ނޫސްވެރިޔާ އަހްމަދު ރިލްވާން (ކ)، އާއި ބްލޮގަރު ޔާމީން ރަޝީދު (ވ).

މަރު ކޮމިޝަން

މަރު ކޮމިޝަން އުވާލަނީ، ޖަމިއްޔާތަކުން ގޮވާލަނީ ހޯދުންތައް ހާމަކުރަން

މި މަސް ނިމޭއިރު ކޮމިޝަން އުވާލަން ރައީސް ނިންމަވާފައިވާ އިރު، ކޮމިޝަންގެ ހޯދުންތައް އާއިލާތަކާ ހިއްސާ ނުކުރާތީ ކަންބޮޑުވުން ފާޅުކޮށް ޖަމިއްޔާތައް ގުޅިގެން މިއަދު ވަނީ ބަޔާނެއް ނެރެފައި

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި މަރު ކޮމިޝަން މި މަސް ނިމޭ އިރު އުވާލަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެކަމާ ގުޅިގެން ރާއްޖެ އާއި ބޭރުގެ 10 ވަރަކަށް ޖަމިއްޔާ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި، ކޮމިޝަން އުވާލުމުގެ ކުރިން އެ ކޮމިޝަންގެ ހޯދުންތައް އާންމުކުރަން ގޮވާލާފައިވެ އެވެ.

ވީ ކިހިނެއް؟ - މަރު ކޮމިޝަން އުވާލަން ނިންމުމާ ގުޅިގެން ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބައިނަލްއަގުވާމީ ބޮޑެތި ޖަމިއްޔާތައް ވެސް ބައިވެރިވި އެވެ. އޭގެ ބައެއް ޖަމިއްޔާތަކަކީ:

  • ހިއުމަން ރައިޓްސް ވޮޗް

  • އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) 

  • ރިޕޯޓާޒް ވިތައުޓް ބޯޑާޒް (އާރުއެސްއެފް)

މީގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ފަދަ ރާއްޖޭގެ ފާހަގަކޮށްލެވޭ ބޮޑެތި ޖަމިއްޔާތައް ވެސް ހިމެނޭހެން ނެރެފައިވާ ބަޔާނުގައި ގޮވާލާފައިވާ މައިގަނޑު ކަންތައްތަކަކީ:

  • މަރު ކޮމިޝަންގެ ރަސްމީ ރިޕޯޓުތައް ރިލްވާނާއި ޔާމީންގެ އާއިލާ އާއި ހިއްސާކުރަން

  • މަރު ކޮމިޝަންގެ ހުރިހާ ތަހުގީގެއްގެ ހޯދުންތައް އާންމުކުރަން

  • އިންސާފު ބޭނުންވެފައި ތިބި އާއިލާތަކާ މަރު ކޮމިޝަންގެ ހޯދުންތައް ހިއްސާކުރާނެކަން ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ޔަގީންކޮށްދޭން

މީގެ އިތުރުން، އެ ނޫސްބަޔާނުގައި ވާ ގޮތުން، ސިވިލް ސޮސައިޓީ ނެޓްވޯކް ކޯލިޝަން ފޯ އޯޕަން ގަވަނެންސް އިން މޯލްޑިވްސްގެ އެދުމުގެ މަތިން މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި މަރު ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ:

  • ރައީސް އޮފީހުން ކޮމިޝަނަށް އަންގާފައިވަނީ ތަހުގީގީ ރިޕޯޓުތައް ހަމައެކަނި ރައީސްއާ ހިއްސާކުރަން ކަމަށް

  • ކޮމިޝަންގެ އެއްވެސް ހޯދުންތަކެއް އާންމު ނުކުރާނެ ކަމަށް

އެކަމާ ގުޅިގެން ވެސް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

'ކޮމިޝަން އުވާލުމުގެ ކުރިން ޔާމީން އާއި ރިލްވާންގެ 'ރިޑެކްޓެޑް' ރިޕޯޓް ނިންމާނަން'

ޖަމިއްޔާތަކުން ނޫސްބަޔާން ނެރުމާ އެކު އެއަށް ރައްދެއްގެ ގޮތުން މަރު ކޮމިޝަނުން ވެސް ވަނީ މިއަދު ނޫސްބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި، ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ރަސްމީ ރިޕޯޓުތަކުގައި ހުރި ހާމަނުކުރެވޭ ފަދަ ސިއްރު މައުލޫމާތުތައް އުނިކުރުމަށް ފަހު އާއިލާތަކާ ހިއްސާކުރާނެ 'ރިޑެކްޓެޑް' ރިޕޯޓުތައް، އެ ކޮމިޝަން އުވާލުމުގެ ކުރިން ތައްޔާރުކޮށް ނިންމާނެ ކަމަށް ބުންޏެވެ.

މަރު ކޮމިޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • ޔާމީން އާއި ރިލްވާންގެ އާއިލާއިން މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓުތައް ބަލަން ބޭނުންވޭ

  • އެހެންކަމުން ކޮމިޝަންގެ ހޯދުންތައް އެ އާއިލާތަކާ ހިއްސާކުރަން، ހާމަނުކުރެވޭ ފަދަ ސިއްރު މައުލޫމާތުތައް އުނިކޮށްފައިވާ ރިޕޯޓުތަކެއް ތައްޔާރުކުރަން ވަނީ ނިންމާފައި

ކޮމިޝަންގެ ހުރިހާ ރިޕޯޓުތަކެއް ސީދާ ރައީސަށް ފޮނުވަން ގާނޫނުން ލާޒިމްކުރާ ކަމަށް ވެސް މަރު ކޮމިޝަންގެ ބަޔާނުގައި ފާހަގަކުރި އެވެ. ހާމަނުކުރެވޭ ފަދަ ސިއްރުތައް އުނިކޮށްފައިވާ ރިޕޯޓުތައް އާންމުކުރަން ރައީސަށް ލަފާ އަރުވާނެ ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޖަމިއްޔާތައް ގުޅިގެން ނެރުނު ބަޔާނުގައި ވާ ގޮތުން، ޔާމީނާއި ރިލްވާންގެ އާއިލާއިން ބޭނުންވަނީ މައުލޫމާތު އުނިނުކުރާ ރަސްމީ ރިޕޯޓެވެ. ނަމަވެސް ޖަމިއްޔާތަކުން ފާހަގަކޮށްފައިވާ ގޮތުގައި:

  • ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ދަށުން ރަސްމީ ރިޕޯޓު އާއިލާތަކާ ހިއްސާ ކުރެވެން ނެތް ކަމަށް މަރު ކޮމިޝަނުން ބުނެފައިވޭ

  • އެކަން މަނާކުރަނީ ގާނޫނުގެ ކޮން މާއްދާއަކުން ކަން ކޮމިޝަނުން ސާފުކޮށްދީފައެއް ނުވޭ

އެއަށް ރައްދުދީ މަރު ކޮމިޝަންގެ ބަޔާނުގައި ބުނީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުން ކޮމިޝަނުން ތައްޔާރުކުރާ ހުރިހާ ރިޕޯޓެއް ފޮނުވަން ޖެހެނީ ރައީސް އަށް ކަމަށެވެ.

އެނގުން މުހިއްމު - މައްސަލަ ބެލުމަށް ފަހު އަމަލުކުރާނެ ގޮތް ބަޔާންކުރާ ނުވަ ވަނަ މާއްދާގައި ވަނީ:

  • ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި ހިމެނޭ ޖިނާއީ ބައިތަކުގެ ތަހުގީގު ފުރިހަމަވުމާ އެކު ރައީސްގެ ލަފާގެ މަތިން އެފަދަ މައްސަލަތަކުގައި ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށް

  • ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި ހިމެނޭ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ކަންކަމުގައި އަޅަން ޖެހޭ ފިޔަވަޅު އެޅުމާއި ދައުވާ ކުރުމަށް ރައީސްގެ ލަފާގެ މަތިން އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހަށް ފޮނުވުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށް

  • މި ދެ ކަންތައް ފިޔަވައި އެނޫން ކަންކަމުގައި ކޮމިޝަނަށް ފެންނަ ގޮތުގެ ރިޕޯޓު އެކުލަވާލައި ރައީސް އަށް ފޮނުވަންވާނެ ކަމަށް

ރައީސަށް ރިޕޯޓުތައް ފޮނުވަންވާނެ ކަމަށް ގާނޫނުގައި އޮތް ނަމަވެސް، ރިޕޯޓުތައް ފޮނުވޭނީ ހަމައެކަނި ރައީސަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ. 

ކޮމެންޓް (2)

ސަރަހައްދު

14 މޭ 2024
5 އަހަރު ވީ އިރު އެއްވެސް ކަމެއް ނުކުރެވުނު. ސީޕީ އާ ރައީސް އެއް ގެއއިން ކައިގެން އުޅެވޭ ހިސާބުގަ ތިބި އިރު ނުކުރެވުނު ކަމެއް ފުލުހުންނަށް ދުވަހަކުވެސް ކުރެވޭނެބާ؟ އަދި ފެއިލް ވެފަ އޮތް މުއައްސަސާއަކަށް މުސާރަވެސް ބޮޑުކޮށްދީފަ މި ދިޔައީ ޖެއްސުމަށް.
1 0

ސެން

14 މޭ 2024
ކީއްވެ ރިލްވާނާ ޔާމީން ގެ އާއިލާއަށް އެކަނި؟ ކޮބާ އަފްރާޝީމްގެ އާއިލާ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް