މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ނަޝީދު މަޖިލީހުގެ ތަޅުމުގައި (ފޮޓޯ/ ނަޝީދު)

މެންބަރުކަމުން އިސްތިއުފާ ނުދީ ނަޝީދުގެ އެދިވަޑައިގަތީ މުސާރަ އުނިކޮށްދޭން

ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވުމަށް ސިޔާސީ މަސައްކަތުން ފެޔަށް ޖެހިވަޑައިގެންފައިވާ ކަމަށް ނަޝީދު ވަނީ މީގެ ކުރިން އިއުލާނު ކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މެންބަރުކަމުން ވަކިނުވެ، ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް ؟ - ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ އަދާކުރައްވަން ގާނާ އަށް ދިިރިއުޅުން ބަދަލުކުރައްވާފައިވާ ނަޝީދު މިއަދު ވަނީ އެމަނިކުފާނަށް މަޖިލިސް މެންބަރުކަމުން ލިބޭ މުސާރަ އުނިކޮށްދެއްވުމަށް އެދި މަޖިލިސް ރައީސް މުހައްމަދު އަސްލަމް އަށް އެޑްރެސް ކުރައްވައި ސިޓީއެއް ފޮނުއްވައިފަ އެވެ.

ތަފްސީލް - ނަޝީދުގެ ސިޓީގައި ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނެވީ ސީވީއެފްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގާނާގައި ކަމަށާއި އެކަމާ ގުޅޭ ކަންތައްތަކުގައި ގިނަ ވަގުތު ހޭދަވާ ކަމަށެވެ.

"އެގޮތުން މި މަސައްކަތް ވެސް ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ހަމަޖައްސަންޖެހޭ އެތައް ކަމެއް ކުރެވި، މި މާޗު މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމެންޓުން ވަނީ ސީވީއެފް ސެކްރެޓޭރިއޭޓާ ބެހޭ ގަރާރު ފާސްކޮށްފަ އެވެ. ވުމާ އެކު އަޅުގަނޑު މި ދެކެނީ މާތްﷲގެ ވާގިފުޅާ އެކު އެންމެހާ ކަންކަން އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ،" އަސްލަމް އަށް އެޑްރެސްކުރައްވައި ނަޝީދު އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ފާހަގަ ކުރެވޭ - ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވުމަށް ސިޔާސީ މަސައްކަތުން ފެޔަށް ޖެހިވަޑައިގެންފައިވާ ކަމަށް ނަޝީދު ވަނީ މީގެ ކުރިން އިއުލާނު ކުރައްވައިފަ އެވެ. ނަމަވެސް އެމަނިކުފާނު އަދި ވެސް ހުންނެވީ މަޖިލިސް މެންބަރެއްގެ މަގާމުގަ އެވެ. މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފައެއް ނުވެ އެވެ.

ކޮމެންޓް (1)

ސައިމާ

1 އޭޕްރީލު 2024
އައްޗިކޮށް ނޫޅުއްވާ އިސްތިއުފާދެއްވާ. އެއީ މަނިކުފާނު ނުހަނު ފަރިތަވެސް ކަމެއް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް