ކުރީގެ ރައީސް ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ މަޖިލީސް)

އަންނަ މަހު ނަޝީދު އާ މަގާމާ ހަވާލުވާ އިރު، މެންބަރުކަމުން އަދި އިސްތިއުފާ ނުދެއްވާ

ގާނޫނުއަސާސީގައިވާ ގޮތުން މަޖިލިސް މެންބަރަކަށް ދައުލަތުގެ އެހެން މަގާމެއް ނުފުރުއްވޭނެ

ކްލައިމެޓް ވަލްނަރަބަލް ފޯރަމް(ސީވީއެފް)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމާ ރަސްމީކޮށް އަންނަ މަހު ހަވާލުވެވަޑައިގަންނަވާ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، މަޖިލިސް މެންބަރު ކަމުން އަދި އިސްތިއުފާ ނުދެއްވާ ކަމަށް މަޖިލިސް އިދާރާއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އަންނަ މަހު ނަޝީދު، އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލްގެ މަގާމާ ހަވާލުވަޑައިގަންނަވާ އިރު، އެމަނިކުފާނުގެ މަޖިލިސް މެންބަރުގެ ކަމުގެ ފަސް އަހަރު ދައުރުގައި އަދި ބާކީ ހަ މަސް ދުވަސް އެބަ އޮތެވެ. މިހިނގާ 19 ވަނަ ވަނަ މަޖިލީހުގެ މެންބަރުން 28 މެއި 2019ގައި މެންބަރުކަމުގެ ހުވާ ކުރައްވާފައިވާ އިރު، ދައުރު ނިމޭނީ އަންނަ އަހަރުގެ މެއި 28 އަށެވެ.

ތަފްސީލު - މަޖިލިސް ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވި ފަހުން މިހާރު އެ ޖަމިއްޔާގެ މަސައްކަތްތަކުގައި ރާއްޖެއިން ބޭރުގައި އުޅުއްވަމުންދާ އިރު، މި މަހު 12ގައި އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވަނީ އެ ޖަމިއްޔާގެ މަސައްކަތްތަކަށް ވަގުތު ހުސް ކުރުމަށް ރާއްޖޭގެ ސިޔާސީ މަސައްކަތްތަކުން 'މިވަގުތަށް' ދުރަށް ޖެހިވަޑައިގައިގަންނަވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ޖަމާތުގެ ވަޒީފާގައި ހުރެ އަޅުގަނޑަށް ރާއްޖެއަށް ހިދުމަތް ކޮށްދެވޭ މިންވަރު އިންތިހާއަށް ތަނަވަސްވާނެ އެވެ. ކުރިއަށް އޮތް ޖެނުއަރީ މަހުން ފެށިގެން އަޅުގަނޑު މި ޖަމާއަތުގެ ވަޒީފާ އަދާ ކުރަން ފަށާނެ ވާހަކަ އިހްތިރާމްއާ އެކު ދަންނަވަމެވެ،" ރާއްޖެ ހިމެނޭ ގޮތަށް 11 ގައުމަކާ އެކު އުފެއްދި އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ގަބޫލުކުރެއްވިކަން ހާމަކޮށް، ނަޝީދު ނެރުއްވި ބަޔާނުގައިވެ އެވެ.

އެ މަގާމާ ނަޝިދު ހަވާލުވެވަޑައިގަންނަވަނީ، މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވާފައި ކަމެއް ނުވަތަ ނޫން ކަމެއް އެ ބަޔާނަކުން ނޭނގެ އެވެ. މިކަމާ ގުޅޭ ގޮތުން އެމަނިކުފާނުގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް 'ދައުރު'އަށް ވިދާޅުވީ އަދި މިހާތަނަށް މަޖިލިސް މެންބަރު ކަމުން ނަޝީދު އިސްތިއުފާ ދެއްވާފައި ނުވާ ކަމަށެވެ. އަދި އެކަން މަޖިލީހުގެ އިދާރާއިން ވެސް 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ގާނޫނުއަސާސީގައިވާ ގޮތުން މަޖިލިސް މެންބަރުންނަށް މެންބަރުކަމުގައި ހުރެ، ދައުލަތުގެ އެހެން މަގާމެއް އަދާއެއް ނުކުރެވޭނެ އެވެ. ބޭރު ޖަމިއްޔާއެއްގެ ނުވަތަ ބޭރު ގައުމެއްގެ އެހެން މަގާމަކާ މެންބަރަކު ހަވާލު ނުވެވޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވެ އެވެ.

ކޮމެންޓް (8)

ކުރު ކޯސް

26 ޑިސެމްބަރު 2023
މިލިޔުނު މީހައަށް ލިޔެވުނު އެއްޗެއް ނުވަތަ ގާނޫނުގައި ދައުލަތް މާނަ ކުރާ ގޮތް ފަހުމް ވޭބާ؟
1 0

އެދުރު

25 ޑިސެމްބަރު 2023
އެންމެ ލޯލާރިއެއްވެސް މަދުވާގޮތަކަށް ތި ނަޝީދު އަމަލެއް ނުކުރާނެ ޤާސިމްއަށް ސޭޓޭ ކިޔައިގެން މަލާމަތްކުރި މީހާ . އަދިވެސް ކުރުސީއޭ ކަޔައިގެން ދޮގުހަބަރު ފަތުރައިގެން ޤައުމު ހަލަބޮލިކުރެވޭތޯ ބަލަނީ
4 1

ޒާތީ

25 ޑިސެމްބަރު 2023
ހާދަ ޒާތީ ލިޔުމެކޭ. ނަޝީދު ކިޔައިންދޯ އަދިވެސް މީހުން ނޫސް ބަލަނީ ހެހެހެ
1 1

މަތީނު

25 ޑިސެމްބަރު 2023
ނޫހުގެ ރީޑަރޝިޕް މަތިވަނީ އަދިވެސް ނަޝީދޭ ކިޔައިގެން އެއްޗެއް ލިޔުނިއްޔާ
2 1

ނަސީދު

25 ޑިސެމްބަރު 2023
ނަޝިދު ވީމަ ގޯސް، މީޒާތީ ވިޔަސް ތަންފުކެއް ބޮޑުވަރު ދޯ ؟ ދީވޭހީނަކީ މިހާ ނާތަޙްޒީބު ބައްއެއްތަ،
3 2

ވަޒީރު

25 ޑިސެމްބަރު 2023
ދައުރުު ނޫހަށްް އަބުދުﷲ ސާހިދުު ދައުލަތުގެެ މަގާމެއްގައިި ހުރެެ ޔޫއެންް މަގާމެއްގައިި ހުރުންް ނުވިި މައްސަލައަކަށްް. ޢަންނިި ވީމަަ ހާދަަ ވަރެކޭޭ ދޮޮ. ޖޭޭ ފަށެއްވޭނުު އަޅެ.
3 2

އުސްތާޒު

24 ޑިސެމްބަރު 2023
ތިޔަކު އެއްވެސް ގާނޫނީ ހުރަހެއް ނެތް!
9 1

ފިތުނަ ނުޖައްސާ

24 ޑިސެމްބަރު 2023
ބުރާންތި ވެދާނެ. ބަލަ ނަޝީދުގެ ބޭރުގެ މަގާމަކީ ދިވެހި ދައުލަތުގެ މަގާމެއް ނޫނޭ. މިހާރުވެސް ބައެއް މަޖުލިސް މެންބަރުން ބޭރު ފޯރަމްތަކާ ޖަމިއްޔަ ތަކުގެ މަގާމުތަކުގައި ތިބޭ
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް