ޔާމީން އާ ރިލްވާންގެ މަރަށް އިންސާފު ހޯދާދިނުމަށް ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރެއިން(ފޮޓޯ/ސޯޝަލް މީޑިއާ)

މަރު ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާއި ރިޕޯޓުތައް އާންމުކުރަން ގޮވާލައިފި

ނޫސްވެރިޔާ ރިލްވާން އާއި ބްލޮގަރު ޔާމީންގެ މަރާ ގުޅޭ ދައުވާތައް ބޭރުކޮށްލުމާއި ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކޮށް، މި މައްސަލާގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލި

ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅޭ ދައުވާތައް ކޯޓުން ބޭރުކޮށްލުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި މަރު ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ތަހުގީގީ ރިޕޯޓްތައް އާންމު ކުރުމަށް ނޫސްވެރިކަމާއި އިންސާނީ ހައްގުތަކާ ގުޅޭ މަދަނީ ހަ ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލައިފި އެވެ.

ތަފްސީލް - މިގޮތަށް ގޮވާލީ ޖަމްއިއްޔާތައް ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ. އެގޮތުން އެ ބަޔާނުގައި ބައިވެރިވެފައިވާ މަދަނީ ޖަމްއިއްޔާތަކަކީ: 

  • މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)

  •  ޓްރާންސްޕެރެންސީ މޯލްޑިވްސް

  • އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން ދަ މޯލްޑިވްސް

  •  އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ)

  • ހިއުމަން ރައިޓްސް ވޮޗް

  • ރިޕޯޓާސް ވިތައުޓް ބޯޑާސް 

ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ބޮޑެތި ކުށްތަކާ، މައްސަލަތައް އަވަހަށް ތަހުގީގުކޮށް ހޯދާ ހެކީގެ މައްޗަށް ބިނާކޮށް ދައުވާކޮށް، އިންސާފު ގާއިމުކުރުމަށް ގޮވާލާ މި ހަ ޖަމިއްޔާ ގުޅިގެން ނެރުނު ބަޔާނެއްގައި ސަރުކާރަށް މައިގަނޑު ހަތަރު ކަމަކަށް ގޮވާލާފައި ވެއެވެ. 

ތަފްސީލް - އެ ހަތަރު ކަމަކީ:

  • މިދިޔަ ސަރުކާރުން ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރުމަށް ފުރަތަމަ ދުވަހު އުފެއްދެވި މަރު ކޮމިޝަނަނުން 2018 އިން 2023 އަށް ކޮށްފައިވާ މަސައްކަތްތާއި ހިންގާފައިވާ ތަހުގީގުގެ ފުރިހަމަ މައުލޫމާތާއި ރިޕޯޓުތައް އާއްމުކުރުމަށް

  • މަރު ކޮމިޝަނުން ބަލާ މައްސަލަތަކުގައި ތަހުުގީގީ މަރުހަލާ ހަލުވިކަމާއެކު ފުރިހަމަކޮށް ދައުވާކުރަން ޖެހޭ ފަރާތްތަކާ ދެކޮޅަށް ލަސްނުވެ ދައުވާކުރުމަށް

  • އެ މައްސަލަތަކުގެ އިހުމާލުވެފައިވާ އެންމެހާ ފަރާތްތަކާއި އިދާރާތަކުގެ މައްސަލަ ވަކި މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކުރަން ފެށުމަށް

  • ރިލްވާން އާއި ޔާމީންގެ މަރާ ގުޅިގެން ދައުވާކުރި ތިން މީހުންގެ މައްޗަށް ކުރި ދައުވާތައް ކޯޓުން ބޭރުކޮށްލި ކޮށްލުން އިސްތިއުނާފް ނުކުރުމަށް ޕްރޮސިކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމި ސަބަބުތައް ހާމަކުރުމަށް

ނުބެލި ހުރި މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލުވާލެވުނު މީހުންގެ މައްސަލަ ބެލުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން(ފައިލް ފޮޓޯ ސަން)

ބުނީ ކީކޭ؟ - މަރު ކޮމިޝަނުން މިހާތަނަށް ތަހުގީގުކޮށް ދައުވާ ކުރުމަށް ޝަރީއަތަށް ފޮނުވި ހަމައެކަނި މައްސަލައަކީ، ރިލްވާން އާއި ޔާމީންގެ މަރުގެ މައްސަލަ އެވެ. އެގޮތުން:

  • އެ މައްސަލާގައި ދައުވާ އުފުލާފައިވާ ތިން މީހުންގެ މައްސަލަ ކޯޓުން މިމަހުގެ 22 ވަނަ ދުވަހު ބޭރުކޮށްލުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވޭ 

  • އެ މައްސަލަތަކުގައި މީގެ ކުރިން ދައުވާކުރި މައްސަލަތަކުގައި ވެސް ތަހުގީގީ އިދާރާތަކުން އިހުމާލުވެފައިވާކަން އެ މައްސަލަތަކުގައި ކުރެވިފައިވާ ދައުވާތަކުގެ ކޯޓު މަރުހަލާގައި މީގެ ކުރިންވެސް ފާހަގަވެފައިވާ ކަމަށް ބަޔާނުގައި ބުނި

  • އެ މީހުންގެ ދައުވާތައް ބޭރުކޮށްލުމުން، މި ފާއިތުވި އަހަރުތަކުގައި މި މައްސަލަތަކުގައި  ތަހުގީގީ މަރުހަލާގައި ކުރި މަސައްކަތްތަކާއި، ތަހުގީގީ އިދާރާތަކުން ނިންމާފައިވާ ނިންމުންތަކާމެދު ސުވާލު އުފެދޭ ކަމަށް ބަޔާނުގައިވޭ

މީގެ އިތުރުން އާއްމު މަސްލަހަތާ ގުޅިފައިވާ މިފަދަ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތާ މައްސަލައިގެ އެހެނިހެން ކަންކަން ސާފުނުވާ ގޮތަށް ސިއްރުކުރަމުން ދިޔުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރަށް ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ މައްްސަލަތައް ސިޔާސީ ފަރާތްތަކުން އަމިއްލަ ފަައިދާއަށް ބޭނުން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކަށް އިންސާފު ނުލިބުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ ބިރުވެރި މާހައުލެއް އުފެދި ނޫސްވެރިންނާ ދެކޮޅަށް ކުށްކުރާ ފަރާތްތައް އިތުރަށް ބާރުވެރި ވެގެން ދެއެވެ." ބަޔާނުގައި ވެއެވެ.

ރިލްވާން އާ ޔާމީންގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ ބޭއްވި މުޒާރާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ؛ އެ މަރުތަކަށް އިންސާފު ހޯދާދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް

އެނގުން މުހިންމު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން މަރާލުމުގެ މައްސަލާގައި މިދިޔަ އަހަރުގެ 26 ޖޫންގައި ހައްޔަރުކޮށް ޖެހިގެން އައި 1 ސެޕްޓެމްބަރުގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ:

  • އަހުމަދު އިސްމާއިލް (އަހަނދު)، މއ. ފާގަފިލާގެ، 39 - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުން އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން؛ ދައުވާތައް ކުރިއަށް ގެންދެވޭ ވަރަށް ހެކި ނެތިގެން ދައުވާތައް ބާތިލުކޮށް މިިނިވަންކުރީ މިދިޔަ މަހުގެ 12ގައި 

  • އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ)، މ. ލެގޫންވިއު، 30 - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ؛ ދައުވާތައް ކުރިއަށް ގެންދެވޭ ވަރަށް ހެކި ނެތިގެން ދައުވާތައް ބާތިލުކޮށް މިިނިވަންކުރީ މިމަހުގެ މަހުގެ 22ގައި

  • އަހްމަދު މުއާޒު (ގަޓު މުއާ)، މާލޭ ދަފްތަރު އާރުއެސް 8499، 40 - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން؛ ދައުވާތައް ކުރިއަށް ގެންދެވޭ ވަރަށް ހެކި ނެތިގެން ދައުވާތައް ބާތިލުކޮށް މިނިވަންކުރީ މިމަހުގެ 22 ގައި

މި މީހުން މިނިވަންކުރީ މިފަހުން ޓެގު އެޅުވުމަށް ފަހު ގޭބަންދަށް ދޫކޮށްލައިފައި ވަނިކޮށެވެ. 

ޕީޖީ އޮފީހުގެ ތަރުޖަމާނު އަހްމަދު ޝަފީއު 'ދައުރު'އަށް އެދުވަހު ވިދާޅުވި ގޮތުގައި ކްރިިމިނަލް ކޯޓުގެ އެ ނިންމުންތައް އިސްތިއުނާފް ނުކުރާނެ އެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން އިތުރު އެއްޗެއް އޭނާ ވިދާޅެއް ނުވެ އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ރިލްވާން އާއި ޔާމީންގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށް ބޮޑެތި ދައުވާތަކެއް އުފުލާފައިވާ އެންމެން މިނިވަން ކުރިއިރު، މި މަރަށް އިންސާފު ހޯދައިދިނުމަކީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެކަމަކު އެ މަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު، ތުހުމަތުކުރެވޭ މި އެންމެންގެ ފައިގައި ޓެގު އެޅުވުމަށް ފަހު، މިނިވަންކޮށްފައިވެ އެވެ. ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރުމަށް އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު މަރު ކޮމިޝަނެއް އުފެއްދެވި އެވެ. މި މައްސަލަ އަކީ އެ ކޮމިޝަނުން ތަހުގީގުކޮށް، ދައުވާކުރަން ފޮނުވި ފުރަތަމަ މައްސަލަ އެެވެ.

ރިލްވާންގެ މަރުގެ މައްސަލަ:

މި މައްސަލާގައި ހިމެނޭ ރިލްވާންގެ މަރުގެ ތަހުގީގީ ރިޕޯޓު މިދިޔަ އަހަރުގެ 15 ޑިސެމްބަރުގައި ރައީސް ސޯލިހަށް އަރުވާފައި ވާއިރު، މި ރިޕޯޓު އާންމުކޮށްފައެއް ނުވެ އެވެ. އެކަމަކު އެ ފަހަރު އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، ދައުވާ ކުރަން ފޮނުވާފައިވާ އެންމެންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކިތައް އެ ރިޕޯޓަށް ހޯދިފައިވާ ކަމަށެވެ. 

ކޮމިޝަނުން އެ ދުވަހު ބުނި ގޮތުން:

  • 10 އޮގަސްޓް 2014ގެ ރޭގަނޑު 10 އިން ފެށިގެން ބަޔަކު ރިލްވާންއަށް ފާރަލަމުންދިޔަ 

  • ދެ މީހަކު ވެގެން ގަދަކަމުން ރިލްވާން ކާރަކަށް އެރުވީ އޭނާ ގެއަށް ދިޔަ މަގުމަތީ ހުޅުމާލެއިން؛ އެ ކާރުގައި ތިން މީހުން ތިބިއިރު، ކާރުގެ ފަހަތުން ތިން މީހަކު ސައިކަލުގައި ދިޔަ 

  • ކާރުގައި ގަދަކަމުން ގެންގޮސް ދެން ރިލްވާން އަރުވާފައިވަނީ ޑިންގީއަކަށް؛ ޑިންގީގައި ގެންގޮސް ކަންނެލި ދޯންޏަކަށް އަރުވައި ޝަހާދަތުގެ ކަލިމަ އޭނާއަށް ލައިދީ، އޭނާގެ ކަރު ބުރިކޮށް، މަރާލުމަށް ފަހު ކަނޑުފައްތާފައިވޭ 

  • ކޮމިޝަނުން ބުނި ގޮތުން، އެކަން ކުރީ ހަ މީހެއް؛ އެ ހަ މީހުން ވެސް ސީރިއާގައި މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ 

  • ރިލްވާން ގެއްލުވާލުމުގެ ކުރިން އެތައް ބަޔަކަށް އިންޒާރުދީ، ރިލްވާންގެ މައުލޫމާތު ހޯދުމަށް ވެސް އެތައް ދުވަހެއް ވަންދެން އެ މީހުން މަސައްކަތްކޮށްފައިވޭ 

  • އެކަން އޭރު ފުލުހުންނަށް ވެސް އެނގޭ ކަމަށާއި ވަކި މަގުސަދެއް އޮވެގެން ބަޔަކު "ސީދާ މަރަން ނުވަތަ ހުއްޓުވަން" ނުކުމެ އުޅޭ ބަޔަކު އުޅޭ ކަމުގެ ސާފު މައުލޫމާތު ފުލުހުންނަށް ލިބެމުންދިޔަ

ގުޅުން ހުރި ކަމެއް - ރިލްވާން މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރިން ވެސް އުފުލި އެވެ. އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް 2018ގައި ހުކުމްކުރިއިރު، އެ ހުކުމް ވެސް އިސްތިއުނާފްކޮށްފައެއް ނުވެ އެވެ.

ޔާމީންގެ މަރުގެ މައްސަލަ:

  • 2017 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރު ޔާމީންގެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ކުރިން ދައުވާ އުފުލި

  • އެ މީހުންގެ ތެރެއިން ދައުވާ ސާބިތުވީ އެންމެ ދެ މީހުންގެ މައްޗަށް

  • އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކޯޓުން ނިންމުމުން، ޕީޖީން ވަނީ އެ މައްސަލަ އެ އަހަރުގެ އޭޕްރީލްގައި ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް