119 ކިލޯގެ ޑްރަގް މައްސަލައިގައި ބަންދުކޮށްފައި ތިބި ތިން މީހުން (ކ-ވ): އަހުމަދު ސުނައިދު، އަލީ ޒުބައިރު އަދި އަހުމަދު މުޖާހިދު.

119 ކިލޯގެ ޑްރަގް މައްސަލަ: ކުށް ސާބިތުނުވި ދެ މީހުންގެ އިސްތިއުނާފާ މެދު އަދިވެސް ގޮތެއް ނުނިންމޭ

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި އިސްތިއުނާފް ކުރަން ހުށައަޅަން ލިބޭ މުއްދަތު ހަމަވާނީ އަންނަމަހު 2ގައި ކަމަށް. ކްރިމިނަލް ކޯޓުން މައްސަލަ ނިންމީ މާޗު މަހު

ރާއްޖެއަށް 119 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލާގައި ދައުވާކުރި ތިން މީހުންގެ ތެރެއިން ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވި ދެ މީހުންގެ އިސްތިއުނާފާ މެދު އަދިވެސް ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޑިސެމްބަރު 2021ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ އެކި ސަރަހައްދުތަައް ބަލައި ފާސްކޮށް 119 ކިލޯގެ ޑްރަގް އަތުލައިގަތެވެ. އެގޮތުން މެރީ ބްރައުން ކައިރިން ދެ މީހަކު ޓެކްސީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަތުރުކުރަނިކޮށް ޓެކްސީ ހުއްޓުވައި އޭގައި ތިބި ތިން މީހުން ހައްޔަރުކުރި އެވެ. އެ ތިން މީހުންގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ކުށް ސާބިތުވީ އެކެއްގެ މައްޗަށެވެ.

އެ މައްސަލައިގައި އިސްތިއުނާފް ކުރަން ހުށައަޅަން ލިބޭ މުއްދަތު ހަމަވާނީ އަންނަ މަހު 2 ގަ އެވެ.

ތަފްސީލް - މި މައްސަލައާ ގުޅޭ ގޮތުން 'ދައުރު' އާ ވާހަކަ ދައްކަވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގައި އިސްތިއުނާފް ކުރަން ހުށައަޅަން ލިބޭ މުއްދަތު ހަމަވުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށެވެ.

  • މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލި އެވެ.

ދައުވާ ކުރި މީހުންނަކީ:

  • އަހުމަދު މުޖާހިދު، 29،: ގދ. ހޯޑެއްދޫ/އަލޯރާ

  • އަލީ ޒުބައިރު، 52: ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ

  • އަހްމަދު ސުނައިނު، 25: ގދ. ހޯޑެއްދޫ/އިރުމަތީގެ

ފުލުހުން ބުނާ ގޮތުގައި އެއީ ކުރިން ވެސް ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ދައުވާކުރި އަރުޝަދު ހާލިދު، ގދ. ހޯޑެއްދޫ، އަލޯރާގެ އިސްވެ ހުރެ އެތެރެކުރި ތަކެއްޗެވެ.

އެ މައްސަލައިގައި ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އަލީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާތީ 100،000ރ. އިން ޖޫރިމާނާ ކުރުމާ އެކު 22 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. 

އެ ހުކުމްގައި ބުނެފައިވަނީ ސުނައިނު އާއި މުޖާހިދުގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތް ކަަމަށެވެ. ނަމަވެސް އެ ތިން މީހުން މަސްތުވާތަކެތި ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި އުޅޭ ކަމަށް ބެލެވޭ ހަތް ފުޓޭޖެއް ފުލުހުން ހުށަހެޅި އެވެ.

އެ ހުކުމަށް ފަހު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައި ވަނީ ސުނައިނު އާއި މުޖާހިދުގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ވެސް ހެކި ހުންނާނެ ކަމަށެވެ. ފުލުހުން އެގޮތަށް ބުނުމުން ހައި ކޯޓުގައި މައްސަލަ އަވަހަށް އިސްތިއުނާފްކުރާނެ ކަމަށް އޭރު ބެލެވުނެވެ. އެކަމަކު ކްރިމިނަލް ކޯޓުން ހުކުމް އިއްވިިތާ ތިން މަސް ވާން ކައިރިވި އިރު ވެސް އެކަމާ މެދު ގޮތެއް ނުނިންމެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް