ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފައިލް ފޮޓޯ/ޕީއެންސީ)

ސަރުކާރު ކެންޑިޑޭޓުން ނުކުތީ ޕާޓީ ޓިކެޓުގައި، ހިޔާލުތަފާތުވުމުގައި ގޮނޑި ގެއްލުނަ ނުދީ: ރައީސް

ރައީސް އެދިވަޑައިގެންނެވީ އެކަތިގަނޑަކަށް ވެގެން ރައްޔިތުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް
4 އޭޕްރީލު 2024

'ސަރުކާރު ކެންޑިޑޭޓުން' ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވާދަކުރައްވާނީ ޕީއެންސީގެ ޓިކެޓުގައި ކަމަށް ވިދާޅުވެ، ޕާޓީ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން އިންތިހާބުގައި ގޮނޑި ގެއްލުމުގެ ފުރުސަތު ނުދިނުމަށް ރައީސް މުހައްމަދު މުއިއްޒު ރޭ އިލްތިމާސް ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ވިލިނގިލީގައި ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޔަޒްމީދު މުހައްމަދުގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޕީއެންސީގެ ޕްރައިމަރީގެ ތެރޭގައި އުފެދުނު މައްސަލަތަކަށް އިޝާރާތް ކުރައްވާ، މިދިޔަ ދެތިން ހަތަރު މަހު ޕާޓީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ދޫކޮށްލައްވަން އެދިވަޑައިގެންނެވި އެވެ.

އެ މައްސަލަގަނޑުގެ ތެރެއިން ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ އިތުރުން ވެސް، ސަރުކާރު ކެންޑިޑޭޓުން ކަމަށް ބުނެ އަމިއްލަ ގޮތުން ބައެއް ދާއިރާތަކަށް ބޭފުޅުން ކުރިމަތިލައްވާފައިވެ އެވެ. ޓިކެޓު ލިބުނު ކެންޑިޑޭޓުންގެ ބަދަލުގައި ރައީސް މުއިއްޒުގެ ތާއީދު އޮންނެވީ އަމިއްލަ ގޮތުން ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ކަމަށް އަޑު ފެތުރި، އެކަމުގެ ސަބަބުން ބައެއް ދާއިރާތަކަށް ވާދަކުރައްވާ 'ސަރުކާރު ކެންޑިޑޭޓު' ނޭނގޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވިލިނގިއްޔަކީ ވެސް އެފަދަ ދާއިރާއެކެވެ.

ބުނީ ކީކޭ؟ - މިރޭގެ ޖަގަހަ ހުޅުވުމުގެ ޖަލްސާގައި، ވިލިނގިލި ދާއިރާގެ ސަރުކާރު ކެންޑިޑޭޓަކީ ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ޔަޒްމީދު ކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެއާ އެކު ރައީސް އިލްތިމާސް ކުރެއްވީ ހުރިހާ ރައްޔިތުން ވެސް އެކަތިގަނޑަކަށްވެ، އޭނާއަށް ވޯޓު ދިނުމަށެވެ.

"އަޅުގަނޑުމެން އަތުގައި ހުރި ގޮނޑިތަކެއް، ވިލިނގިލި ފަދަ [ގޮނޑިތަކަކީ]. ދޫކޮށްލަންވީ ސަބަބެއް ނެތް. ދޫކޮށްލަންވީ ސަބަބެއް ނެތް. އެކަން ނުކުރައްވަވާ،" ރައީސް ވިދާޅުވި އެވެ.

ވިލިނގިއްޔެކޭ އެއްފަދައިން، ސަރުކާރު ކެންޑިޑޭޓު ކަމަށް ބުނެ އިތުރު ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާ ޅ. ނައިފަރު ދާއިރާ ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ހާއްސަކޮށް ފާހަގަކުރެއްވި އެވެ. އަދި އެ ދާއިރާއަށް ނިސްބަތްވާ ރައްޔިތުން ވެސް ޕީއެންސީ ޓިކެޓުގައި ނުކުންނަވާފައިވާ ކެންޑިޑޭޓަށް ވޯޓު ދޭން އެދިވަޑައިގެންނެވި އެވެ.

"ނައިފަރު ދާއިރާގައި އަޅުގަނޑުގެ ކެންޑިޑޭޓަކީ [ހަސަން] ބާސް [އަލީ]. އަޅުގަނޑުމެންގެ ޕްރައިމަރީ ކާމިޔާބު ކުރި، އަޅުގަނޑުމެންގެ ފުރިހަމަ އިތުބާރު، %100 އިތުބާރު އޮތް ކެންޑިޑޭޓަކީ ބާސް،" ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެތަނުން އެހެން ބޭފުޅަކު އަޅުގަނޑުމެންގެ ތެރެއިން ނުކުމެވަޑައިގެން މަސައްކަތް ކުރީމަ އަޅުގަނޑުމެންގެ ޒަމާންވީ، އަބަދުވެސް އަޅުގަނޑުމެންނަށް ލިބޭ ގޮނޑިއެއް އެމްޑީޕީއަށް ނޫންތޯ ދާނީ؟"

ވޯޓު ބެހިގެން ދިޔުމުގެ ކަންބޮޑުވުން ފާޅުކުރައްވާ، ރައީސް ވިދާޅުވީ، ކަންކަން މިހާރު ދަނީ އެމަގުން ކަމަށެވެ. އެހެން ނުހެދުމަށް ތަކުރާރުކޮށް ނައިފަރު ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

ވިލިނގިއްޔާއި ނައިފަރު ދާއިރާގެ އިތުރުން ވެސް، ހިޔާލުތަފާތުވުންތަކުގެ ސަބަބުން ޕީއެންސީގެ ތެރެއިން އިތުރު ކެންޑިޑޭޓުން ނުކުމެފައިވާ ދާއިރާތައް އެބަހުރި ކަމަށް ވެސް ރައީސް އެއްބަސްވެވަޑައިގެންނެވި އެވެ.

ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ އެ ޕާޓީގެ ޓިކެޓުގައި ނުކުމެވަޑައިގެންފައިވާ ކެންޑިޑޭޓުންނާ އެކު މިރެއިން ފެށިގެން ހުރިހާ ރައްޔިތުން އެކަތިގަނޑަކަށް ވެވަޑައިގަންނަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވި އެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ހިޔާލުތަފާތުވުންތަކުގެ ތެރެއިން ސަރުކާރަށް ލިބެން ހުރި ގޮނޑިތައް ގެއްލުމަކީ 'އެފޯޑު' ކުރެވޭނެ ކަމެއް ނޫނެވެ.

ސަރުކާރު ކެންޑިޑޭޓުން ތިއްބާ، ސަރުކާރު ކެންޑިޑޭޓް ކަމަށް ބުނެ އެހެން ކެންޑިޓޭޓުން އިންތިހާބުގައި ވާދަކުރުމަށް ތާއީދު ހޯދުމުގެ މަސައްކަތް ނުކުރެއްވުމަށް ރައީސް މުއިއްޒު މީގެ ކުރިން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވެސް އިލްތިމާސް ކުރެއްވާފަައިވެ އެވެ.

ފާހަގަކޮށްލެވޭ - ޕާޓީ ޕްރައިމަރީ ބާއްވާ، ކެންޑިޑޭޓުންނާ ޓިކެޓު ހަވާލުކޮށްފައިވަނިކޮށް ރައީސްގެ ފޮޓޯ ޖަހައިގެންނާއި ޕީޕީއެމް-ޕީއެންސީގެ ލޯގޯ އާއި ކުލަތައް ބޭނުންކޮށްގެން އެހެން ކެންޑިޑޭޓުން ކެމްޕޭން ކުރާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި ރައީސްގެ ތާއީދު އޮތް ކަމަށް ބުނެ އެއް ދާއިރާއަކުން ދެތިން ކެންޑިޑޭޓުން ވެސް ކެމްޕޭން ކުރަމުން އެބަ ގެންދެ އެވެ.

އެކަމާ ގުޅިގެން 'ސަރުކާރު ކެންޑިޑޭޓުން'ނަކީ ކޮން ބައެއްކަން ސާފުކޮށްދޭން އެދުމުން ޕީއެންސީގެ މަޖިލިސް ކެމްޕޭން ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރު ކެންޑިޑޭޓުންނަކީ ކޮބައިކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް