މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން އެމްޑީޕީން ހުށަހެޅީ ޕީއެންސީގެ ވެރިކަން ނިންމަން: ގާސިމް

ގާސިމް ވިދާޅުވި ގޮތުގައި، އެ ނިންމުން ނިންމަން ޖެހޭނީ ހުރިހާ ގޮތަކަށް ވިސްނުމަށް ފަހު

އިޒްރޭލް ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހެޅީ ދިރާސާ ކުރަން ޖެހޭ ވަރަށް ދިރާސާ ނުކޮށް، ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގާސިމް މި ގޮތަށް ވިދާޅުވީ، ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިދިޔަ މަހުގެ ފަހުކޮޅު އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލު - އެ ބިލު ދިރާސާ ކުރުމަށް ޕީއެންސީގެ ފަރާތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ގާސިމް ތާއީދު ކުރެއްވި ނަމަވެސް، އެ ބިލާ ދެކޮޅަށް ގާސިމް ގިނަ ވާހަކަތަކެއް ދެއްކެވި އެވެ.

ނަމަވެސް، ގާސިމް ވިދާޅުވި ގޮތުގައި:

  • އޭނާ އެ ވާހަކަ ދައްކަވަނީ އިޒްރޭލް މީހުން އައުން މަނާ ކުރުމަށް ނުވަތަ މަނާ ނުކުރުމަކަށް ވެސް ނޫން

  • މިކަމުގައި ގޮތެއް ނިންމާއިރު، ވަރަށް ރަނގަޅަށް ވިސްނާލަން ޖެހޭ

"އިޒްރޭލްގެ ނޭޝަނަލިޓީ އޮތް މީހަކަށް ރާއްޖެ އައުން ނާދެވޭ ގޮތަަށް އަޅުގަނޑުމެން ނިންމާލާއިރު، އޭގެ މާނައަކީ ކުރު ގޮތަކަށް ބުނާ ނަމަ، ޔަހޫދީންނަށް ނާދެވޭ ގޮތަށް އެ ނިންމާ ވާހަކަ އެ ވިދާޅުވަނީ،" ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި އެންމެ ބޮޑު އެއް ދިވެހި ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވި އެވެ.

"އެއީ، ﷲ ބާވާލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާންވެފައިވާ ތިބި ބަޔަކަށްވީހިނދު، އަޅުގަނޑުމެންނަށް އެކަން ކުުރުމުގެ ފުރުސަތާ މެދު އަޅުގަނޑުމެން ވަރަށް ފުންކޮށް އެ ނަޒަރިއްޔާތު[ން] ވިސްނާލަން ޖެހޭ [އަދި] އެކަމާ މެދު ވަރަށް ފިކުރުވެރިކަމާ މެދު ވިސްނާލަން ޖެހޭނެ."

ގިނަ ރިސޯޓްތަކެއް ހިންގަވަމުން ގެންދަވާ ގާސިމް ވިދާޅުވި ގޮތުގައި، އެމްޑީޕީން ބިލު ހުށަހެޅީ ވިސްނަން ޖެހޭ ވަރަށް ނުވިސްނަވާ އެވެ. އަދި އެ ބިލު ހުށަހެޅުއްވި މެންބަރުގެ ނިޔަތާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި [އަދި] ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދުމަށްޓަކައި ހުށަހެޅިފައިވާ މައްސަލައެއް ކަމުގައި އަޅުގަނޑު ދެކޭތީ އެ ވާހަކަ ދަންނަވާލަން،" ގާސިމް ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރަން ގޮވާލައި ބޭއްވި މުޒާހަރާ (ފައިލް ފޮޓޯ/ ނަވިން ސައީދު)

ގާސިމް ވިދާޅުވި ގޮތުގައި، އޭނާ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވަނީ އެއް ގޮތަކަށް ވެސް "ފަލަސްތީނުގެ ރައްޔިތުންނަަށް އެ ލިބެމުންދާ އަނިޔާވެރިކަމާއި ނިކަމެތިކަން އަޅުގަނޑުމެންގެ ހިތަށް ނުގެންނާތީއެއް ނޫން" ކަމަށެވެ. ރާއްޖެ ނޫނަސް އިސްލާމީ ގައުމުތައް އޮތްއިރު، މިއީ އިސްލާމީ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގައި މިފަދަ ބަހުސެއް ކުރެވޭ ފުރަތަމަ މަޖިލިސް ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"[އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގައި] މިއަދުގެ ސަރުކާރުގެ ވިސްނުންފުޅު އޮތް ގޮތާ މެދު އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތިން. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވިފައި ތިބި ބަޔަކީ މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުން. މި މަޖިލީހުން ނިންމުން ވާން ވާނީ، ދިވެހިރާއްޖޭގެ މުސްތަގްބަލަށާއި އަޅުގަނޑުމެންގެ ސަލާމަތް ކަމަށާއި ރައްކާތެރިކަމުގެ މައްޗަށް ކުރާ ކަމެއް މެނުވީ ނުކުރެވޭނެ ކަމެއް،" ގާސިމް ވިދާޅުވި އެވެ.

"ސަލާމަތުން ތިބެގެން ނޫނީ އެއްވެސް ކަމެއް ނުކުރެވޭނެ. އެކަން ކުރުމަށްޓަކައި ހުރިހާ އެންގަލްއަކުން ވިސްނާފައި ވަރަށް ކެތްތެރިކަމާ އެކު މި ފިޔަވަޅު އަޅަން ޖެހޭނީ."

ކޮމެންޓް (2)

ސްމޭޝް

10 ޖޫން 2024
ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި [އަދި] ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދުމަށްޓަކައި ހުށަހެޅިފައިވާ މައްސަލައެއް ކަމުގައި އަޅުގަނޑު ދެކޭތީ އެ ވާހަކަ ދަންނަވާލަން،" ގާސިމް ވިދާޅުވި އެވެ. ދެން ކީއްވެ މަނިކުފާނު އެބިލާ އެއްކޮޅަށް ވޯޓު ދެއްވީ؟ ރައްޔިތުންގެ ނުރުހުމުން ސަލާމަތް ވާން ދެއްތޯ؟
0 0

ގެނަ

10 ޖޫން 2024
ގާސިމް ދެއްކި ވާހަކައިގެ ދެ ފަރާތް ވެސް އެބައޮތް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް