ރައީސް މުހައްމަދު މުއިއްޒު ބިލެއް ތަސްދީގު ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރައްވައިފި

މި ބިލު ރައީސް ތަސްދީގުކުރައްވާފައި މި ވަނީ ބިލު މަޖިލީހުން ރައީސް އޮފީހަށް ފޮނުވިތާ 15 ވަނަ ދުވަހު

ޕާޓީގެ ޓިކެޓުގައި ރައްޔިތުން މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވާ މެންބަރުން ޕާޓީ ބަދަލުކުރުމުން މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ރައްޔިތުން މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ ބިލު މަޖިލީހުން ފާސް ކުރިތާ ދެހަފްތާއެއްހާ ދުވަސްވީއިރު ވެސް ބިލު ފާސް ކުރުން ލަސްވެފައި ވާތީ ސިޔާސީވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް މިއަދު އެ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވިކަން ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ ހާމަ ކޮށްފަ އެވެ.

ބުނީ ކީކޭ؟ - ރައީސް އޮފީހުން ބުނީ ރައީސް އެ ބިލް ތަސްދީގުކުރެއްވުމާ އެކު އެ ގާނޫނު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައި ކަމަށެވެ. އަދި އެއާ އެކު މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. 

ތަފްސީލު - މެންބަރުން ގަނެވިއްކުން ހުއްޓުވުމުގެ ބޭނުމުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް މިދިޔަ ފެބްރުއަރީ މަސް ތެރޭ ހުށަހަޅައި މި މަހު އެއް ވަނަ ދުވަހު 33 މެންބަރުންގެ ވޯޓާއެކު ބިލު ފާސްކުރީ އެންމެ ފަހުން ގޮނޑި ގެއްލުމަކީ އިހުތިޔާރީ ކަމަކަށްވާ ގޮތަަށެވެ. ބިލު މަޖިލީހަށް ހުށަހެޅިއިރު، ޕާޓީ ބަދަލު ކުރާ ހާލަތުގައި ގޮނޑި ގެއްލޭނެ ކަމަށް އެ ބިލުގައި ބުނެ އެވެ.

އެގޮތުން މިހާރު ގާނޫނުގައި އޮތް ގޮތުން އިސްތިއުފާ ދޭން ޖެހޭ ހާލަތްތަކުގެ ގޮތުގައި އޮތީ ބިލު ހުށަހެޅި އިރު ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ މައިގަނޑު ތިން ހާލަތެވެ. އެއީ:

  • ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުން

  • އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން

  • އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން

އެ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު "މެންބަރުކަމުން އިސްތިއުފާ ދޭންވާނެ" ކަމަށް ގާނޫނުގައި ބުނެ  އެވެ. އިހުތިޔާރީ ކަމެއްގެ ގޮތުގައި އެ އިިބާރާތް ލިޔެފައިވާއިރު، އިސްތިއުފާ ނުދީފި ނަމަ އަމަލު ކުރާނެ ގޮތެއް ބަޔާންކޮށްފައެެއް ނުވެ އެވެ.

އޭގެ އިތުރުން، ކޮމިޓީ މަރުހަލާގައި ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި  ޕާޓީން އެ މެންބަރަކު ވަކިކުރާ ހާލަތުގައި އަމަލު ކުރާނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން:

  • އިންތިހާބުވި ޕާޓީން އެ މެންބަރުންގެ ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރާ ތާރީހުން ފެށިގެން ހަތް ދުވަސް ތެރޭ އެ ނިންމުމަކާ ގުޅޭ ގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވޭ 

  • އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަހަނާޅާ ނަމަ އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ

  • އަދި އެ މެންބަރަކު ޕާޓީން ވަކިކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި ނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ 

މަޖިލިސް މެންބަރުންގެ އިތުރުން، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ވެސް މިފަދަ ހާލަތްތަކުގައި އިސްތިއުފާ ދޭން ވާނެ ކަމަށް ގާނޫނުގައި ބުނެ އެވެ.

އެނގުން މުހިންމު - މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާން ކުރަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގަ އެވެ. އިންތިހާބުވާ ޕާޓީ ބަދަލު ކުރުމާއި އެ ޕާޓީއަކުން ވަކިވުމުން، ގޮނޑި ގެއްލޭނެ ކަމަކަށް އެ މައްދާގައި ބަޔާންކޮށްފައެއް ނުވެ އެވެ.

ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެންޓި ޑިފެކްޝަން ބިލެއްގައި ގޮނޑި ގެއްލޭނެ ކަމަށް ބަޔާން ކުރެވޭނީ ގާނޫނުއަސާސީއަށް އެ ގޮތަށް އިސްލާހު ގެނެސްގެންނެވެ.

ކޮމެންޓް (4)

profile-image-placeholder

ސަމަރޭ

16 އޭޕްރީލު 2024
އަހަރެން ހީކުރިން ރައިސް މުއިއްޒު މިބިލް އަބުރާ ފޮނުވާލާނެކަމަށް، އިސްތިއުފާ ދިނުން އެއީ އިޚްތިޔާރީ ކަމަކަށް އޮތިމުން، ކޮބާ އިހުލާސްތެރިކަން، ހުސް އެއްކަހަލަ މީހުން

ފީލިންގ

17 އޭޕްރީލު 2024
@ސަމަރޭ އެއީ އިޚުތިޔާރީ ކަމަކަށް އޮތީކީއެއް ނޫން. އެއީ ގާނޫނުތަކުގައި ލިޔެއުޅޭ ބަހުރުވަ. "ކުރަން ޖެހޭނެ" ގާނޫނުގައި މިގޮތަކަށް ނުލިޔާނެ. ލިޔާނީ "ކުރަން ވާނެ" މިހެން. އެހެން އޮތަސް އެކަމެއް ނުކޮށްފިއްޔާ އެ ގާނޫނަކާ ޚިލާފުވީކަމަށް ބަލައި ފިޔަވަޅު އެޅޭނެ. ކޯޓަށްވެސް ދެވޭނެ. ސާފު؟

ނޮޓްފީލިންގް

17 އޭޕްރީލު 2024
@ފީލިންގ މިއަކު ނެތް އެހާލަތު އައިސްފިނަމަ އަޅާނެ ފިޔަވަޅެއް ! ނަމަކަށް ކަމެއްކޮއްލީ !

ހަމަ ބުނެލި

18 އޭޕްރީލު 2024
@ފީލިންގ ރައިސް އިނޮސެންޓް ކޮށްލީ ދޯ؟ ބަލަން ހުންނައްޗޭ ޕާޓީ ބަދަލު ކުރާމެމްބަރުން، އިސްތިއުފާދޭތޯ؟ އަދި ނުދީފިނަމަ ފިޔަވަޅު އަޅާތޯ؟ ދުވާލާ ރޭގަޑު ވަކިވާ މީހަކަށް ވިއްޔާ އެގޭނެ މިބިލްގަ މިއޮތް ގޮތުން އެކަން އެގޮތަށް ނުހިނގާނެކަން!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް