ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާކުރި ތިން މީހުން (ކ-ވ): އަހުމަދު ސުނައިދު، އަލީ ޒުބައިރު އަދި އަހުމަދު މުޖާހިދު

119 ކިލޯގެ ޑްރަގު މައްސަލާގައި ކުށް ސާބިތުވީ އެކަކަށް؛ ޖޫރިމަނާއަކާ އެކު 25 އަހަރަށް ޖަލަށް

ައަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވީ ސީސީޓީވީ ފުޓޭޖުތަކުންނާއި އެހެނިހެން ހެކި ގަރީނާތަކުން އެމީހުންގެ މައްޗަށް ކުށް ސާބިތުނުކުރެވިގެން

ރާއްޖެއަށް 119 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައެއްގައި ދައުވާކުރި ތިން މީހުންގެ ތެރެއިން އަލީ ޒުބައިރުގެ މައްޗަށް ކުށް ސާބިތުވެ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާ އެކު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ވީ ކިހިނެއް؟ - ޑިސެމްބަރު 2021 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ އެކި ސަރަހައްދުތަަށް ބަލައި ފާސްކޮށް 119 ކިލޯގެ ޑްރަގް އަތުލައިގަތެވެ. އެގޮތުން މެރީ ބްރައުން ކައިރިން ދެ މީހަކު ޓެކްސީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަތުރުކުރަނިކޮށް ޓެކްސީ ހުއްޓުވައި އޭގެ ތެރޭ ތިބި ތިން މީހުން ހައްޔަރުކުރި އެވެ. 

  • އެ ތިން މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލި

ދައުވާ ކުރި މީހުންނަކީ:

  • އަހުމަދު މުޖާހިދު، 29އ - ގދ. ހޯޑެއްދޫ/އަލޯރާ

  • އަލީ ޒުބައިރު، 52އ - ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ

  • އަހްމަދު ސުނައިނު، 25އ - ގދ. ހޯޑެއްދޫ/އިރުމަތީގެ

ފުލުހުން ބުނާ ގޮތުގައި އެ ޑްރަގަކީ ކުރިން ވެސް ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ދައުވާ ކުރި ގދ. ހޯޑެއްދޫ، އަލޯރާ އަރުޝަދު ހާލިދު އިސްވެ ހުރެ އެތެރެ ކުރި ތަކެއްޗެވެ.

މި ތިން މީހުންެގެ ތެރެއިން ކުށް ސާބިތުވާ ކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކުރީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. ޒުބައިރުގެ މައްޗަށް ކުށް ސާބިތުވީ:

  • ޒުބައިރުގެ ސައިކަލު މަޑިދަށުން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން؛ ސައިކަލު ބަލާފާސްކުރީ ސުނައިނު އާއި މުޖާހިދުގެ ހާޒިރުގައި ނޫންކަމުން އެ ދެ މީހުންނާ އެތަކެތި ގުޅުވޭނެ ގޮތެއް ނެތް ކަމަށް ހުކުމުގައިވޭ

  • ކާރުން ފެނުނު މަސްތުވާތަކެތި؛ މި ކާރަކީ ޒުބައިރުގެ ކާރެއް ކަމަށް އޭނާ ބުނެފައިވޭ 

  • ޓެކްސީން ފެނުނު މަސްތުވާތަކެތި؛ އެ ޓެކްސީން މުޖާހިދު އަދި ސުނައިނު ވެސް ހައްޔަރުކުރިއިރު ޝަރީއަތުން އެ މަސްތުވާތަކެތި ގުޅުވާފައި ވަނީ ހަމައެކަނި ޒުބައިރުއާ

ބުނީ ކީކޭ؟ - އިއްޔެ ހުކުމްކުރީ ސުނައިނު އާއި މުޖާހިދުގެ މައްޗަށް ކުށް ސާބިތުކުރެވޭނެ ހެކި ނެތް ކަަމަށެވެ. ނަމަވެސް ޒުބައިރުގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާތީ 100،000ރ. ޖޫރިމާނާ ކުރުމާ އެކު، 22 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ޖޫރިމާނާގެ ފައިސާ އެއް އަހަރު ތެރޭ ދެއްކުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

މި މައްސަލާގައި ސުނޭނު އާއި މުޖާހިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމި ނަމަވެސް އެ ތިން މީހުން މަސްތުވާތަކެތި ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި އުޅޭ ކަމަށް ބެލެވޭ 7 ފުޓޭޖެއް ފުލުހުން ވަނީ ހުށަހަޅާފަ އެވެ. 

ސީސީޓީވީ ފުޓޭޖުތަކަށް ބަލައި ޝަރީއަތުން ފާހަގަކޮށްފައި ވަނީ:

  • 12 ޑިސެމްބަރު 2021ގައި ސުނެއިނު ހުދުމާ ފިހާރައަށް ގޮސް ލަގެޖް ފޮއްޓެއް ގަނެ އެ ފޮށި ތެރެއަށް އޭނާ ފިހާރައަށް ގެންދިޔަ ކުޑަ ދަބަސް ލާފައިވޭ

  • އެ ފޮށި ހިފައިގެން އިތުރު މީހަކާ އެކު ސައިކަލުގައި ދުއްވާފައިގޮސް މއ.ކަނޑޫގެއަށް ވަންނަ މަންޒަރު ފެނޭ

  • ޒުބައިރު އާއި ސުނައިނު ހަމަ ފިހާރައެއްގެ ކަންމަތީ އެ ފޮށިގަނޑު ބައިންދައިގެން ތިބޭތަން އެހެން ފުޓޭޖަކުން ފެނޭ

  • އޭގެފަހުން ޒުބައިރު އެ ފޮށި ހިފައިގެން ކަނޑޫގެއަށް ވަނުމުން ސުނައިނު އެ ސަރަހައްދުން ދާ މަންޒަރު ފެނޭ

  • ޓެކްސީއެއްގައި ސުނައިނު ކަނޑޫގެއަށް އަނބުރާ އައުމުން އެ ކާރަށް ފޮށި އަރުވައިގެން ގޮސް ބޮޑުތަކުރުފާނުމަގު ދެކުނު ފަރާތު ބަނދަރު ކައިރިއަށް މަޑުކުރާތަން ފެނޭ

މި ފުޓޭޖުތަކަށް ޝަރީއަތުން ބުރަދަނެއް ނުދިން ސަބަބެއް ކަމަށް ހުކުމުގައި ބުނީ އެ މައްސަލާގައި ހުށަހަޅާފައިވާ ފުޓޭޖުތަަކަކީ ޖުމްލަ ގޮތެއްގައި ސާފު ފުޓޭޖުތަކެއް ނަމަވެސް ބައެއް އިމޭޖުތަކުން މީހަކު އަޅައި ކިޔުމަށް އެކަށީގެންވާ މިންވަރަށް ސާފުނޫންކަމަށް ބުނެ އެވެ.

މީގެ އިތުރުން:

  • މައްސަލާގައި ހުށަހަޅާފައިވާ ކޯލް ރިކޯޑްސްތަކާއި އިންޓެލިޖެންސް ރިޕޯޓަށް ބުރަދަނެއް ދީފައެއް ނުވޭ

  • ކޯލް ރިކޯޑްސްއަށް ބުރަދަނެއް ނުދިނީ އެ ތައްޔާރުކުރި މީހެއް އެނގެން ނެތުމުން

  • އިންޓެލިޖެންސް ރިޕޯޓަށް ބުރަދަނެއް ނުދުނީ މަސްތުވާތަކެތީގެ މައްސަލަތަކުގަައި އެ ރިޕޯޓަކީ ޝަރީއަތަށް ބަލައިގަނެވޭނެ ބާވަތުގެ ރިޕޯޓަކަށް ނުވާތީ

  • ޒުބައިރުގެ ގެ ބަލާފާސްކުރިއިރު ސީނާއި ގުޅޭ އެއްވެސް ހެއްކަކުން ފިންގަޕްރިންޓެއް ނަގާފައި ނުވޭ؛ އަދި ޑީއެންއޭ އެނަލިސިސް ހަދާފައިވާކަން އެނގޭކަށް ނެތް

  • މޯބައިލް ފޯނުތަކުގެ ފޮރެންސިކް ރިޕޯޓެއް ތައްޔާރުކޮށްފައެއް ނުވޭ

އެނގުން މުހިންމު - މާލޭގެ ހަ އެޕާޓްމެންޓެއް ބަލާ ނުވަ ކިލޯގެ ޑްރަގް އަތުލައިގަތް މައްސަލައެއްގައި އަރުޝަދުގެ އިތުރުން ޒުބެއިރާއި ސުނެއިނުގެ މައްޗަށް މީގެ ކުރިން ވެސް ޑްރަގް ޓްރެފިކިންގެ ދައުވާ ކުރި ނަމަވެސް ދައުވާ ސާބިތު ނުވެ އެވެ.

މި 119 ކިލޯގެ ޑްރަގްގެ މައްސަލައިގައި އެ މީހުން ހައްޔަރުކުރީ 2020ވަނަ އަހަރު ދައުވާކުރި ކުރީގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދޫކޮށްލާފައި ތިއްބަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް