މަރު ކޮމިޝަންގެ މެމްބަރު މިސްބާހް އަދި ފަރީޝާ (ފޮޓޯ/އެޗްއާރްސީއެމް)

މަރު ކޮމިޝަން

މަރު ކޮމިޝަން އުވާލުމާ މެދު އޭޖީގެ ލަފާ ހޯދަނީ

އެ ކޮމިޝަންގެ މަސައްކަތްތައް އެ ކޮމިޝަނުގެ މަގުސަދު ހާސިލުވާނެ ގޮތަށް ކޮށްފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނޭ

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން މިދިޔަ ސަރުކާރުގައި އެކުލަވާލި ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް އެ ކޮމިޝަނުގެ މަގުސަދު ހާސިލުވާނެ ގޮތަށް ކޮށްފައި ނުވާތީ އާއި މިހާތަނަށް އެ ކޮމިޝަނުން ބެލި އެއްވެސް މައްސަލައަކަށް އިންސާފު ހޯދައިދެވިފައި ނުވާތީ އެ ކޮމިޝަނާ މެދު އަމަލުކުރާނެ ގޮތެއްގެ ލަފައަކަށް އެޓާނީ ޖެނަރަލް (ޕީޖީ)ގެ އޮފީހުގައި އެދިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ސަރުކާރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަސް ކަމަށްވާ 17 ނޮވެމްބަރު 2018ގައި އުފެއްދެވި މަރު ކޮމިޝަނުގެ މަގުސަދަކީ، ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އެ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމެވެ. މިއީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

ބުނީ ކީކޭ؟ - މިދިޔަ މަހުގެ 17ގައި ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު، ކޮމިޝަނާ މެދު އަމަލުކުރާނެ ގޮތަކާ ގުޅޭ ގޮތުން ގޮތުން 'ދައުރު'ން ސުވާލު ކުރުމުން، ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ، އެ ކޮމިޝަން އުވާލުމާ މެދު މިހާތަނަށް އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން އޭޖީގެ ލަފައަކަށް އެދިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކޮމިޝަނުގެ މަގުސަދު ހާސިލުވާ ގޮތަށް، ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ނުފެންނާތީ، ކޮމިޝަނުގެ މަސައްކަތްތަކާ ބެހޭ ގޮތުން އޭޖީގެ ލަފައަކަށް މިހާރު ދަންނަވާފައި ވަނީ،" ކޮމިޝަން އުވާލުމާ މެދު ގޮތެއް ނިންމާނީ އެ ލަފައަށް ފަހުކަން ފާހަގަކުރައްވައި ހަލީލް ވިދާޅުވި އެވެ.

ހަލީލު ވިދާޅުވި ގޮތުން:

  • މަރު ކޮމިޝަނުން 27 މައްސަލައެއް ތަހުގީގު ކުރަމުންދޭ

  • މިހާތަނަށް ރައީސް އޮފީހަށް ފޮނުވާފައިވަނީ ތިން މައްސަލައެއްގެ ރިޕޯޓު؛ މި މައްސަލަތަކުގައި ވެސް ޖިނާއީ ދައުވާއެއް އުފުލައި ޝަރީއަތުގެ މަރުހަލާއިން އިންސާފު ހޯދައިދެވިފައެއް ނުވޭ

  • ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ 19 އަދި 21 ވަނަ މާއްދާ ބުނާ ފަދައިން ރިޕޯޓުތަައް ރައީސް އޮފީހަށް ހުށަހަޅަމުން ނުދާކަން ފާހަގަކުރެވޭ

އެނގުން މުހިންމު - ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ 19 ވަަނަ މާއްދާގައި ބުނަނީ، ކޮމިޝަނުގެ މަސައްކަތް ފެށުމަށް ފަހު ހިނގާ ކޮންމެ މާލީ އަހަރެއް ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި ފާއިތުވެދިޔަ އަހަރު ކޮމިޝަން ހިންގާފައިވާ ގޮތާއި ކޮމިޝަނުގެ މަސައްކަތްތަކުގެ ތަފްސީލު ހިމެނޭ އަހަރީ ރިޕޯޓެއް އެކުލަވާލައި ރައީސް އަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވާނެ ކަމަށެެވެ.

އެ ގާނޫނުގެ 21 ވަނަ މާއްދާގައި ބުނަނީ، ކޮމިޝަނުގެ އާމްދަނީ އާއި ހަރަދާއި މިލްކިއްޔާތާއި މާލީ ޒިންމާތަކާ ބެހޭ ހިސާބު، އޮޑިޓަ ޖެނެރަލްގެ މަޝްވަރާއާ އެކު، ކޮމިޝަނުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށް ފަހު، އެކުލަވާލެވޭ މާލީ ބަޔާން ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓާ އެކު ރައީސް އަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - މަރު ކޮމިޝަނުން ބަލާ 27 މައްސަލައިގެ ތެރެއިން މިހާތަނަށް ތަހުގީގު ނިންމައި ރިޕޯޓު ހުށަހަޅާފައިވަނީ:

  • ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގުމުގެ މައްސަލަ

  • ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ

  • ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ

އެ ކޮމިޝަނުން ތަހުގީގުކޮށް، ދައުވާ ކުރުމަށް ޝަރީއަތަށް ފޮނުވި ހަމައެކަނި މައްސަލަ އަކީ ރިލްވާން އާއި ޔާމީންގެ މަރުގެ މައްސަލަ އެވެ. އެގޮތުން:

  • އެ މައްސަލާގައި ދައުވާ އުފުލާފައިވާ ތިން މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 22ގައި ވަނީ ބޭރުކޮށްލާފައި؛ މައްސަލަ ބޭރުކޮށްލީ އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ

  • އެ މައްސަލަތައް ބޭރުކޮށްލިއިރު، އެ އެންމެން ވެސް ތިބީ ބަންދުން ދޫކޮށްލާފައި

ރިލްވާން އާއި ޔާމީން ރަޝީދުގެ މަރާ ގުޅޭ ދައުވާތައް ކޯޓުން ބޭރުކޮށްލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، މަރު ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ މެދު ސުވާލު އުފައްދައި އެ މަސައްކަތްތަކާއި ތަހުގީގީ ރިޕޯޓްތައް އާންމު ކުރުމަށް ނޫސްވެރިކަމާއި އިންސާނީ ހައްގުތަކާ ގުޅޭ މަދަނީ ހަ ޖަމިއްޔާއަކުން ސަރުކާރަށް މިފަހުން ވަނީ ގޮވާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް