ކުރީގެ ރައީސް ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/މަޖިލީސް)
ނަޝީދު ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެންފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ދާއިރާއާ ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެންނެވިކަން ދެންމެ އިއުލާން ކުރައްވައިފި އެވެ.
ތަފްސީލް - ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ، މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު ނަޝީދު އެކަން ހާމަކުރައްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސިޔާސީ މަސައްކަތާ ދުރަށް ވަޑައިގަންނަވަނީ އަހަރުތަކަކަށް ކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށެވެ.
ނަޝީދު ސިޔާސީ ދާއިރާއާ ވަގުތީގޮތުން ދުރަށް ޖެހިވަޑައިގަންނަވާ ސަބަބެއް ކަމަށް ވިދާޅުވީ:
-
ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނަރަލްކަން ކުރެއްވުމަށް
-
ކުރިއަށް އޮތް ޖަނަވަރީ މަހުން ފެށިގެން އެ ވަޒީފާ އަދާކުރަން ފައްޓަވާނެ
-
ނަޝީދު ވިދާޅުވީ މި ޖަމާއަތުގެ ވަޒީފައި ހުންނަވައިގެން ރާއްޖެއަށް ހިދުމަތް ކޮށްދެވޭ މިންވަރު އިންތިހާއަށް ތަނަވަސްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް
ނަޝީދުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، ސިޔާސީ މަސައްކަތުގައި ނުހަނު އަނިޔާ އާއި ހިތާމަވެރިކަމާއި އެކަނިވެރިކަން ލިިބިފައިވާ ކަމަށެެވެ. އަދި އަނިޔާގައި ޖަލުގައި އޮންނަންޖެހި އާއިލާއާ ދުރުގައި އުޅެންޖެހި މުޅި ހަޔާތް "ބަރުބާދުވެފައިވާ" ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ބޮމުގެ ހަމަލާއެއްގައި މަރުގެ ތުންފަތް މައްޗަށް ހުށަހެޅުނުކަން ވެސް ފާހަގަކުރެއްވި އެވެ.
"ނަމަވެސް މި މަސައްކަތުގައި އަޅުގަނޑަށް ނުހަނު އުފާވެރިކަމާއި ހިތްހަމަޖެހުން ވެސް ލިބިފައިވެ އެވެ. އަޅުގަނޑުގެ ބޮލުގައި އެޅިދިޔަ ކޮންމެ މަޅިއެއް ވަނީ މާފައްޗަކަށް ބަދަލުވެފަ އެވެ. މިކަމަށްޓަކައި މާތް ރަސްކަލާނގެއަށް އިންތިހާއަށް ކުއްތަންވަމެވެ. ޝުކުރު ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ ދާއިރާގައި އެ މަނިކުފާނު އެންމެ ބޮޑަށް މަސައްކަތްކުރެއްވީ، ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ފައްކާކުރުމަށް ކަމަށެވެ. އަދި ރާއްޖެއަކީ އިސްލާމީ އުސޫލުތައް ހިފަހައްޓައި، އިންސާނީ ހައްގުތަކަށް އިހުތިރާމުކުރާ، ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރުވެފައިވާ ތަނަަކަށް ހެދުމުގެ މަސައްކަތް ވެސް ކުރައްވާފައިވާނެ ކަމަށާއި އެކަންކަން މިހާރު ކުރިއަށް ވުރެ ރަނގަޅުވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ނަޝީދުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ:
-
ރާއްޖޭގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ވީ މިންވަރަކުން ވާނީ ހިދުމަތް ކޮށްދީފައި
-
ރައީސްކަމުގައި އެންމެ ބޮޑަށް މަސައްކަތްކުރީ އިޖުތިމާއީ ރައްކާތެރިކަން ހޯދާދިނުމުގެ ނިޒާމަކާއި ޓެކްސްގެ ނިޒާމެއް ގާއިމުކުރުމަށް؛ މި ދެ ކަންތައް ވަނީ ކޮންމެވެސް މިންވަރަކަށް ފުރިހަމަވެފައި
-
ތިމާވެށި ރައްކާތެރިކުރުމަށް މަޖިލީހުން އެކުލަވާލި ގާނޫނުތައް ފާސްވެފައި ވުމަކީ ލިބޭ އުފަލެއް
-
ނަމަވެސް ފަރުތަކާއި ތިމާވެއްޓަށް ގެއްލުންދެނިވި ކަންކަން ހިނގާކަމީ ލިބޭ ދެރައެއް؛ އުންމީދަކީ މި ކަންކަން ވެސް އިސްލާހުވުން
"ދައުލަތުގެ ހަރަދަށް ޒިންމާވުމާއި އަދި ވެރިންގެ ހިޔާނާތްތެރިކަމުން ރާއްޖެ މިންޖުކުރުމަށް ކުރި އުންމީދު ހަގީގަތަކަށް ބަދަލުނުވާކަމީ ބޮޑު ހިތާމައެކެވެ. އަޅުގަނޑުގެ އުންމީދަކީ ދިވެހި ސަރުކާރާއި، ވެރިން ޖަވާބުދާރީ ކުރުމުގެ މަސައްކަތް އަންނާން އޮތް ޖީލުތަކުގެ މީސްތަކުން ކުރުމެވެ،" ނަޝީދުގެ ބަޔާނުގައި ވެ އެވެ.