ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން(ފޮޓޯ/ ދައުރު)

ޒުބައިރު ބޭނުންވީ 119 ކިލޯގެ މަސްތުވާތަކެތީގެ ޒިންމާ އަމިއްލައަށް ނަގަން، އެންމެނަށް ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި ހުންނާނެ: ފުލުހުން

ފުލުހުން ބުނީ، މި މައްސަލާގައި މަސްތުވާތަކެތި ޕެކް ކޮށްފައިވާ ތަކެއްޗާއި އެތަކެތި ރައްކާތެރިކުރުމަށް ބޭނުންކުރާ އާލަތްތައް ހޯދަމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް

ރާއްޖެއަށް 119 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައެއްގައި ކުށް ސާބިތުވި އަލީ ޒުބައިރަކީ، އެ މަސްތުވާތަކެތީގެ ޒިންމާ، އަމިއްލަޔަށް ނަގަން ބޭނުންވެގެން އުޅުނު މީހާ ކަމަށާއި އެކަމަކު، މައްސަލާގައި ދައުވާކޮށްފައިވާ އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ހޯދާފައިވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ޑިސެމްބަރު 2021ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ އެކި ސަރަހައްދުތަައް ބަލައި ފާސްކޮށް 119 ކިލޯގެ ޑްރަގް އަތުލައިގަތެވެ. އެގޮތުން މެރީ ބްރައުން ކައިރިން ދެ މީހަކު ޓެކްސީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަތުރުކުރަނިކޮށް ޓެކްސީ ހުއްޓުވައި އޭގެ ތެރޭ ތިބި ތިން މީހުން ހައްޔަރުކުރި އެވެ. 

  • އެ ތިން މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލި

ދައުވާ ކުރި މީހުންނަކީ:

  • އަހުމަދު މުޖާހިދު، 29އ - ގދ. ހޯޑެއްދޫ/އަލޯރާ

  • އަލީ ޒުބައިރު، 52އ - ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ

  • އަހްމަދު ސުނައިނު، 25އ - ގދ. ހޯޑެއްދޫ/އިރުމަތީގެ

ނަމަވެސް މި މައްސަލާގައި މިދިޔަ މަހު ކްރިމިނަލް ކޯޓުން ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ، ޒުބައިރުގެ މައްޗަށް އެކަންޏެވެ. 

ވީ ކިހިނެއް؟ - މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަހުގީގުތައް ހިންގި ގޮތާގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާލައިފަ އެވެ.

މި ޕްރެޒެންޓޭޝަނަށް ފަހު ފުލުހުންގެ ޗީފް ސްޕްރިންޑެންޓް އަހްމަދު ޝާކިރު ވިދާޅުވީ، މި މައްސަލާގައި ކުށް ސާބިތުވީ ޒުބައިރުގެ މައްޗަށް އެކަނި ނަމަވެސް، ތުހުމަތުކުރެވޭ އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުކުރެވޭ މިންވަރަށް ތަހުގީގުގައި ހެކި ހޯދާފައިވާނެ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ޕެކް ކޮށްފައިވާ ތަކެއްޗާއި އެތަކެތި ރައްކާތެރިކުރުމަށް ބޭނުންކުރާ އާލަތްތައް ހޯދަމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ޝާކިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މި ކޭސްގައި ހިމެނޭ ހަތަރު މީހުން، އެއީ ރާއްޖެއިން ފުރައިގެން ގޮސްފައިވާ މީހާ ވެސް ހިމެނޭގޮތަށް، މި މީހުންގެ މައްޗަށް [ކުށް] ސާބިތުކުރެވޭ ވަރުގެ މަސައްކަތްތަކެއް ތަހުގީގުން ކުރެވިފައިވާ ކަމަށް،" ޝާކިރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ:

  • ތަހުގީގު މަރުހަލާގައި މުޖާހިދު ބަންދުކުރީ މަސްތުވާތަކެތި ހުރި ކާރުން ފެނުނު މުޖާހިދުގެ ދަރިފުޅުގެ ލިޔެކިއުންތަކަކީ ކުއްޖާގެ މައިންފައިންގެ އަތުގައި ނޫނީ ނުހުންނާނެ ލިޔެކިއުންތަކަކަށް ވުމުން ކަން ފާހަގަކޮށްފައިވާ ނަމަވެސް، ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި އެކަމަށް ބުރަދަނެއް ދީފައިނުވޭ

  • މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓު ނުހެދުނީ ކްރިމިނަލް ކޯޓުންނާއި، ހައި ކޯޓުން ވެސް ފޯނު ހުޅުވުމުގެ އަމުރުދޭން ދެކޮޅު ހެދުމުން ކަމަށްވާއިރު، މޯބައިލް ފޯން ފޮރެންސިކް ރިޕޯޓު ހަދާފައިނުވާ ކަަަމަށް ހުކުމުގައި ފާހަގަކުރުން ހަމައެއް ނުޖެހޭ ކަމަށް

ޝާކިރު ވިދާޅުވީ، ކޯލް ރިކޯޑުތަކަށް ބުރަދަން ދީފައިނުވަނީ އެ ރިޕޯޓުގައި ނަން ނެތުމުން ކަމަށް ހުކުމުގައި ފާހަގަކޮށްފައި ވިޔަސް މިހާތަނަށް ޝަރީއަތަށް ހުށަހަޅާ އެއްވެސް ކޯލް ރިކޯޑްސްގެ ރިޕޯޓަކީ ނަން އޮންނަ ރިޕޯޓެއް ނޫން ކަމަށެވެ. އެކަމަކު ޝަރީއަތުގެ މަރުހަލާގައި އެ ރިޕޯޓު ހެދި އޮފިސަރު ހާޒިރުކޮށް މައުލޫމާތު ސާފުކުރާއިރު އެ މަރުހަލާގެ ތެރޭގައި ބޭނުންވާ މައުލޫމާތު އެއްކުރެވިފައިވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ޝާކިރު ވިދާޅުވި އެވެ. ނަމަވެސް، އެއީ ކުރިއަށް އޮތްތަނުގައި ފުލުހުންގެ ތަހުގީގުތަކުގައި ރަނގަޅު ކުރާނެ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ތިޔަ ބޭފުޅުންނަށް މުޅި ތަހުގީގަށް ބަލާލީމާ ހަމައެކަނި ގަޒިއްޔާއިން ފެންނަ އެއްޗަކާއި އަޅުގަނޑުމެން މިދެއްކި ވީޑިއޯ އަޅާކިޔާލީމަ އެ ގަޒިއްޔާގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ ކިހާވަރެއްގެ ކަންތައްތަކެއްކަން ބައްލަވާލެއްވީމަ ފާހަގަވާނެ،" އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރާނެކަން ފާހަގަކުރައްވާ ޝާކިރު ވިދާޅުވި އެވެ.

އްެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް އިންސްޕެކްޓަރު އަހްމަދު ވަހީދު ވިދާޅުވީ، 119 ކިލޯގެ މަސްތުވާތަކެތީގެ ޒިންމާ ޒުބައިރު ނަގަން ބޭނުންވެގެން އުޅޭ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ފާހަގަކޮށްފައިވާ ކަމަށާއި ކުށް ސާބިތުވީ ވެސް އޭނާގެ މައްޗަށް އެކަނި ކަމަށެވެ.

ކޮމެންޓް (3)

ސަމަދުބެ

5 އޭޕްރީލު 2024
ކޯޓުން ސާބިތު ނުވާކަމަށް ހުކުމް ކުރުމުން ދާންޖެހޭނީ އެއަށްވުރެ މަތީކޯޓަށް. ވީޑިއޯ ދައްކައިގެން ކޯޓުގެ އަގުވައްޓާލަން ތިޔަކުރާކަން ކަޑަ.
3 3

ވާވަން

5 އޭޕްރީލު 2024
@ސަމަދުބެ ކަޑަ އާއި އަބުގެ ހުރި ތަފާތަކީ ކޮބާ؟
1 1

ާބުރީފް

7 އޭޕްރީލު 2024
@ސަމަދުބެ ކޯޓްގެ ގާޒީއަކަށް ނުފެނޭތަ ޕޮލިހުން ކޮށްފަ ހުރި މަސައްކަތް. ޒުބޭރު މައްޗަށް އެކަނި ކީއްވެ ސާބިތު ވާންވީ. ހުރިހާ ހެއްކެތް ރީއްޗަށް އެބަފެނޭ. ހަނު ހުރީމަ އެނިމުނީތަ؟. ނުކުރާކަމަކަށް ވާނެތަ؟. ޙުކުމުން ދޭހަވަނީ ކޯޓްގެ ޤާޒީންގެ ހުރި ހަޔާތްކުޑަކަން. ހަމަރަގަޅަށް ޕޮލިހުން އެހެދީ. އެމީހުން ކޮަންމެ ފަަހަރަކު ހެއްކާއެކު ކޯޓުތަކަށް ހުށަހެޅީމަ ޤާޒީންނަށް ކުށްވެރިން ދޫކުރާނަމަ މިހެން ހަދަންވީ. މައްސަލަބެލި ޤާޒީގެ މައުލޫމާތާއި ފޮޓޯވެސް ޝާއިއު ކުރަންވީ. މިގޮތަށް ކުށްވެރިން ދޫކުރެވޭތީ ގައުމު މި ހަލާކުވަނީ.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް