަމް ސިނާއަތުގެ ބޭފުޅުންގެ މެދުގައި ސަރުކާރުގެ އެ ނިންމުމާ މެދު ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.
އެ މީހުން ބުނާ ގޮތުގައި ޓޫރިޒަމްގެ އޮފް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުން މަދުވެ ވިޔަފާރިއަށް އަސަރުކޮށްފައި ވަނިކޮށް މި އެޅި ފިޔަވަޅާ އެކު ރާއްޖެ އަންނަ ފަތުރުވެރިން އިތުރަށް މަދުވުމުގެ ފުރުސަތު އެބަ އޮތެވެ. މިއީ އިތުރު ގޮންޖެހުމެކެވެ.
"އަޅުގަނޑުމެންނަކަށް އަދި ނޭނގޭ ސަރުކާރުން މި ފިޔަވަޅު އަޅާއިރު ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ވެސް ނާދެވޭ ގޮތަށް ހަދަނީއެއް ކަމެއް ނުވަތަ ނޫން ކަމެއް. އިޒްރޭލު ޕާސްޕޯޓެއް އޮވެފައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮތަސް ނާދެވޭ ގޮތް ހަދަންޏާ އެއީ ޓޫރިޒަމަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާނެ،" މައްސަލައިގެ ގޮތުން ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ޓޫރިޒަމް ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.
ރާއްޖެ މަޝްހޫރުވެފައި މި އޮންނަނީ ވަރަށް ހޮސްޕިޓަބުލް އެންމެންނަށް ވެސް ވަރަށް އަމާން، ރައްކާތެރިކަމާ އެކު ޗުއްޓީ ހޭދަކުރެވޭ ގައުމެއްގެ ގޮތުގައި. އެކަމަކު މިކަހަލަ ފިޔަވަޅުތަކަކީ އެއާ ދިމާ އިދިކޮޅު ކަންކަން. އެހެންވީމާ، ޓްރެވަލް އެޖެންޓުން ވެސް ފަސްޖެހޭނެ އަދި ސުވާލުތައް ވެސް އާދޭ މިވާ ގޮތަކާ މެދު
އޭނާ ވިދާޅުވީ އިޒްރޭލުގެ ވަރަށް ގިނަ ރައްޔިތުންނަކީ ރާއްޖެއަށް އާންމުކޮށް ޓޫރިސްޓުން އަންނަ ޒަމާންވީ ގައުމުތައް ކަމަށްވާ، އިނގިރޭސި، ޖަރުމަން، ރަޝިޔާ އަދި އެމެރިކާގެ ރައްޔިތުކަން ވެސް އޮންނަ މީހުން ކަމަށެވެ. ނަމަވެސް ރާއްޖެއިން އިޒްރޭލް މީހުން އެއްކޮށް މަނާކުރާ ނަމަ އެ މާކެޓުތަކުން އަންނަ އިޒްރޭލު ރަށްވެހިކަން އޮތް މީހުން ރާއްޖެ އައުމަށް ފަސް ޖެހޭނެ އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހަގީގަތުގައި މައްސަލައަކީ އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރުމެއް ނޫނެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު ސިފައަކީ ރާއްޖެއަކީ އެންމެންނަށް މަރުހަބާ ކިޔާ ގައުމެއްގެ ގޮތުގައި އޮންނަ އޮތުމެވެ. އެ މެހެމާންދާރީ އެވެ. އެކަމަކު އެއްވެސް ގައުމެއްގެ މުޅި ރައްޔިތުންނަށް ރާއްޖެ އައުން މަނާކުރުމަކީ ރާއްޖޭގެ ޓޫރިޒަމްގެ އެ ސިފައަށް ކިލަނބުކަން އަންނާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއެްވި އެވެ.
"މީގައި ނުބައި މެސެޖެއް މި ދެވެނީ. ރާއްޖެ މަޝްހޫރުވެފައި މި އޮންނަނީ ވަރަށް ހޮސްޕިޓަބުލް އެންމެންނަށް ވެސް ވަރަށް އަމާން، ރައްކާތެރިކަމާ އެކު ޗުއްޓީ ހޭދަކުރެވޭ ގައުމެއްގެ ގޮތުގައި. އެކަމަކު މިކަހަލަ ފިޔަވަޅުތަކަކީ އެއާ ދިމާ އިދިކޮޅު ކަންކަން. އެހެންވީމާ ޓްރެވަލް އެޖެންޓުން ވެސް ފަސްޖެހޭނެ އަދި ސުވާލުތައް ވެސް އާދޭ މިވާ ގޮތަކާ މެދު،" ޓޫރިޒަމް ދާއިރާގެ އެހެން ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ރާއްޖެއަށް ގިނަ އެއާލައިންތަކެއް ގެންނަ ޓްއާ އޮޕަރޭޓަރެއް ކަމަށްވާ، އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ދެކެވަޑައިގަންނަވާ ގޮތުގައި އިޒްރޭލު ރައްޔިތުން ރާއްޖެ އައުން މަނާކުރުމަކީ އެހާ އެދެވޭ ފިޔަވަޅެއް ނޫނެވެ.
އޭނާގެ ނަޒަރުގައި އެފަދަ ފިޔަވަޅަކުން ނަތީޖާއެއް ވެސް ހާސިލެއްނުކުރެވޭނެ އެވެ. އޭނާގެ ހިޔާލަކީ ގާޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމުތަކާ ގުޅިގެން ފިޔަވަޅެއް އަޅާ ނަމަ، ރާއްޖެ އައުން މަނާކުރަން ޖެހޭނީ އިޒްރޭލުގެ ވެރިންގެ މައްޗަށް ކަމެވެ. އެއީ އާންމުކޮށް އެންމެން ޝާމިލްވާ ގޮތަށް އަޅާ ފިޔަވަޅަކަށް ވެގެންނުވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"[އިޒްރޭލް]ގެ ހުރިހާ ރައްޔިތުން ހިމަނާ މަނާކުރުމުގެ ބަދަލުގައި ވަކިން ހާއްސަކޮށް ނަތަންޔާހޫ އާއި އޭނާގެ ކެބިނެޓް މެމްބަރުންނަށް ފިޔަވަޅު އެޅިދާނެ. މި އުސޫލުގައި ގިނަ މުސްލިމުންނާއި ނަސްލު ނައްތާލުމާ ދެކޮޅު މީހުން ހިމެނޭ މުޅި އާބާދީއަށް އަދަބު ދިނުމުގެ ބަދަލުގައި ސިޔާސަތު ނިންމުމުގައި ސީދާ ޒިންމާވާ ފަރުދުންނަށް ފޯކަސް ކުރުން މާ ރަނގަޅު ކަމަށް ފެނޭ،" ފިރާގު އޭނާގެ ފޭސްބުކުގައި ލިޔުއްވި އެވެ.
މުޅި ދުނިޔެއަށް މެސެޖު ފޯރައިފި؛ ވާންވީ ގޮތެއް ސާފެއް ނޫން
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމާ އެކަމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ހޯލްމޭންޑް ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާނު އާދިއްތަދުވަހު ވިދާޅުވި ނަމަވެސް ރަސްމީކޮށްް އެކަމަށް އަމަލްކުރާކަށެއް އަދި ނުފަށާނެ އެވެ. ސަރުކާރުން ނިންމީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށެވެ.
އިޒްރޭލުގެ ހުރިހާ ރައްޔިތުން ހިމަނާ މަނާކުރުމުގެ ބަދަލުގައި ވަކިން ހާއްސަކޮށް ނަތަންޔާހޫ އާއި އޭނާގެ ކެބިނެޓް މެމްބަރުންނަށް ފިޔަވަޅު އެޅިދާނެ
ނަމަވެސް ދުނިޔޭގެ މީޑިއާތަކުގައި މިހާރު އޮތީ އިޒްރޭލް މީހުން ރާއްޖެ އައުން މަނާކުރީ ކަމަށެވެ. އެންމެންނަށް ހީކުރެވިގެން އުޅެނީ ވެސް އެހެންނެވެ. އެ މެސެޖު ދުނިޔެއަށް ފޯރައިފި އެވެ.
ފިރާގު ވިދާޅުވީ ވަަކި ގައުމެއްގެ މީހުންް އެތެރެވުން މަނާކުރަން ސަރުކާރަކުން ނިންމައިފި ނަމަ އެކަން ރަސްމީކޮށް، އުސޫލެެއްގެ ތެރެއިން ކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ހިއްސާކުރަން ވާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އިޒްރޭލުގެ ބަޔަކު މި ފަހުން ރާއްޖެ އައުމުން އެ މީހުން ނުވައްދާ ފޮނުވާލަން އިމިގްރޭޝަންގެ އޮފިސަރަކު ނިންމުމުން އެއާލައިންތަކަށް އޮޅުންއަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަތުރުވެރިކަމަށް ފަސޭހަކުރުމުގެ ގޮތުން ރާއްޖެއަކީ އާންމުކޮށް ދުނިޔޭގެ ހުރިހާ ގައުމެއްގެ ރައްޔިތުންނަށް ވެސް ވަދެވޭ ގޮތަށް ވިސާ އޮންއެރައިވަލް އޮންނަ ގައުމެކެވެ. އެކަމަކު މި ކުރިމަތިވާ ކަންކަމާ އެކު ރާއްޖެއަކީ ޓޫރިސްޓުން އަންނަން ފަސޭހަ ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ އޮތުމަށް ނުބައި އަސަރުތަކެއް ކުރާނެ އެވެ.
ފިޔަވަޅެއް އެޅުމުގެ ކުރިން ރާއްޖޭގެ ނާޒުކު ފަތުރުވެރިކަމާ މެދު ވިސްނާލަން ޖެހެ އެވެ. އިޒްރޭލު ޕާސްޕޯޓް މަނާކުރުން ވެސް ހިމެނޭ ގޮތުންނެވެ.
ކޮމެންޓް (6)
އައްޒުވީ
ަރާއްޖެ މީހާ
ރާޅު އީސާފުޅު
އަލީރާޖާ
ޒެކް
ޏާއްކޮ