ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ހޯމަ ދުވަހުގެރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހަރަކާތުގައި ވިލިނގިލި ދާްއިރާއަށް އިންތިހާބުވެވަޑައިގެންެވި އާޒިމް، ރައީސްއާ ސަލާމް ކުރައްވަނީ (ފައިލް ފޮޓޯ/ ޕީއެންސީ)

ވިލިނގިލި ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބުވި އާޒިމް، ޕީއެންސީއަށް ސޮއިކޮށްފި

ސަރުކާރުން މި އިންތިހާބުގައި އާޒިމްއަށް ތާއީދުކޮށްފައި ނުވޭ

އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވިލިނގިލި ދާއިރާއަށް ވާދަކޮށް އެ ގޮނޑި ކާމިޔާބު ކުރެއްވި އާޒިމް އަބްދުލް އަޒީޒް، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް އިއްޔެ ސޮއިކުރައްވައިފި އެވެ.

ވީ ކިހިނެއް؟ -  ސިޔާސީ ދާއިރާއަށް އަލަށް ނުކުމެވަޑައިގެންނެވި އާޒިމް އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެެއްވީ ޕީއެންސީގެ ޓިކެޓްގައި ނުކުންނެވި ޔަޒްމީދު މުހައްމަދުއާ ވާދަކޮށްގެންނެވެ. ޔަޒްމީދު އަކީ، ރައީސް މުއިއްޒު ތާއީދު ކުރެއްވި ކެންޑިޑޭޓެވެ.

ތަފްސީލު - އިއްޔެގެ ވަގުތެއްގައި އާޒިމް ޕީއެންސީއަށް ސޮއިކުރެއްވީ ރައީސް މުހައްމަދު މުއިއްޒުގެ ކުރިފުޅު މަތީގައިކަން އޭނާގެ ކެމްޕެއިން ޓީމުގައިސް އިސްކޮށް އުޅުއްވި ދެ ބޭފުޅަކު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

އާޒިމް އަމިއްލަ ގޮތުން ވާދަ ކުރެއްވީ، ޖެނުއަރީ މަހު ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ އެކު އެވެ. އާޒިމްއާ ވާދަކުރައްވައި ޓިކެޓް ހޯދެއްވީ ޔަޒްމީދެވެ.

ކެމްޕެއިން ކުރީކޮޅު ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ބުނަމުން އެއީ ދެ ބޭފުޅުންނަކީ ވެސް "ސަރުކާރު ކެންޑިޑޭޓު" ކަމަށެވެ. ނަމަވެސް ކޯޅުން ބޮޑުވެ، އެންމެފަހުން ރައީސް މުއިއްޒު އާއި ކެބިނެޓް ވަޒީރުން ވެސް ކެމްޕެއިންނަށް ނުކުންނަވައި ޔަޒްމިދަށް ތާއީދު ކުރައްވާކަން ހާމަ ކުރެއްވި އެވެ.

ޔަޒްމީދުގެ ކެމްޕެއިން ޖަލްސާގައި ރައީސް ދެއްކެވި ވާހަކަ އިތުރަށް ކިޔާލަން

މުޅި ސަރުކާރު ޔަޒްމީދަށް އޭރު ތާއިދު ކުރަމުން ގެންދެވި ނަމަވެސް، ދާއިރާގެ އިންތިހާބީ މަގާމުތަކުގައި ތިބި ޕީޕީއެމްގެ ގިނަ ބޭފުޅުންގެ ތާއީދު އޮތީ އާޒިމްއަށެވެ. އޭގެ ތެރޭގައި އަތޮޅު ކައުންސިލްގެ ރައީސް އާއި ރަށު ކައުންސިލް ރައީސް އަދި ދާއިރާގެ ރައީސް ހިމެނިވަޑައިގަންނަވަ އެވެ.

ވިލިނގިލި ދާއިރާގެ ވަގުތީ ނަތީޖާ:

  • އާޒިމްއަށް ލިބިވަޑައިގެންެވީ، 1،170 ވޯޓު

  • ޕީއެންސީގެ ކެންޑިޑޭޓު ޔަޒުމީދަށް ލިބިވަޑައިގެންނެވީ، 1،001 ވޯޓު

  • އެ ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގީކީ، 169 ވޯޓު

  • ތިން ވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރެއްވި މިހާރުގެ މެންބަރު ސައުދު ހުސައިންއަށް ލިބިވަޑައިގެންނެވީ، 240 ވޯޓު

އެންޓި- ޑިފެކްޝަން ގާނޫނުގައި ބުނަނީ ކީކޭ؟

މެންބަރުން ގަނެވިއްކުން ހުއްޓުވުމުގެ ނަމުގައި އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅައިގެން ފާސް ކުރި އެންޓި-ޑިފެކްޝަން ބިލު ރައީސް މުއިއްޒު މި މަހު 16 ވަނަ ދުވަހު ތަސްދީގުކުރުމާ އެކު ވަނީ ގާނޫނަކަށްވެފަ އެވެ.

އެ ގާނޫނުގައިވާ ފަސް ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން ހަތް ދުވަސް ތެރޭގައި އިލެކްޝަންސް ކޮމިޝަން(އީސީ)އިން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަން ޖެހެ އެވެ. އަދި އީސީން އެކަން އަންގާ ދުވަހުން ފެށިގެން، އެމީހަކު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ ކަމަށް ގާނޫނުގައިވެ އެވެ. 

ގާނޫނުގައި އެ އިބާރާތްް ލިޔެފައިވާ ގޮތުން އިސްތިއުފާ ދިނުމަކީ މެންބަރަށް އޮންނަ އިހްތިޔާރެކެވެ. އަދި މިގޮތަށް އިސްތިއުފާ ދޭން ވާނެ ކަމަށް ބަޔާން ކުރަނީ، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ޕާޓީ ބަދަލު ކުރާނަމަ ކަމަށް ވެސް ގާނޫނުގައި ބުނެ އެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި 20 ވަނަ މަޖިލީހަށް އިންތިހާބުވި މެންބަރުންގެ ދައުރު ފެށެނީ އަންނަ މަހު 28ގަ އެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅިއިރު، އެންމެ ފުރަތަމަ އޮތީ ޕާޓީ ބަދަލު ކުރާ ހާލަތުގައި ގޮނޑި ގެއްލޭނެ ގޮތަށެވެ. ނަމަވެސް އެ އިސްލާހަކީ ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހެއްކަމުން ފަހުން އެމްޑީޕީން ކޮމިޓީ މަރުހަލާގައި އެ ބިލުގެ އިބާރާތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. ސަބަބަކީ، މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގައިކަމަށް ވުމުންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - އަމިއްލަ ގޮތުން ވާދަކުރައްވާ ވިލިނގިލީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އާޒިމް، ޕީއެންސީއަށް ސޮއިކުރއްވިއިރު ނައިފަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޔާސީން އަބްދުﷲ ވެސް އިއްޔެ ވަނީ އެ ޕާޓީއަށް ސޮއި ކުރައްވާފަ އެވެ. 

އެހެން ކަމުން މިހާރު ސީދާ ޕީއެންސީގެ މެންބަރުންގެ ގޮތުގައި 68 މެންބަރުން 20 ވަނަ މަޖިލީހުގައި ތިބޭނެ އެވެ. އަދިވެސް އަމިއްލަ ގޮތުން ވާދަ ކުރެެއްވި ބައެއް މެންބަރުން ޕީއެންސީއާ ގުޅޭނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް