ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ހޯމަ ދުވަހުގެރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހަރަކާތުގައި ނައިފަރު ދާްއިރާއަށް އިންތިހާބުވެވަޑައިގެންެވި ޔާސީން، ރައީސްއާ ސަލާމް ކުރައްވަނީ (ފައިލް ފޮޓޯ/ ޕީއެންސީ)

ޅ. ނައިފަރު

ނައިފަރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބުވި ޔާސީން، ޕީއެންސީއަށް ސޮއިކޮށްފި

ސަރުކާރުން ޔާސީންއަށް ތާއީދުކޮށްފައި ނުވޭ

އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ނައިފަރު ދާއިރާއަށް ވާދަކޮށް އެ ގޮނޑި ކާމިޔާބު ކުރެއްވި ޔާސީން އަބްދުﷲ، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް އިއްޔެ ސޮއިކުރައްވައިފި އެވެ.

ވީ ކިހިނެއް؟ -  ޅ. އަތޮޅު ކައުންސިލް ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޔާސީން، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެެއްވީ ޕީއެންސީގެ ޓިކެޓްގައި ނުކުންނެވި ހައްސާން އަލިފުޅުއާ (ބާސް)އާ ވާދަކޮށަްގެންނެވެ.  ހައްސާން އަލިފުޅަކީ ރައީސް މުއިއްޒު ތާއީދު ކުރެއްވި ކެންޑިޑޭޓެވެ.

ތަފްސީލު - ރައީސް މުއިއްޒުގެ ކުރިފުޅުމަތީ، ޔާސީން ޕީއެންސީއަށް ސޮއިކުރެއްވީ އިއްޔެގެ ވަގުތެއްގަ އެވެ. އެކަން ޔާސީންގެ އިންތިހާބީ އެޖެންޓް، ޒަކަރިއްޔާ ރިމްޒާން ކަށަވަރުކޮށްދެއްވަ އެވެ.

"ސޮއިކުރެއްވީ، ރައީސް މުއިއްޒު އަރިހުގައި ރައީސް އެދިލެއްވި ގޮތަށް ޝަރުތަކާ ނުލާ. ބޭނުންވަނީ ނައިފަރަށް ތަރައްގީ [އަދި] ހުއްޓިފައިވާ ނައިފަރު ތަރައްގީ ހަލުވިކޮށް ވައުދުވެފައިވާ ކަންކަން ވަގުތުން ފެށުން،" ރިމްޒާން އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.

"ފުރަތަމަ ދުވަހުވެސް ބުނީން ޝައްކު ވެސް ނުކުރައްވާށޭ، ޔާސީން އަބްދުﷲ ގޮނޑި ރައީސް ޑރ. މުއިއްޒުއަށް ވެދުމަށް އަރުވާނަމޭ."

ނައިފަރު ދާއިރާގެ ވަގުތީ ނަތީޖާ:

  • ޔާސީންއަށް ލިބިވަޑައިގެންެވީ، 1،038 ވޯޓު

  • ޕީއެންސީގެ ކެންޑިޑޭޓު ހައްސާނަށް ލިބިވަޑައިގެންނެވީ،880 ވޯޓު

  • އެ ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގީކީ، 158 ވޯޓު

  • އެމްޑީޕީގެ ކެންޑީޑޭޓް އަހުމަދު ޔާސިރުއަށް ލިބިވަޑައިގެންނެވީ، 905 ވޯޓު

ހައްސަން އަލިފުޅަށް ރައީސް ރަސްމީކޮށް ތާއީދު ކުރެއްވި ޖަލްސާގައި ދެއްކެވި ވާހަކަ ކިޔާލަން

ފާހަފަކޮށްލެވޭ ކަމެއް - ފެށުނީއްސުރެ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޔާސީންއަށް އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުވެސް ލިބިވަޑައިގެންނެވީ، އެޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވައިގެންނެވެ. ނިމިގެން ދިޔަ ހުރިހާ އިންތިހާބެއްގައި ވެސް ނައިފަރު ފާހަގަވެފައިވަނީ ޕީޕީއެމް-ޕީއެންސީ ފިކުރުގެ ރަށެއްގެ ގޮތުގަ އެވެ. މަޖިލީހުގެ މިދިޔަ ދެ ދައުރުގައި އެ ދާއިރާގެ ގޮނޑި ފުރުއްވީ، ޕީޕިއެމްގެ ނައިބު ރައީސް އަދި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެވެ.

އެންޓި- ޑިފެކްޝަން ގާނޫނުގައި ބުނަނީ ކީކޭ؟

މެންބަރުން ގަނެވިއްކުން ހުއްޓުވުމުގެ ނަމުގައި އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅައިގެން ފާސް ކުރި އެންޓި-ޑިފެކްޝަން ބިލު ރައީސް މުއިއްޒު މި މަހު 16 ވަނަ ދުވަހު ތަސްދީގުކުރުމާއެކު ވަނީ ގާނޫނަކަށްވެފަ އެވެ. އެ ގާނޫނުގައިވާ ފަސް ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން ހަތް ދުވަސް ތެރޭގައި އިލެކްޝަންސް ކޮމިޝަން(އީސީ)އިން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެ ކަމަށް ގާނޫނުގައިވެ އެވެ. އަދި އީސީން އެކަން އަންގާ ދުވަހުން ފެށިގެން، އެމީހަކު މަޖިލީޙުގެ މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ ކަމަށް ގާނޫނުގައިވެ އެވެ. 

ގާނޫނުގައި އެ އިބާރާތްް ލިޔެފައިވާ ގޮތުން އެއީ، އެ މެންބަރަށް އޮންނަ އިހްތިޔާރެކެވެ. އަދި މިގޮތަށް އިސްތިއުފާ ދޭން ވާނެ ކަމަށް ބަޔާން ކުރަނީ، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ޕާޓީ ބަދަލު ކުރާނަމަ ކަމަށްވެސް ގާނޫނުގައި ބުނެ އެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި 20 ވަނަ މަޖިލީހަށް އިންތިހާބުވި މެންބަރުންގެ ދައުރު ފެށެނީ އަންނަ މަހު 28ގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް